ބައެއް ވަޒީރުން ދަނީ މެމްބަރުންނަށް ނުފޫޒު ފޯރުވަމުން: އާޒިމް

ބައެއް ވަޒީރުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިންމުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
އެގޮތުން އާޒިމް ވިދާޅުވީ މިކަމުގައި ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި ސީދާ މަޖިލިސްގައި ހިމެނޭ މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް މިކަން ކުރަން އުޅުންކަމަށެވެ. އަދި މިގޮތަށް ކަންކަން ތަކުރާރު ނުކުރުމަށް އާޒިމް ވަނީ ވަޒީރުންގެ ކިބައިން އެދިފައެވެ.
"ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއްނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމް.ޑީ.ޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން. މިގޮތައް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން" އާޒިމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު މަޖިލީހުން ވަނީ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓު 4.4 ބިލިއަން ރުފިޔާއަށް މަތިކޮށްދީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދީފައެވެ.
މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ފިނޭންސް އިން އިއްޔެ ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.
ނަމަވެސް މިއަދުގެ ވޯޓަށް އެހީ އެ މައްސަލަ އާއި ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެކަނި އެވެ. އަފީފް ހުށަހެޅުއްވީ މުޅި މައްސަލަ ދިރާސާކުރުމަށް މުޅި މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމެޓީއަކުން އެކަން ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެއެވެ.
އެ ހުށަހެޅުން ފާސްނުވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލައާއި މެދު ގޮތެއް ނުނިންމުނުކަން އިއުލާންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ