ވަކި ޖަމާއަތުގައި ހުކުރު ކުރުމަށް އެމްޑީޕީން ހިތްވަރުދޭ - މިނިސްޓަރު އުމަރު

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރުކުރާ މީހުންނަށް އެހީތެރިވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހުކުރު ކުރުމުގެ ހުއްދަނެތި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާޢަތް ހަދައިގެން، ދީނީގޮތުން ފިތުނަ ފަސާދައުފައްދަން މަސައްކަތް ކުރަމުންގެންދާ މައްސަލާގައި އެމިސްކިތުގެ އިމާމު ހައްޔަރުކޮށްފައި ހުރުމުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން މިދިޔަ ހުކުރު ދުވަހު ދަރުމަވަންތަ މިސްކިތް ކައިރިއަށް އެއްވެ އެމިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުންނަށް ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް ހިތްވަރުދީގެން އެމިސްކިތުގައި ވަނީ ހުކުރު ކޮށްފައެވެ.
ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަރުކަށި ހިޔާލުގެ މީހުންނާއި މެދު ފިޔަވަޅު އަޅާފައިވާކަމަށާއި ނަމަވެސް އެމްޑީޕީން އެމީހުންނަށް އެހީވެ، އެމީހުންގެ މެސެޖް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި އެމްޑީޕީން މިހާރު ތިބީ ހައްދުފަހަނަ އަޅާފައި ތިބި މީހުންނާއި އެކުގައިކަން ނުވަތަ "އަހަރުމެންނާއި"  އެކުގައިކަން އެޕާޓީން މިހާރު ކަނޑައަޅަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އިމާމްވެ ހުކުރު ކުރާ މީހަކު ހައްޔަރު ކުރުމުން ނަމާދު ވަގުތު ޖެހުނު އިރު ބަންގި ގޮވާނެ މީހަކު ނެތުމުން ބަންގި ގޮވީ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) އެވެ. ނަމަވެސް އެމިސްކިތުގައި ހުތުބާ ކިޔާފައިވަނީ އެހެން މީހެކެވެ.
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކޮށްފައި ވަނީ އެހެން ދުވަސް ތަކުގައި ހުކުރު ކުރާ ވަގުތަށް ވުރެ ލަހުންނެވެ. ޙުތުބާ ކިޔުން ލަސްވުމުން މިއަދު ބައެއް މީހުން ވަނީ އެހެން މިސްކިތްތަކަށް ވެސް ގޮސްފައެވެ.
ޙުތުބާ ކިޔުން ލަސްވުމުން އެސަރަހައްދުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެކަމާއި ހިތްހަަމަ ނުޖެހިގެން އެމިސްކިތައް އާންމުކޮށް ނަމާދަށްދާ މީހުންނާއި ދިމާއަށް ހަޅޭ ލަވާފައެވެ. އަދި އިމާމަކު ހައްޔަރުކޮށްފި ނަމަ އެހެން އިމާމުން ވެސް ތިބެން ޖެހޭނެ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ހަޅޭ ލެވިއެވެ. އެމްޑީޕީ އެކްޓިވިސްޓުން ބުނީ ޙުތުބާ ކިޔަން ބިރުގަތީ ސަރުކާރާއި ފުލުހުން ދެކެ ބިރުން ކަމަށެވެ.
ކުރިން ދަރުމަވަންތަ މިސްކިތުގައި އިއްވާ ޙުތުބާގައި ފުލުހުންނާއި ސިފައިންނާއި ސަރުކާރަށް ބަދުދުޢާ ކުރި ނަމަވެސް އެންމެ ފަހުން އިއްވި ހުތުބާގައި އެފަދަ ދުޢާއެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ