ކަރަންޓު ކެނޑުނީ ކޭބަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން: ސްޓެލްކޯ

މާލޭގެ ބޮޑުބައަކުން ރޭ ދަންވަރު ކަރަންޓް ކެނޑިގެން ދިޔައީ ސްޓެލްކޯގެ ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި އަދިވެސް ވެސް ކަރަންޓް ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ، ފަހަކަށް އައިސް މާލެއިން ކަރަންޓު ކެނޑެނީ އާ ޖެނަރޭޓަރު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށާއި ނަމަވެސް ރޭ ދަންވަރު ކަރަންޓު ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރެއްގެ ކޭބަލަކަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށެވެ.
މާލޭގެ ތިންބައި ކޮޅު ދެބައަށްވުރެވެސް ބޮޑު ބަޔަކުން ކަރަންޓް ދިޔަކަން ފާހަގަކުރައްވާ އަބްދުއްޝުކޫރު ވިދާޅުވީ އަދިވެސް ކަރަންޓު މާގިނައިން ބޭނުންކުރާ ވަގުތު ތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ. އަދި ވިދާޅުވީ ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށާއި އެގޮތުން މާދަމާ މެނދުރުގެ ވަގުތެއްގައި އެ މަސަައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަބްދުއްޝުކޫރު ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ މުޅިން ހައްލުވާނީ އާ ޖެނަރޭޓަރުގެ މަސައްކަތް ނިމުމުން ކަމަށާއި އެ މަސައްކަތް އަންނަ މަހު 21 ގައި ނިންމާލެވޭނެ ކަމަށެވެ.
ސްޓެލްކޯ ކުރިން އިން ބުނެފައިވަނީ އާ ޖަނެރޭޓަރާ އެކު މާލޭގެ ކަރަންޓް ކެޕޭސިޓީ 70 މެގަވޮޓަށް ވުރެ މިހާރު އިތުރުވާނެ ކަމަށާއި މިހާރު މާލޭގައި ކަރަންޓް އުފައްދަން ޖުމްލަ 27 ޖަނަރޭޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ