ހޯމް މިނިސްޓަރު އުމަރު އަދި ޖާބިރުގެ ޝަރީއަތުގެ އަޑުއެހުން މިއަދު


ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
 
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެވެ. މިނިސްޓަރ އުމަރު ނަސީރުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު ދޭއް ޖަހާއިރަށެވެ. ދައުލަތުން އުމަރު ނަސީރުގެ މައްޗަށް ކުރާ ދަޢުވާގައި ބުނެފައިވަނީ ދެހާސް ބާރަވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތޭވީސް ވަނަދުވަހު، އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުޚާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި، އެހަރަކާތްތައް ރައީސް އޮފީސް ކައިރީގައާއި، ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުންދާ ގަޑީގައާއި، އދ.ގެ މަންދޫބަކު އެއަރޕޯޓަށް ފައިބާ ގަޑީގައާއި އދ.އޮފީސް ކައިރީގައާއި އެމްއެންބީސީ ކައިރީގައި ކުއްލި ކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އެދަޢުވާއަށް އިންކާރު ކުރައްވާފައެވެ.
 
މީގެއިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއްވެސް ވަނީ މިއަދު ބޭއްވުމަށް ތާވަލްކޮށްފައެވެ. ޖާބިރުގެ މައްސަލަ ތާވަލްކޮށްފައިވަނީ އެކެއް ޖަހާއިރަށެވެ.
 
 
 މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައި ވީނަމަވެސް އޭނާ ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. ކުޑަކަމުދާ ތަކެތި ނުދިން މައްސަލާގައި ޖާބިރު އަންނަނީ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ