ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރެ ވީރާނާ ވަމުންދާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސާފު ކުރުމަށް ރައްޔިތުންނާ އެކު ސިޓީ ކައުންސިލުން ވަންނާނެ ކަމަށް ކައުންސިލުން ބުނެފިއެވެ.
މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ ކުރިން އައްޑޫ ސާފު ކުރުމަށް ހިންގާ އެންމެ ބޮޑު ހަރަކާތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ޔަސްރިފް ވިދާޅުވީ އީސީސީ އެގޮތަށް ވީރާނާ ވާން ދޫކޮށްލެވެން ނެތް ކަމަށެވެ.
ޔަސްރިފް ވިދާޅުވީ އައްޑޫގެ މުވައްސަސާ ތަކާއި ރައްޔިތުން އެކުގައި ހޮނިހިރު ދުވަހު އީސީސީ ސާފުކޮށް ނިންމާލާނެކަމަށެވެ.
ހޮނިހިރު ދުވަހުގެ ސާފު ކުރުމުގެ ހަރަކާތަކީ މުޅި ސިޓީގައި އެއްވަގުތެއްގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ހުޅުމީދޫގައި ވެސް ސާފު ކުރުން ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި އީސީސީ ފިޔަވައި ހިތަދޫ، އީދިގަލި ކިޅި ސަރަހައްދާއި ކޯއްޓޭ ސާފު ކުރުމަށް ވަނީ ނިންމާފައެވެ. ހޮނިހިރު ދުވަހުގެ ހަރަކާތުގައި ފޭދޫ، މަރަދޫ އަދި މަރަދޫ ފޭދޫގެ މުވައްސަސާތަކާއި ރައްޔިތުން ބައިވެރިވާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
ޔަސްރިފް ވިދާޅުވީ އައްޑޫއަށް ޒިޔާރަތް ކުރާ ގިނަ ބަޔަކު އަބަދުވެސް އީސީސީ ބަލާލުމަށް ޒިޔާރަތް ކުރާ ކަމަށެވެ. ނަމަވެސް އެތަން މިހާރު ހުރީ ބަޔަކަށް ދައްކާލެވޭނެ ހާލަތެއްގައި ނޫނެވެ.
އީސީސީގެ އެއްވެސް ކަމަކާއި މިހާތަނަށް ހައުސިން މިނިސްޓްރީން އަޅާލާފައި ނުވެއެވެ. އެތަނުގެ ވަށައިގެންވާ ސަރަހައްދު ބޯ ޖަންގަޔަކަށް ބަދަލުވެ، އިމާރާތުގެ ބައެއްތަންތަނުގައި ދަބަރު ޖަހައި ހަލާކު ވަމުންދާއިރު އެކަމަށް އެއްވެސް މަސައްކަތެެއް ކޮށްފައި ނުވެއެވެ.
ޔަސްރިފް ވިދާޅުވީ އީސީސީގެ ހާލަތު މިހާރު ހުރީ ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައި ކަމަށެވެ. މެެއިންޓަނެންސް ނުކޮށް ހުރުމުގެ ސަބަބުން މުޅިތަން ވަނީ ބޮޑު މަރާމާތަަކަށް ބޭނުން ވެފައެވެ.
އީސީސީ ސާފު ކުރަން ރައްޔިތުން ނިކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ