ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންމިދާ މަސައްކަތުގައި ލީޑަރުންނާއި ޕާޓީތައް ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުކަންމަތީކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އދ މާމިނގިލީގައި މިރޭ ބާއްވަމުންދާ ޖަލްސާއަށް ފޮނުއްވި ހިތާބުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް ފަރާތަކުން ނޭރުވޭނެ ކަމަށާއި ޢަޒުމަކަށްވެސް އެއްވެސް ފަރާތަކުން ގުޑުމެއް ނޭރުވޭނެ ކަމުގައެވެ.
"އަޅުގަނޑު މިވާހަކަ ދަންނަވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އެމް.ޑީ.ޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބް ޤާސިމް އިބްރާޙިމް އާއި، ޢަދާލަތު ޕާޓީގެ ރައީސް އޮނަރަބަލް ޝެއިޚް އިމްރާން ޢަބްދުﷲ ކުރައްވަމުން ގެންދަވާ ހީވާގި މަސައްކަތްތަކަށްޓަކައި އެ ތިން ބޭފޫޅުންނަށް ޙައްޤު ޝުކުރު ދަންނަވަމުންނެވެ. އަދި ނުޙައްޤުން އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޙުކުމްތައް ބާތިލުކޮށް، އެ ތިން ބޭފުޅުން ހަމަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ހަމަ މިއާއެކު ނުޙައްޤުން ޙުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް މުޙައްމަދު ނާޒިމް އާއި އެއްވެސް ކުށެއްނެތި ޖަލުގައި މުއްދަތެއްނެތް ގޮތުގައި އަނިޔާވެރި ބަންދެއްގައިވާ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙުމަދު ފާރިސް މައުމޫން ވެސް މިހާރުން މިހާރަށް މިނިވަން ކުރަމުން ގޮވާލަމުންނެވެ" ރައީސް މައުމޫނު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުންދަނީ ދިވެހި ޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ނާމާން ކަންތައްތަކުން ޤައުމު ސަލާމަތްކުރުމަށް ކަމަށާއި ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން، އަދި އިޖްތިމާޢީގޮތުން މިއަދު އަޅުގަނޑުމެންގެ ތެރެއަށް އައިސްފައިވާ ނުރަނގަޅު ކަންތައްތަކުން ޤައުމު މިންޖު ކުރުމަށްކަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ގެއްލިގެންދާ ޑިމޮކްރަސީގެ ރީތި އުޞޫލުތައް އަނބުރާގެނެސްދެވޭތޯ ކުރާ މަސައްކަތެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބާރުކެނޑި، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ބައެއް މަންދޫބުން އެއްވެސް ހަމައެއްނެތި އެމީހުންގެ މަޤާމުން ވަކިވެއްޖެކަމަށް ބުނެ، އެ މަންދޫބުންގެ އަޑުތައް އިވުނަ ނުދޭން ކުރާ މަސައްކަތް ހުއްޓުމަށް ކުރާ މަސައްކަތެއްކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި ޢާންމުވަމުންދާ ޚިޔާނާތާއި، ވައްކަމާއި، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތެވެ. ޢަދުލު އިންޞާފު ނުލިބިގެން ރައްޔިތުންގެ އެތައް ބަޔެއްގެ ޙައްޤުތައް ގެއްލިގެންދާތީ، އެކަންތައްތައް އިޞްލާޙުކުރެވޭތޯ ކުރާ މަސައްކަތެވެ. މި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން މިތިބީ ކުރިންވެސް ދެންނެވި ފަދައިން ވަރަށް ހަރުދަނާކަމާއެކު އެއްބައިވެ ގުޅިގެންނެވެ. ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ މިގުޅުން، އަޅުގަނޑުމެންގެ އުންމީދުތަކާ ހަމައަށް އަޅުގަނޑުމެން ގެންގޮސްދޭނެއެވެ. އެއްބައިވަންތަ ކަމުގެ ސަރުކާރެއް، އާދެ! "ޔުނިޓީ ގަވަރމެންޓެއް" ޤާއިމު ކުރުމުގެ މަޝްވަރާތައް އަޅުގަނޑުމެން ހަތަރު ޕާޓީއިން މިހާރު ވަނީ ފަށާފައެވެ. އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބުވާނެއެވެ" ރައީސް މައުމޫނު ވިދާޅުވިއެވެ.
މިތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުކަމާއި އެކު: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ