ވިކްޓަރީގެ ޗެއާމަނަކަށް މެމްބަރު މުހައްމަދު އިސްމާއިލް

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅިވަރު ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިބާކޮށްފި އެވެ.
ރޭ ބޭއްވި އެ ކްލަބުގެ އިންތިހާބުގައި ކުރިއަށް އޮތް ދެ އަހަރަށް ބޯޑަށް ކުރިމަތިލެއްވީ ކޮންމެ މަގާމަކަށް އެންމެ ކެންޑިޑޭޓެކެވެ. އެހެންވެ ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.
އަލީ އާރިފް ފުރުއްވާނީ ވައިސް ޗެއާމަން، ފައިނޭންސް އެންޑް މާކެޓިންގެ މަގާމެވެ. ޓެކްނިކަލް އެންޑް ސްޕޯޓްސް ވައިސް ޗެއާމަނަކަށް އިންތިހާބުވެވަޑައިގަތީ ކުރިން ޗެއާމަންކަން ކުރެއްވި އިބްރާހިމް ނަޒީމެވެ.
ވިކްޓަރީގެ ޗެއާމަނަށް 2016 ވަނަ އަހަރު ވެސް މުހައްމަދު އިންތިހާބުވެވަޑައިގަތެވެ. އެކަމަކު އެ ޖަލްސާ ހޯމް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އޭގެ ފަހުން ޗެއާމަނަކަށް ވަޑައިގެންނެވީ ނަޒީމެވެ. މުހައްމަދު ރޭ ވިދާޅުވީ ތާރީހީ ކާމިޔާބުތަކުގެ ތެރޭގައި ވިކްޓަރީ ކުރިމަގުގައި ވެސް ބޭއްވުމަށް އެންމެން ހިތްވަރުލައިގެން މަސައްކަތްކުރާނެ ކަމަށެވެ.
ވައިސް ޗެއާމަން އަލީ އާރިފް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގައި ރަން ވަނަތަކެއް ހާސިލްކޮށްފައިވާ މި ކްލަބަށް ކޮންމެވެސް ހިދުމަތެއްކޮށްދޭން ޖެހޭ ކަމަށާއި އެހެން މައިދާނެއްގައި އުޅުނަސް މީގެ ކުރިން ވެސް ވިކްޓަރީގެ މެޗުތައް އޮންނަ ދުވަސްތައް ބަލައި ނަތީޖާތައް ބަލާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިސްނަނީ ވިކްޓަރީއަށް އެންމެ ފައިދާވާނީ ކޮން ގޮތެއްތޯ ކަމަށާއި އެގޮތުން އާ ބޯޑް އެކުލަވާލާފައިވަނީ ވެސް ވިކްޓަރީގެ އާއިލާގެ ތެރެއިން ކަމަށެވެ. އަދި ވިކްޓަރީން ހޯދާފައިވާ ތާރީހީ ކާމިޔާބީތައް އަލުން ކްލަބަށް ހޯދައިދޭން ބޯޑާ އެކު މަސައްކަތްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި އެ މަސައްކަތުގައި ސަޕޯޓަރުންނާއި ކުޅުންތެރިންނާއި ބޯޑުގައި ދެން ތިއްބެވި ބޭފުޅުންގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވާނެ ކަމަށާއި އޭނާ އަށް ވެވުނު ހުރިހާ އެހީތެރިކަމެއް ކްލަބަށް ދޭނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ބޭނުންވަނީ ވިކްޓަރީ އަށް ހިދުމަތެއްކޮށްދޭން ކަމަށާއި މިކަމުގައި އެއްވެސް އަމިއްލަ ކަމެއް ނެތް ކަމަށެވެ.
ވިކްޓަރީގެ ބޯޑުގެ ޑިރެކްޓަރުންނަށް އިންތިހާބުވީ އަހުމަދު ނަސީރު، އިސްމާއިލް ލަތީފް، އަހުމަދު ގާލިބް، އަހުމަދު އަރީޝް (ޕަޓޭ)، އިބްރާހިމް ހިސާމް ނަސީމް، އަހުމަދު އަޔާޒް ރަޝީދު، އަހުމަދު ރިޔާޒް (ގާނާ)، އައިޝަތު އަލީފާ، މުހައްމަދު ހަމީދު (އުމަރުބެ) އަދި މުހައްމަދު ނާސިރެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލައި އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އެކަމަކު މަޑުމަޑުން ކްލަބް ހާލަތު އަންނަނީ ބަދަލުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ