ލ. އަތޮޅަށް މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ. އަތޮޅުގެ ދެރަށަކަަށް ލިބުނު ގެއްލުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ ލ. އަތޮޅުގެ ދެ ރަށަކަށް ރޭގެ ވަގުތެއްގައި ކުރި ވިއްސާރަ އާއި ގުޅިގެން ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ލ. ހިތަދޫގެ އެއް ގެއެއްގެ ފުރާޅު އެއްލާލި ކަމަށާއި އެގޭގެ ފުރާޅު މިހާރު ރަނގަޅުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރޭ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ލ. ފޮނަދޫ އަށެވެ. އުމަރު ވިދާޅުވީ ފޮނަދޫގެ 12 ގެއަކަށް ގެއްލުންތަކެއް ލިބި ރަށުގެ ބޮޑެތި ގަސްތައް ވެއްޓިފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގެ ކަރަންޓު ކަނޑައިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ލ. އަތޮޅަށް ލިބުނު ގެއްލުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިއަދު ހެނދުނު 6:00 ޖެހިއިރުން ފެށިގެން ޑިޒާސްޓާ މެނޭޖްމަންޓުގެ ޓީމެއް ލ. އަތޮޅު ކައުންސިލާއި އެމްއެންޑީއެފް އާއި ފުލުހުންނާ ގުޅިގެން ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުމަރު ވިދާޅުވީ ފޮނަދޫ ކައުންސިލުން އިސްނަގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ އާއި އަތޮޅު ކައުންސިލާ ގުޅިގެން މިހާރު އެމަޖެންސީ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ފޮނަދޫގެ ގެއްލުން ލިބުނު 12 ގެއަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރަމުންދާ ކަމަށެވެ. ފުރާޅު އެއްލާލި ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް މިހާރު ކުރަން ފަށާއިފައިވާ ކަމަށާއި އިރުއޮއްސުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ގެތަކަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރަމުންދާއިރު ކަރަންޓުގެ މައްސަލަވެސް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ފޮނަދޫގެ މަގުތަކާއި ގެއްލުން ލިބުނު ތަންތަން ސާފުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭގެ ޑިރެކްޓަ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ފޮނަދޫގައި ގެއްލުން ލިބުނެ ގެތަކުގެ ތެެރެއިން 6 ގެއެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ ހަ ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމީހުންގެ އާއިލާތަކުން ކަމަށެވ. އަދި ބާކީ ހުރި 6 ގޭގައި ވަގުތީ ބޯހިޔާވަހިކަން ލިބޭ ގޮތައް ބައެއް ކޮޓަރިތައް ބޭނުން ކުރެވޭ ހާލަތުގައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސޮފީނާޒް ވިދާޅުވީ އެންމެ ބޮޑަށް ގެއްލުން ލިބުނު 6 ގޭގެ ތެރެއިން އެއް ގެއަކަށް ވަކިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އޭގޭގައި ދިރިއުޅޭ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދަނީ އެންޑީއެމްއޭއާއި ކައުންސިލާ ރަށުގެ ރައްޔިތުންނާ ގުޅިގެން ކަމަށެވެ.
މޫސުން ގޯސްވެ ވިއްސާރަވުމާ ގުޅިގެން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި އުދަ އެރުން ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ