އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް އެ މަޖިލީހުގެ މެންބަރަކު ހިފައި ހައްޔަރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތްކަމުގައިވިޔަސް ކުށުގެ ވެށިން މަޖިލިސް މެމްބަރެއް ފެނިއްޖެ ނަމަ އެމެމްބަރަކު ހައްޔަރުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުން މިއަދު މިގޮތަށް ކަނޑައަޅާފައިވަނީ ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ހދ.ހޮނޑައިދޫއިން ޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ބަންދުކޮށްފައި ބަހައްޓަން ނުފެންނަ ކަމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވާތީ، ދައުލަތުން ކުރި އިސްތިއުނާފާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 202 ވަނަ މާއްދާ (ރ) ގެ ދަށުން ވަކި ހާލަތްތަކެއްގައި މަޖިލީހުގެ މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފައިވާތީ ސަރުކާރުން ވަނީ މަޖިލިސް ޤަވައިދުގެ ބައެއް މާއްދާތައް ބާތިލް ކުރުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މާއްދާގައި ބުނެފައިވަނީ މީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހުގައި އޮތްވައި މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އާ ބެހޭ ގޮތުން ހުކުމުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ މާއްދާތަކާއި ފުލުހުންގެ ގާނޫނާއި އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު 202ގެ ރ. އަކީ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮއްވައި، އެއްވެސް ހާލަތެއްގައި މެންބަރުން ހައްޔަރު ނުކުރެވޭ ގޮތަށް ކަނޑައެޅުން ނޫން ކަމަށެވެ.
އެ މާއްދާގެ މަގްސަދަކީ މެންބަރަކު ކުށެއް ކުރަމުން ދަނިކޮށް ހައްޔަރު ނުކުރެވުން ކަމަށްވާ ނަމަ އެއީ ޝަރުއީ ގާއިދާތަކާ ހިލާފު ކަމެއް ކަމަށާއި ގަވާއިދުގެ އެ މާއްދާގެ މަގްސަދަކީ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ހައްޔަރު ނުކުރެވުން ކަމަށް ހައިކޯޓުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ކުށުގެ ވެށިން ފެންނަ ހާލަތްތަކެއްގައި ހައްޔަރު ނުކުރެވޭ ނަމަ އެކަން ވެގެން ދާނީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ އިތުރަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނާއި އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ނެރެ ދެމެހެއްޓުމުގެ މަގްސަދުތަކާއި ފުށުއަރާ ކަމެއް ކަމުގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެ އެވެ.
ބަނގުރަލާއި މަސްތުވާތަކެއްޗާއިއެކު ހދ. ހޮނޑައިދޫން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު އަބްދުލްޣަފޫރު ހައްޔަރުކުރުމުގެ އަމުރަކަށް އެދުނަސް އެގޮތަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ދެބޭފުޅުން ބަންދުގައި ބަންދުން ދޫކޮށްލުމަށް ކުޅުދުއްފުށީ ކޯޓުން އަމުރު ކުރި އިރު ދެބޭފުޅުން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމަށް އެކަށިގެންވާ ސަބަބެއް އޭރު އޮތް ކަމަށް ހައިކޯޓުން ގަބޫލު ކުރާތީ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލު ކުރާ ކަމަށެވެ.
ނަމަވެސް އެމައްސަލައާއި ގުޅުން ހުރި ހުރިހާ ހެކިތަކެއް ހުރީ ވެސް ފުލުހުންގެ ފަރާތުގައި ކަމަށް ގަބޫލު ކުރެވޭތީއައި ދެބޭފުޅުން ފުލުހުންގެ މައްޗަށް ނުފޫޒް ނުފޯރުވޭނެކަން ޔަގީންވާތީ ދެބޭފުޅުން ބަންދުގައި ބަހައްޓާނެ ތަނެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހޮނޑައިދޫން ފުލުހުން ހައްޔަރުކުރީ ޖާބިރާއި ޙާމިދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެން ޒަކީ އާއީ އޭނާގެ ދަރިކަލުން ހަމްދާން އާއި ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުންނާއި އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ އާއި ބިދޭސީންތަކެކެވެ. ބަންދުގައި ބަހައްޓަން މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ހަމްދާން އާއި ޖާދުﷲ އެވެ.
ކުށުގެ ވެށިން މަޖިލިސް މެމްބަރެއް ފެނުނަސް ހައްޔަރުކުރެވޭނެ ކަމަށް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ