2018 ވަނަ އަހަރުގެ ބަޖެޓާއެކު ރާއްޖެއަށް ބަހާރު މޫސުން

ތަރައްޤީއާއި ތަމައްދުނުގެ ނައު ދުއްވަމުން މިދަނީ މީގެ ކުރީން ދުވަހަކުވެސް ރާއްޖެ ނުދެކޭހާ ހަލުވި ދުވެއްޔެއްގައެވެ. އިޤްތިޞާދީ މާހިރަކާއި ޤައުމުގެ ހުންގާނު ހަވާލު ކުރި ހިސާބުން މިސްރާބު ސާފުވެ ދާންވީ އަލި މަގު ދިޔައީ ފެންނަމުންނެވެ. އެގޮތުން އަންނަ އަހަރަށް ސަރުކާރުން އެކުލަވާލާފައި އޮތް ބަޖެޓުންވެސް މި ސަރުކާރުގެ ޤާބިލުކަމާއި ޖެހިލުންކުޑަކަން ހާމަވެއްޖެއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. ކޮމެޓީ މަރުހަލާގައި އޮތް މި ބަޖެޓު ކިޔާލުމުން އަޅުގަނޑަށް ސިފަވީ ދުރާލާ ރޭވިގެން ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ބަޔަކު ކުރަމުންދާ ބުރަ މަސައްކަތެވެ. ބޮޑެތި މަޝްރޫޢު ތަކާއިއެކު އާންމު ކުރެވުނު ބަޖެޓުން އުންމީދީ ހުޅުކޮޅުގެ އަލި އިތުރަށް ގަދަވެއްޖެއެވެ.2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 27.9 ބިލިޔަން ރުފިޔާއެވެ. ހަމައެޔާއެކު 2018 ވަނަ އަހަރު ދަޢުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިޔަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފައިވެއެވެ.
ރައްޔިތުންނަށް ދަތިވާ އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމާއި، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދަޢުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ޝައުގެވެރިކަން އިތުރު ކުރުމަކީ 2018 ވަނަ އަހަރަށް ސަރުކާރުން ލަފާ ކޮށްފައިވާ ބަޖެޓުގެ މަޤްސަދެވެ. އޭގެ އިތުރުން ޤައުމުގެ އިޤްތިޞާދުގެ ދުވެލި ހަލުވިކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާ ތަރައްޤީގެ މަޝްރޫޢުތައް އިންވެސްޓުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ސަރުކާރަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ. 2016 ވަނަ އަހަރު ޓެކްސްގެ ގޮތުގައި 16.3 ބިލިޔަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފައިވެއެވެ.2018 ވަނަ އަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓުމެންތުތަކަށް ބަޖެޓުގެ 25.3 އިންސައްތަ ޚަރަދުކުރާން ނިންމާފައިވާއިރު މި ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކުރާން ކަނޑައަޅާފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށެވެ. އެގޮތުން މިފަދަ 75 މަޝްރޫއަކަށް 2.7 ބިލިޔަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ 4 ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓު ތަރައްޤީ ކުރުމާއި، ބަނދަރު ހެދުމުގެ 63 މަޝްރޫޢެއްގެ އިތުރުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢުވެސް ހިމެނެއެވެ.
ބަޖެޓުގައި ހިމެނޭ މުހިންމު ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމެންޓު ޕްރޮޖެކްޓާއި، ޓާރމިނަލް ޑިވެލޮޕްމެންޓު ޕްރޮޖެކްޓު، ސޯޝަލް ހައުސިންގ މަޝްރޫޢު، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުން، 4 ރަށެއްގައި އެއަރޕޯރޓު ޤާއިމުކުރުން، ހުޅުމާލެ އައިލެންޑު ޑިވެލޮޕްމެންޓު ޕްރޮޖެކްޓު، ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސްވަރޭޖް އެންޑު ވޭސްޓު މެނޭޖްމެންޓު ޕްރޮޖެކްޓު އަދި ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށްވުރެ ބޮޑު 20 ފަޅު ހިއްކުން ހިމެނެއެވެ. މިއިން ކޮންމެ މަޝްރޫއަކާއެކު އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަން ޔަޤީނެވެ. ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ބޮޑުތަނުން ޤައުމުގެ ޙާލަތު ކުރިއަރާނެކަން ގައިމެވެ.2012 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސިޔާސީ ބޮޑު ހަމަނުޖެހުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތެރިކަމާއި އިޤްތިޞާދީ ދުވެލި 2.5 އިންސައްތައަށް މަޑުޖެހުނެވެ. މިއީ ޤައުމުދެކެ ލޯބިވާ ކަމަށްބުނެ ރައްޔިތުންނަށް ބޮޑު މަންޒަރު ދައްކާން އުޅުނު ބަޔަކު ޤައުމު ވައްޓާލި ބޮޑު އަނދަވަޅެކެވެ. ނަމަވެސް މިކަމުން އަރައިގަނެ 2013 ވަނަ އަހަރާއި، 2014 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވެ، އިޤްތިޞާދީ ދުވެލި ހަލުވިވެ، މި ދެ އަހަރުވެސް 7.3 އިންސައްތައަށްވުރެއް މަތިން އިޤްތިޞާދު ކުރިއެރިއެވެ.
ދިވެހި ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިކަމަށްޓަކައި މިހާރުވެސް ސަރުކާރުން ދަނީ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. 6200 ހައުސިންގ ޔުނިޓު އެޅުމަށް 2018 ވަނަ އަހަރަށް ތައްޔާރު ކުރެވިފައިވާއިރު މިހާރު ސަރުކާރުން ދަނީ 80،000 މީހުންނަށް ފުލެޓުދޭ މަޝްރޫޢު އިފްތިތާހު ކުރުމަށް ތައްޔާރުވަމުންނެވެ. މި ސަބަބަށްޓަކައި ރާއްޖެ މިދަނީ "ރޮކެޓު ސްޕީޑު" ގައި ކުރިއަށޭ ނުބުނެވޭނެތޯއެވެ؟ތަޢުލީމީ ނިޒާމަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކާއެކު 2018 ވަނަ އަހަރުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކަށް ވާނީ ހުރިހާ ސްކޫލެއް ނެޓްވަރކްއަކުން ގުޅާލެވި ގުރޭޑު 1-12 އާ ދެމެދުގެ ދަރިވަރުން ސްކޫލަށް ފޮތް ދަބަސް ގެންދިއުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ފޯރުކޮށްދިނުމެވެ. މިދެންނެވި ޑިޖިޓަލް އެޑިޔުކޭޝަން ސިސްޓަމްއަށް އަންނަ އަހަރުގެ ބަޖެޓުން 138.8 މިލިޔަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ.ކުނިމެނޭޖު ކުރުމާއެކު ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީވެސް ފާހަގަނުކޮށް ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ. އެގޮތުން 2018 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައިވެސް ކުނި މެނޭޖު ކުރުމަށް ޖުމްލަ 226 މިލިޔަން ރުފިޔާ ޚާރަދުކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުންވެސް ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ 57 މަޝްރޫޢަކާއި، ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމުގެ 75 މަޝްރޫޢަކާއި، ބިން ހިއްކުމާއި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ 28 މަޝްރޫއަކާއި، ސިއްހީ އަދި އިޖްތިމާޢީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރުމުގެ 153 މަޝްރޫއަކާއި، ތިމާވެށި ރައްކާތެރި ކުރުމަށް 51 މަޝްރޫޢު އަދި މީގެ އިތުރުންވެސް އެހެނިހެން ބައެއް މަޝްރޫޢު ތަކަށް 670.8 މިލިޔަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
ކޮންމެއަކަސް މުތުލަޤަށް އެނގި ޔަޤީންވާ ކަމަކީ މިއިން ކޮންމެ މަޝްރޫއަކާއިއެކު ޤައުމުގެ ތަރައްޤީގެ ލިސްޓަށް އިތުރު ބޮޅެއް އެމުނިގެންދާނެ ކަމެވެ. ޤައުމުގެ ޙާލަތު ރަނގަޅުވެ އިޖްތިމާޢި، އިޤްތިޞާދީ އަދި އުމްރާނީ ގޮތުންވެސް ރާއްޖެ ދެކޭނީ ޒަމާނީ ތަރައްޤީ އާއި ތަހުޒީބުކަން ގައިމެވެ. ރައީސް ޔާމީން އާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ޤައުމު ދެކެ ލޯބިވާ ހިންގުންތެރީންގެ މޭސްތިރި ކަމުގައި 2018 ވަނަ އަހަރަށް ރާއްޖެ މި ކުރިމަތިލަނީ ރޭވުންތެރިކަމާއެކު އެކުލަވާލައިފައި އޮތް އުންމީދުން ފުރިގެންވާ ބަޖެޓަކާއެކުއެވެ. އަންނަ އަހަރަކީ ރާއްޖެ މިހާތަނަށް ނުދެކޭ ބަހާރު މޫސުމެއް އަންނާނެ އަހަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ