ކޮލެޖެއްގެ ދަށުން ފްލައިން ސްކޫލް ހިންގަން މަޝްވަރާ ކުރަނީ

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލު ރާއްޖޭގެ ކޮލެޖެއްގެ ދަށުން ހިންގުމުގެ ފުރުސަތު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލު ރަޝީދު "ސަން" އަށް ވިދާޅުވީ ފްލައިން ސްކޫލުގައި މިހާރު ހުރި މައްސަލަތަކަށް ބަލާއިރު، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށްވެސް އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ ކޮލެޖެއްގެ ދަށުން ފްލައިން ސްކޫލު ހިންގާގޮތަށް ހަމަޖެއްސުން ކަމަށެވެ. ފްލައިން ސުކޫލު މިހާރު ހިންގަމުންދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަކީ ސްރީ ލަންކާގެ ކުންފުންޏެކެވެ. އެކުންފުނިން މިހާރު ވަނީ ރާއްޖޭގެ ކޮލެޖަކާ އެކު މަޝްވަރާތައް ފަށައިފަ އެވެ. "ރާއްޖޭގެ ކޮލެޖަކާ އެކު ވާހަކަ ދެކެވި ނެގޯސިއޭޝަންތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދަން. އިރާދަކުރެއްވިއްޔާ މިކަންކަން ރަނގަޅަށް ދާ ކަމަށް ވަންޏާ ކައިރި މުސްތަގުބަލެއްގައި އެ ކޮލެޖްގެ މެނޭޖްމަންޓުން ދަރިވަރުންނާ ބައްދަލުކޮށް ކުދިންގެ ކަންކަން ކުރިއަށްގެންދާނެގޮތް ދަރިވަރުންނާ ހިއްސާ ކުރާނެ،" ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު ފަޒީލު ވިދާޅުވި އެވެ. ފަޒީލު ވިދާޅުވިގޮތުގައި މަޝްވަރާތައް ކުރެވެމުންދަނީ ފްލައިން ސުކޫލުގެ ހުރިހާ ޒިންމާއެއް ރާއްޖޭގެ ކޮލެޖަކުން ނަގާގޮތަށް ހަމަޖެއްސުމަށެވެ. އެކަމުގެ ސަބަބުން އެ ސްކޫލްގެ ދަރިވަރުންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެ ވަރަށް ބޮޑެތި ރަނގަޅުތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާތައް ނުނިމޭތީ ކޮލެޖުގެ ނަމެއް އޭނާ ހަމައެއް ނުކުރެ އެވެ. "މިކަމާ ގުޅޭގޮތުން އަދި އަޅުގަނޑުމެން ސަރުކާރާ މަޝްވަރާއެއް ނުކުރަން. މި ސްކޫލްގެ ހިންގުން ހަވާލުކުރާނެ ކޮލެޖެއް ފައިނަލްވުމުން އަޅުގަނޑުމެން ސަރުކާރާ އެކު މިކަމުގެ މަޝްވަރާތައް ކުރިއަށްގެންދާނަން. އަޅުގަނޑު ގަބޫލެއް ނުކުރަން ސަރުކާރުން މިކަމަށް ދެކޮޅު ހަދާނެ ކަމަކަށް،" ފަޒީލު ވިދާޅުވި އެވެ. ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ