ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށާ ގައުމާއި ރައްޔިތުންނަށްޓަކައި ތިންވަނަ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދަންޖެހޭ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީން ރޭ ގެނެސްދިން ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަ ދައްކަވަުން އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބު ރައްޔިތުން ތަޖުރިބާކޮށްފައިވާ ދެ ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެކަމަށާ އެއީ ގައުމާއިމެދު ވިސްނަވާ ލީޑަރުން މިއަދު ވިސްނަންޖެހޭކަމެއްކަމަށެވެ.
ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނާއި، ރައީސް ނަޝީދާއި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާ ތިންވަނަ ކެނޑިޑޭޓެއް ނެރުމަށް މި ދެބޭފުޅުންނަށް ތާއީދު ނުކުރާ ސިޔާސީ ބޭފުޅުންގެ ތާއީދު ބޭނުންވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މިހާތަނަށް ކޮންމެ އިންތިހާބެއްގައިވެސް ރައްޔިތުންނަށް ނިންމަންޖެހުނީ ވަރަށް އުދަގޫ ނިންމުންތަކެއް ކަމަށާ އިންތިހާބުގައި ރަނގަޅު ނޫން ދެ ކެންޑިޑޭޓުން ދެއްކުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"2013ގެ ރިޔާސީ އިންތިހާބުގައިވެސް ރައްޔިތުން ވޯޓްލާން ނިކުތް އިރު ފެންނަން މިއޮތީ ދެ ބޮން. ދެން ކިހިނެތްތޯ ގޮތް ނިންމާނީ. އިނގޭ މިވެސް ބޮމެއްކަން އަދި އެވެސް ބޮމެއްކަން. ދޭތިވެސް ގޮވާނީކަން." ރައީސް ޔާމީނާއި ރައީސް ނަޝީދަށް އިޝާރަތް ކުރައްވާ އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާގެ ނަން އޮންނާނެ ކަމަށާ އަދި އެ އިންތިހާބުގައި ރައްޔިތުންނަށް ފެންނާނެ އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށެވެ. އަދި ކުރިން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް ރިޔާސީ ރޭހަށް ނިކުންނަން ކުރި މަސައްކަތް ބަދަލުކުރީ ރައީސް ޔާމީންގެ ބާރުވެރިކަމުގައި ޕާޓީ ހިންގާއިރު، އިންސާފުވެރި ޕްރައިމަރީއެއް ނުބޭއްވޭނެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
"މި ނިންމުން ނިންމަންޖެހުނު ސަބަބު ވަރަށް ސާފު. ޔާމީން ފެކްޝަނުން ބާއްވާ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެކަަން މިއަދު އެންމެ ކުޑަކުއްޖާއަށްވެސް އިނގޭނެ،" އުމަރު ވިދާޅުވި އެވެ.
ފުރުސަތު އޮތީ ތިންވަނަ ކެންޑިޑޭޓަކަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ