ޖިނާއީ ކުށްތަކާއި ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލަތަކުގައި ދައުވާ އުފުލަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އެވެ. އެ މަގާމުގައި އެންމެފަހުން ހުންނެވި އަހުމަދު މުއިއްޒުގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަކާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު އިސްތިއުފާ ދެއްވީ އެވެ، މިވަގުތު ޕީޖީގެ މަގާމު އޮތީ ހުހަށެވެ.
އަނެއްކޮޅުންޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާއިރު ކަންބޮޑުވާންޖެހޭ މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.ޕީޖީގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައުމޫން ހަމީދާމެދު އާންމުންގެ ހިޔާލު ހުރި ގޮތް ބަލަން މަޖިލީހުގެ ވެބްސައިޓުގައި އިއުލާން ކުރުމުންނެވެ. މަޖިލީހުން އެކަން ކުރިއިރު މައުމޫން ހަމީދުގެ އަމިއްލަ މޯބައިލް ނަންބަރާއި އޭނާގެ ފޮޓޯއާއި ތައުލީމީ ގާބިލްކަން އަންގައިދޭ މައުލޫމާތުތައް ވެސް އާންމުކޮށް އިއުލާންކޮށްފައި ވެއެވެ. -- އެމައުލޫމާތުތައް މަޖިލީހުގެ ވެބްސައިޓުން މިހާރު ވަނީ ނަގާފަ އެވެ. --
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެން ދައުލަތުގެ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މައްޗަށް މީގެ ކުރިން އާންމުންގެ ހިޔާލު ހޯދާފައެއް ނުވެ އެވެ. އެހެންކަމުން މައުމޫންގެ ހަމީދުގެ މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނޭ މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މި މައްސަލައާއި ގުޅިގެން ފާޑު ވަނީ ފާޑުކިޔުންތަކާ ކުރިމަތިވެފައެވެ. ވަރަށް ގިނަ އާންމުން ވެސް އަދި ސިޔާސީ ދާއިރާގެ ބޭފުޅުންނާއި ގާނޫނީ ވަކީލުން ވެސް ވިދާޅުވާ ގޮތުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވި ގޮތުގައި ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ވެސް އާންމުންގެ ހިޔާލަށް މައުމޫން ހަމީދުގެ ނަން ހުޅުވައެއް ނުލެވޭނެ އެވެ.
"އެއީ ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް.. ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަން ކުށްވެރިކުރަން. ގާނޫނާ ގަވައިދާ ހިލާފަށް މަޖިލީހަކަށް ވެސް [އެއްވެސް] ކަމެއް ކުރެވިގެން ނުވާނެ. މިކަމާއި ގުޅިގެން ނުކުންނަ ނަތީޖާ ރަންގަޅެއް ވެސް ނުވާނެ. އެހެންނަމަވެސް ވަކި ބައެއްގެ މެޖޯރިޓީ މަޖިލީހާއި ކޮމިޓީގައި އޮތީމާ ބޭނުން ކަމެއް ކުރެވިދާނެ،" މެންބަރަކަށް ވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ މުޖުތާޒު ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީ އަކުން ނިންމައިގެން އެއްވެސް މީހަކާމެދު އާންމުންގެ ހިޔާލު ހޯދޭނެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް މަޖިލީހުގެ ކޮމިޓީ އަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހަކަށް ވެސް ލިބިގެނެއް ނުވެއެވެ. ބައެއް އެހެން ގާނޫނީ ވަކީލުން ވެސް ބުރަވެ ވަޑައިގަންނަވަނީ އެއީ ނުކުރެވޭނެ ކަމެއްގެ ގޮތުގަ އެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ އަކުރު ހައެއްގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެކަމެއް ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެނެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގައި ބުނާ ގޮތުން ގައުމީ މުހިއްމު މައްސަލަ ތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބަލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ. ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ އަކުރު ހައެއް ބުނާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ. އެހެން ކަމުން މި ދެ މާއްދާގެ ރޫހާއި މައުމޫން ހަމީދުގެ މައްސަލައާ ގުޅިގެން ދަނީ ކިހާ ވަރަކަށްތޯ މިއީ ސުވާލެކެވެ.
މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް އަހުމަދު އާމިރު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ގަވައިދެއް ހަދައި އެ ގަވައިދުގެ ދަށުން މަޖިލީހުގެ ކޮމިޓީ ތަކުން އަމަލުކުރާނެ ގޮތުގެ ގަވައިދުތައް ހުރި އިރު ކޮމިޓީއަކަށް ދިރާސާކުރަން ފޮނުވާ ނަމަކަށް ރައްޔިތުންގެ ހިޔާލު ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. އަދި މައުމޫން ހަމީދުގެ މައްޗަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލި މައްސަލައިގައި މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ މުގައްރިރު، ރައްޔިތުންނާ މަޖިލީހުގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެން ކޮމިޓީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެ މައްސަލައިގެ ފުރިހަމަ ޒިންމާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނަންގަވަން ޖެހިވަޑައިގަންނަވާނެ އެވެ.
"ކޮމިޓީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ބޭރުން މަސައްކަތް ކުރެވިގެން ނުވާނެ. ހަގީގަތުގައި މައުމޫން ހަމީދާ މެދު އާންމުންދެކޭ ގޮތް ބަލަން ހުޅުވާލުމުން އެބަ އެނގޭ އެނަން ދިރާސާ ކުރުމުގެ ގާބިލްކަން މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީގައި ނެތް ކަން ވެސް މިއިން ދައްކައިދެނީ ކޮމިޓީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ނުވެގެން ރައްޔިތުންގެ އަތް މައްޗަށް ގޮތެއް ނިންމަން ދޫކޮށްލީ ކަމަށް. އެހެންވީމާ ދެންޖެހޭނީ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދެއްވަން،" އާމިރު ވިދާޅުވި އެވެ.
މި މައްސަލައަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ދާއިރު އެ ގަވައިދު 127 ވަނަ މާއްދާގެ (ހ) އާއި މިނިވަން މުއައްސަސާ ތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ ހިންގުމުގެ ގަވައިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބުނާ އެއްޗަކަށް ވެސް ބަލައިލަންޖެހެ އެވެ. އޭގައި ބުނާ ގޮތުން ކޮމިޓީން މައްސަލަތައް ނިންމުމުގައި މެންބަރުންގެ އިއްތިފާގުން އެކަމެއް ނިންމަން އިސްކަން ދޭންވާނެ އެވެ. އަދި ކޮމިޓީގެ މެންބަރުންގެ އިއްތިފާގު ނުލިބޭ ހާލަތް ތަކުގައި ކޮމިޓީން ނިންމާ ނިންމުންތައް ނިންމާނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ކޮމިޓީގައި ވޯޓްދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިނިވަން މުއައްސަސާ ތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީ ހިންގުމުގެ ގަވައިދުގައި އެ ކޮމިޓީއަށް ހުށަހެޅޭ އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ ވޯޓަކަށް އަހާކަށް ފުރުސަތު ދީފައެއް ނޯވެއެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މި މައްސަލައެއް ފެންމަތިވީ ރައީސް ޔާމީން، ޕީޖީގެ މަގާމަށް އައްޔަންކުރަން ފޮނުވާފައި ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅަކަށްވުމުންނެވެ. އެހެން ނަމަވެސް އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިވަގުތު ފެންމަތިވެފައިވާ މައުމޫން ހަމީދަކީ ރައީސް ޔާމީންގެ ކޮއްކޯފުޅަކަށް ވުމާ ގުޅުމެއް ނެތެވެ. ނުވެސް ގުޅުވޭނެ އެވެ.
ވިލިމާފާންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ގޮތުގައި މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބަލަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމި ނިންމުމަކީ މައުމޫން ހަމީދަށް "ޖެއްސުންކޮށް، ފުރައްސާރަ" ކުރުމެކެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ރައީސް ޔާމީނާ އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅަކަށްވާތީ މައުމޫން ހަމީދަށް ޖެއްސުން ކުރަން ކުރި ކަމެކޭ! ދެން ކޮބައިތޯ އެހެން ނޫނީ މިގޮތަށް އަމަލުކުރި ސަބަބަކީ؟ މައުމޫން ހަމީދަކީ މިފަދަ މަގާމަކަށް ވަރަށް ގާބިލް ތައުލީމީ ބޭފުޅެއް. ގިނަ ދުވަސްތަކެއްވެއްޖެ މިދާއިރާގައި ޕްރެޓިކްސް ކުރައްވާތާވެސް،" ނިހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވި ގޮތުގައި ދައުލަތުގެ މުހިއްމު މަގާމު ތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުމުން އާންމުންގެ ހިޔާލަށް ހުށަހެޅުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާ ގައުމު ތަކުގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް ގައުމީ ބޮޑެތި މައްސަލަ ތަކާއި، މުހިއްމު ބިލް ތަކަށް އާންމުންގެ ހިޔާލު ހޯދުމަކީ މައްސަލައެއް ނޫނެވެ. މީގެ އިތުރުން ދައުލަތުގެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ޒާތީ މައުލޫމާތުތައް އާންމު ކުރުމާއެކު އާންމުންގެ ހިޔާލަށް ހުށަހެޅުމަކީ "ނުރައްކާތެރި" ކަމެއް ކަމަށް އެމަނިކުފާނު ސިފަ ކުރައްވަ އެވެ.
"އެފަދަ ކަންކަން ކުރުމުން ދައުލަތުގެ މުހިއްމު މަގާމުތަކަށް ތައުލީމީ ގާބިލް ބޭފުޅުން ހޯދުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް. ހަގީގަތުގައި މިއޮތީ ސަރުކާރަށް ޖެއްސުމެއް ކޮށްލާފައި!" ޒާހިރު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިމައްސަލައިގައި ގޮތެއް ނިންމުން ފަސްކުރުމަށްޓަކައި ކުރެވޭ ކަންކަން. މިކަން ކުރެއްވި މެންބަރުންނަށް ހަގީގަތުގައި ސުލޫކީ ފިޔަވަޅު އެޅެންޖެހޭނެ،"
ކޮމިޓީގެ މެންބަރުންނާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އަޅަން ބައެއް ފަރާތްތަކުން ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ސުލޫކީ ގަވައިދެއް މިހާތަނަށްވެސް ފާސްކޮށްފައެއް ނޯވެއެވެ. އަދި ކޮމެޓީގެ މެންބަރުންނަށް ފާޑު ކިޔުންތައް ރައްދުވި ނަމަވެސް އެކޮމެޓީގެ މެންބަރުން އެކަން ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވަ އެވެ.
ކޮމިޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރުގެ ވިދާޅުވި ގޮތުގައިޕީޖީ އަކީ ދައުވާ ކުރުމާއި ދައުވާ ނުކޮށް ދޫކޮށްލުމުގެ ބާރު ލިބިގެންވާ ބޭފުޅަކަށްވާތީ އެފަދަ ބޭފުޅަކާ މެދު އާންމުން ދެކޭ ގޮތް ބެލުމަކީ މުހިންމު ކަމެކެވެ.
"އެބޭފުޅާ [އައްޔަން ކުރާޕީޖީ] އަކީ އެހާ ހައިބަތާއި ގަދަރު ބޮޑު ބޭފުޅަކަށްވާއިރު އެބޭފުޅާއާ ގުޅޭ ކަންކަން ވީހާ ވެސް ޓްރާންސްޕޭރެންޓް ކުރުން އަޅުގަނޑުމެންގެ ބޭނުމަކީ،" ސަމީރު ވިދާޅުވު އެވެ.
ސަމީރު ވިދާޅުވި ގޮތުންޕީޖީގެ މަގާމަށް އަވަސް އަރުވާލައިގެން ބޭފުޅަކު އައްޔަންކުރުމުގެ ބަދަލުވުމުގައި ވީހާވެސް ގިނަ މައުލޫމާތު ތަކެއް ހޯދައިގެން އެ މަގާމަށް ބޭފުޅުން އައްޔަންކުރުން މުހިއްމެވެ. އަދި މުސްތަގުބަލުގައި ވެސް ރައްޔިތުންނާ ގުޅޭ ކަންކަން ނިންމާ ފަރާތްތައް މަޖިލީހުން އައްޔަން ކުރާއިރު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމަކީ ކޮމިޓީގެ މެމްބަރުން ގެންގުޅުއްވާ ވިސްނުމެކެވެ.
ޕީޖީގެ މަގާމަށް މައުމޫން ހަމީދު އައްޔަންކުރުމުގެ ކުރިން އޭނާއާމެދު އާންމުންދެކޭ ގޮތެއް ކޮމިޓީން ބެލީ ރަގަޅު މަގުސަދެއް ކަމަށް ވެދާނެ އެވެ. ނަމަވެސް ސުވާލެއް އުފެދެނީ އެއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ނޫންތޯ ކުރެވޭ ސުވާލަށް އެކަށީގަންވާ ޖަވާބެއް ނުލިބޭތީ އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަންވީ ގޮތް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 221 ވަނަ މާއްދާއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ ތިން ވަނަ މާއްދަގަ އެވެ. އެ ދެ މާއްދާގައި މައިގަނޑަކީ ޕީޖީގެ މަގާމަށް އައްޔަންކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ކަމެވެ. އަދި ޕީޖީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއޭ އެވެ. އެހެން ކަމުން މި މައްސަލައިގެ ތެރެއަށް ހިޔާލު ހޯދުމެއް ވަން ގޮތަކީ ސާފުވާންޖެހޭ މައްސަލެކެވެ.
މައުމޫން ހަމީދާމެދު އާންމުން ދެކޭގޮތް ބެލިދާނެބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ