7 ގައުމަކުން ބައިވެރިވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމާލައިފި

7 ގައުމަކުން ބައިވެރިވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.
މި ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ކެރަމް ޗެމްޕިއަންޝިޕް "އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް"ގައި 7 ގައުމަކުން ވާދަކޮށްފައިވާއިރު މިފަހަރުގެ މުބާރާތް ބާއްވާފައިވަނީ ރާއްޖޭގައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ 6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގައި 7 ގައުމަކުން ބައިވެރިވެފައިވާއިރު، ޖުމްލަ 150 މެޗު ކުޅެވިފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 5 ދުވަހަށް ބަހާލައިގެންނެވެ.
ފޯރިގަދަ މެޗުތަކަކާއި އާ ހުނަރުތަކެއް ފެނިގެންދިޔަ ކެރަމް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ބައިވެރި 2 ޓީމުވެސް ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން، ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް ހޯދާފައިވާއިރު އަންހެން ޓީމުން ވަނީ ބްރޮންޒް މެޑަލް ހާސިލްކޮށްފައެވެ.
މި މުބާރާތުގެ ނިންމާލުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވެއެވެ. އަދި ވަނަ ލިބުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުވެސް ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ކާމިޔާބުކަމާއެކު ނިންމާލެވުނު މި މުބާރާތް ވެގެންދިޔައީ މިއަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ބޭއްވުނު ފުރަތަމަ ކުޅިވަރު މުބާރާތަށެވެ. އަދި މި މުބާރާތުގައި ދުނިޔޭގެ 1 ވަނަ ހޯދައިފައިވާ 4 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ