ސްޕްރީމުގެ ހުކުމް ތަންފީޒްކުރުން އަވަސް ކުރުމަށް މައުމޫން އަނެއްކާވެސް ގޮވާލައިފި

ސްޕްރީމް ކޯޓު ރޭ ނެރުނު އަމުރު ތަންފީޒް ކުރުން އަވަސްކުރުމަށް ދިވެހި ފުލުހުންނަށާއި ދިވެހި ސިފައިނަށާއި އަދި އެހެނިހެން މުއަސާސާތަކަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި އެވެ.
މީގެ އިރުކޮޅެއް ކުރިން މައޫމުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހިސިފައިނާއި ދިވެހި ފުލުހުން އަދި މިނިވަން މުއަސަސާތަކުން ސްޕްރީމްކޯޓުން ކުރި ހުކުމް ތަންފީޒްކުރުމަށް ގޮވާލާ ކަމަށެވެ. އަދި ގާނޫނު ނެގެހެއްޓުމުގައި އެ
ހުކުމާ އެއްގޮތަށް އަމަލުކުރުމަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށްް ކުރެވޭ ކަމެއް ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ވަނީ، ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.
ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ އަމުރުކޮށްފައެވެ.
ހުކުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ފްލޯ ކްރޮސްކުރުން ނުވަތަ މެމްބަރުން ޕާޓީ ބަދަލު ކުރުމުން އެމެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ސްޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައިވާ ކަމުގައެވެ. ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިކަމާއި ގުޅޭ ޤާނޫނެއް މިހާތަނަށް ހެދިފައި ނުވާތީކަމަށް ބަޔާން ކޮށްފައި ވެއެވެ.
ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވާ ގޮތުން މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ ކަމުގެ ހުކުމް ސްޕްރީމް ކޯޓުން ނެރުނު ފަހުން ހަ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ސަރުކާރުންނާއި މަޖިލީހުން އެ ހުކުމާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.
ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސްޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ހަދަން ޖެހޭ ޤާނޫނު ނަހަދާ ވަނިކޮށް ކަމުގައެވެ. ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ސާފުކޮށް ކަނޑަނާޅާނީސް މެމްބަރުން މަޖިލީހަށް ވަންނަން އުޅުމަކީ ކުށެއްބަލައި ޖިނާއީ ތަހުގީގު ހިންގައި، ދައުވާ އުފުލާފައިވާއިރު އެކަމަކީ ރާއްޖޭގެ މަސްލަހަތު ގެއްލި ދުސްތޫރީ ނިޒާމާ ދުރަށް ގެންދާ ކަމެއްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ