ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީ ކަންބޮޑުވަން: މައުމޫން

މިނިވަން ނޫސްވެރިކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ދެނޫސްވެރިންގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމުގައި އެއްމެ މުހިންމު އެއް އަސާސް ކަމަށެވެ.
މައުމޫން ވިދާޅުވެފައިވަނީ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ތަފާތު އެކި ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމަށާއި އަދި މިހާރުވެސް އެކި ގޮތްގޮތަށް ނޫސްވެރިންނާއި މީޑިއާއަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަަމަށެވެ. އަދި ނޫސްވެރިކަމަށް ކުރިމަތިވަމުންދާ ހުރަސްތަކާ ގުޅިގެން ޕީޕީއެމުން ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ގާނޫނުއަސާސީގައި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި ވަނިކޮށް ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް ފާސްކޮށް ގާނޫނުއަސާސީގެ ބާރު ހަނިކުރުމަށް ކުރާ މަސައްކަތް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
"އަދި ހަމަ އެހެންމެ އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދު ކުރީ ވަކި ބަޔަކު ހިންގަމުންދާ ޚިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ކަމަށް ގަބޫލު ކުރެވޭ." ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީއިރު، އޭނާއަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސއްކަތް ކުރަމުންދާ ކަމަށް އެޕާޓީގެ މެމްބަރުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ރިލުވާން ވަގަށްނެގީ ކަމަށް ފުލުހުން ބުނެފައިވާއިރު ތަހުގީގު އިތުރަށް ހަރުދަނާކޮށް އެ ނާތަހުޒީބު އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ވީހާވެސް އަވަހަކަށް ގެނެސް ހައްގު އަދަބު ދިނުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.
ނޫސްވެރިންނަށް ތަފާތު އެކި ފަހަރުމަތިން ހަމަލާތައް އަމާޒުކޮށް ބިރުދައްކާފައިވާއިރު ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުވާކޮށް ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. މުހައްމަދު ވިސާމާއި، ލީވާން އަލީ ނާސީރު އަދި އާދަމް ޒަރީރު ހައްޔަރު ކޮށްފައިވަނީ ނޫސްވެރިންގެ ހައިސިއްޔަތުން ނޫސްވެރިކަމުގެ ޒިންމާ އަދާ ކުރަމުންދަނިކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް އަޅައިގެން ތިއްބާ ކަންވެސް މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން މިހާރުނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
"މީހަކު ބުނި އެއްޗެއް އެ ބުނި ގޮތަކަށް ރިޕޯޓު ކުރުމުން ނޫސްވެރިޔާއަށާއި އެ މީޑިއާއަކަށް އަދަބު ލިބެންޖެހޭ ކަމަަކަށް ނުދެކެން. އެހެންކަމުން މި ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން" ބަޔާނުގައި ވެއެވެ.
މީގެ އިތުރަށް ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމީ ހުރިހާ ދިވެހި ރައްޔިތުންނާއި ޕީޕީއެމްގެ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންކަމުން ސަރުކާރުގެ ތެރެއިން ނޫސްވެރިންނާއި މީޑިއާއަށް ކުރިމަތި ކުރުވަމުންދާ ގޮންޖެހުންތައް މިހިނދުން މިހިނދަށް ހުއްޓާލާ މިނިވަންކަމާއެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މައުމޫން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާންޖެހޭ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކަށްވެސް ގޮވާލައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ