މިނިމަމްވޭޖު ކަނޑައަޅަންވާނީ ކުޅަދާނަ މިންވަރަކަށް, ޒަހަރަކަށް ވެގެން ނުވާނެ: ގާސިމް

މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖު) ކަނޑައަޅަންވާނީ ހުރިހާ ރައްޔިތުންނަށް ވެސް ކުޅަދާނަ މިންވަރަކަށް ކަމަށާއި މިނިމަމް ވޭޖަކީ ރައްޔިތުންނަށް ޒަހަރަކަށް ވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖު ކަނޑައެޅުން އަވަސްކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކޮށްފައި ވަނިކޮށް، ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރަނގަޅު ގޮތުގައި މިނިމަމް ވޭޖް ކަނޑައެޅިއްޖެނަމަ އެއީ ވަރަށް ރަގަޅު ކަމެއް ކަމަށާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިނިމަމް ވޭޖު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ގާނޫނު ބޮޑު ޒަހަރަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ.
''ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެބަހުރި މިނިމަމް ވޭޖު ކަނޑައަޅާފައި، ރާއްޖޭގައި ވެސް އެކަންކުރުމަކީ ވަރަށްވެސް ރަގަޅު ކަމެއް. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ބޮޑު ޒަހަރަކަށް. އެކަން ކުރައްވަންވާނީ މަޖިލިސް މެންބަރުން ވެސް ރާއްޖޭގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ވިސްނުންތެރިކަމާއެކު. ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް މާބޮޑު ބުރަދަން އަންނަަ ގޮތަކަށް މިއޭ އެޔޭ ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ. އެހާ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނީ،'' ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި މިނިމަމް ވޭޖު ކަނޑައެޅުމުގައި ގޮތް ނިންމަންވާނީ ދުނިޔޭގެ އެހެން ގައުމުތަކަުގައި ވެސް ކަންކޮށްފައިވާ ގޮތް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަން ނިންމައިފިއްޔާ އަޅުގަނޑުމެން ދާނީ ހަލާކުވެގެން. އަޅުގަނޑުމެންގެ އިގުތިސޯދީ އަދި އިޖުތިމާއީ ކަންތައްތައް ވެސް ދާނީ ފުނޑުފުނޑުވެގެން. ރާއްޖެއަށް ލިބޭ އާމްދަނީ އެކި ގޮތްގޮތައް ބެހިގެން. 8000 ރުފިޔާއިން 10000 ރުފިޔާއިން ހަދައިފިއްޔާ އަޅުގަނޑުމެން ހަލާކުވާނީ،'' އޭނާ ވިދާޅުވިއެވެ.
އިންކަމް ޓެކްސް ނެގުމާބެހޭ ގޮތުން ވެސް ގާސިމް މިރޭގެ ޖަލްސާގައި ވާހަކަދެއްކިއެވެ. ގާސިމް ވިދާޅުވީ، އިންކަމް ޓެކްސް ނަގަންވާނީ ވެސް ހަމަހަމަ ކަމާއެކުގައި ކަމަށާއި ވަކި މީހަކަށް ވީތީ ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އިންކަމް ޓެކްސް ނަގާނަމަ ކޮންމެ މީހެއްގެ އަތުން ވެސް އެ ޓެކްސް ނަގަންޖެހޭ ކަމަށާއި އެގޮތުން އެމީހަކަށް ލިބޭ އެއްޗެއްގެ ނިސްބަތުން ކޮންމެ ވެސް މިންވަރެއް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
''ގައުމުގެ ކޮންމެ ފަރުދަކު ވެސް އިންކަމް ޓެކްސް ނެގޭކަމުގައިވާނަމަ އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނެ. ވަކި ބަޔަކު އެއިން އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު އޭގެން އިސްތިސްނާ ކޮށްގެން ނުހިމަނާދާ ގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން،'' ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އިންކަމް ޓެކްސް ދެއްކުމަކީ އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ. އަދި އެ ވާޖިބު އަދާކުރުމުގައި އެންމެން ވެސް ހަމަހަމަ ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ