އެމްޑީޕީ އޮތީ މާލޭ ރައްޔިތުންނަށް މޫނުދައްކަން ލަދުން: މެމްބަރު ޝަމީމް

މާލޭގެ ރައްޔިތުން އެމްޑީޕީއަށް ދޭ ތާއީދާއި ބަލާފައި އެމްޑީޕީގެ މެމްބަރުން ތިއްބެވީ މާލޭގެ ރައްޔިތުންނަށް މޫނު ދައްކަން ލަދުން ކަމުގައި ރައްްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން، ހުސައިން ޝަމީމް ވިދާޅުވީ، އެމްޑީޕީގެ މެމްބަރަކު މާލޭގެ ގޮނޑިއަކަށް ކުރިމަތިލާއިރަށް މާލޭގެ ރައްޔިތުން އެމީހަކު އެގޮނޑިއެއްްގައި ބައިންދަވައި ދެއްވާކަމަށެވެ.
ހުސައިން ޝަމީމް ވިދާޅުވީ، އެމްޑީޕީން ތެދުވެ މާލެ ހަމައަކަށް އަޅުވައިދޭން ޖެހޭ ކަމަށާއި، މާލެ ރައްކާތެރިތަނަކަށް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި މާލޭގެ ގެތަކުގައި ހިނގާ ހާދިސާތަކުގައި އެތައް ބަޔަކު ހާލުގައި ޖެހިގެންދާތަން ބަލަން ތިބެވެން ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި މިފަދަ ހާދިސާތައް ހިނގަން މިޖެހެނީ މާލޭގެ ރައްޔިތުން ދރިއުޅެން ޖެހިފައިވާ ހާލުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"(މާލޭރައްޔިތުން) އަޅުގަނޑުމެން އެމްޑީޕީއަށް ތާއީދުދޭ ވަރުން އަޅުގަނޑުމެން މިތިބެނީ، ލަދުން. މިކަހަލަ ކަމެއް ދިމާވީމާ ގޮސް މޫނު ދިމާކޮށްލާނީ ކިހިނެއް." ހުސައިން ޝަމީމް ވިދާޅުވިއެވެ.
ހުސައިން ޝަމީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ޖާގައެއްގައި މީހުންނަށް ދިރިއުޅެވޭ ތަނެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި ކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް އެކަށީގެންވާ ޖާގައެއް ހޯދައިދިނުމަކީ އެޖެންޑާ 19 ގައި ހިމަނާފައިވާ ކަމެއް ކަމުގައިވެސް ފާހަގަ ކުރައްވައި، އެކަމަށް އާދޭސް ދަންނަވާކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް ދިރިއުޅެވޭނެ އެންމެ ކުޑަ ޖާގަ މަޖިލީހުން ކަނޑައަޅުއްވައި ދެއްވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށައެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރުވެސް ވަނީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ