ފުލުހުންގެ އެސްއޯގައި ކުރިން މަސައްކަތް ކުރަމުންއައި އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަބްދުﷲ އިބްރާހީމް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ގެމަނަފުށީގައި ހުއްޓައި ގއ. ވިލިނގިލީގައި މަަސައްކަތް ކުރާ ފުލުހުން އެރަށަށްގޮސް ހުސްވި ފެބުރުއަރީމަހުގެ 26 ވަނަ ދުވަހު ފުލުހުން އޭނާގެ ފޯނު ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ކޮމިޝަނަރ ބިއުރޯގެ ހެޑްފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތްކަމަށެވެ.
މިދުވަސްވަރު ފުލުހުންތަކެއް ހައްޔަރުކުރަމުންދާކަމަށް އަޑުފެތުރެމުންދާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ ކިތައް ފުލުހުން ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ކުރިން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއްވެސް ބުނެފައެއް ނުވެ އެވެ.
ސޯޝަލްމީޑިޔާގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު، އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިއަ ވަގުތު އަބްދުﷲ އިބްރާހީމްގެ އާއިލާވެސް އެވަގުތު އެއަރޕޯޓްގައި ތިއްބެވެ.
އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެމުންދާއިރު، ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ދަށުން ހިންގަމުން އަންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ސައިފްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރުމަށްފަހު، ސައިފް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ސައިފް ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވި ކަމަށް ބުނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މީގެ އިތުރަށް އއ.ރަސްދޫން އެސްއޯގައި މަސައްކަތް ކުރާ 4 ފުލުހަކު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް އެރަށު ކައުންސިލުންވެސް މީގެކުރިން ބުނެފައިވެ އެވެ. އަދި އެެއްފުލުހަކު މިއަދުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒުނުކޮށް ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައިވެސް ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފުލުހުންތަކެއް ހައްޔަރުކޮށްފައިވާއިރު ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންސްގައި މަސައްކަތް ކުރާ ބައެއް އޮފިސަރުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެމީހުން ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ވެސް ދަނީ ގޮވާލަމުންނެވެ.
އެސްއޯގައި މަސައްކަތް ކުރި އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ