ނޫރުގެ މަރު: ދަށު ކޯޓުން ސަލާމަތްވި ކުއްޖަކު 10 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކައިރިން ވަޅިން ހަމަލާދީ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި އެއް ކުއްޖަކަށް ކުށް ސާބިތުނުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ކުއްޖާ 10 އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމް ކޮށްފި އެވެ. ނޫރު މަރުވެފައި ވަނީ އެ ރޭ 1:42 އެހާކަންހާ އިރު، އޭނާ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކުކޮށްފައިވާ ސައިކަލުތަކާ އަރާ ހަމަވި ވަގުތު ސައިކަލުތަކެއްގައި އައި ބަޔަކު އޭނާ އަށް ވަޅިއަކުން ހަމަލަދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާހޯދަމުން ދަނިކޮށެވެ. އެ މައްސަލައިގައި އޭރު 18 އަހަރު ނުފުރޭ ދެކުދިންނާއި، އިތުރު ދެމީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ. މައްސަލައިގައި ހިމެނޭ ދެކުދީންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ 15 އަހަރެވެ. އެ ކުއްޖާގެ މައްޗަށް އެ ދައުވާ ސާބިތުވެ، އޭނާ މަރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ދެވަނަ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ. މިއަހަރު އޭނާއަށް 23 އަހަރު ފުރޭނެއެވެ. ނޫރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުންވަނީ ހުކުމް ކޮށްފަ އެވެ. ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެކުއްޖާ ނޫރަށް ހަމަލާދިނުމުގެ ގޮތުން އެއްވެސް ކަމެއްކޮށްފައިވާކަން ނުވަތަ ކުށްކުރި ފަރާތް ފޮރުވުމުގެ ގޮތުން އަދި އެނޫން ވެސް ގޮތަކުން އެކަމުގައި ބައިވެރިވެފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ހައިކޯޓުން މައްސަލަ ބަލާ ނިންމާފައި ވަނީ އޭގެ ހަތަރު އަހަރު ފަހުން، މި މަހުގެ 26 ވަނަ ދުވަހުއެވެ. މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުالله ހަމީދު، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު އަލީ ސަމީރު އެވެ. މި ހުކުމް ކޮށްފައި ވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވެފައި ވަނީ ފަނޑިޔާރު ސަމީރުގެ އެކަންޏެވެ. ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު އަބްދުالله ހަމީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ނޫރު މަރުވެފައި ވަނީ އޭނާގެ ވާތް ފަރާތު އަރިކައްޓަށް ތިލައިގައި އަށް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދިނުމުން ކަން އެނގެން އޮންނަ ކަމަށެވެ. އަދި ހަމަލާދިން އިރު އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިސްތިއުނާފު ރައްދުވާ މީހާ އިންކަމާއި އަދި ދެ ސައިކަލު އައީ އެކުއެކީގައި ކަމަށްވާތީއާއި ހަމަލާދިނުމަށްފަހު ސައިކަލުތައް އެކުއެކީގައި ގޮސްފައިވާތީ މިއީ އިސްތިއުނާފު ރައްދުވާ މީހާ ވެސް ހަމަލާ ދިނުމުގައި ބައިވެރިވެފައި ވާކަން ދަލީލުކުރާ ކަމެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމަށެވެ. ދައުލަތުން ކުރި ދައުވާއަށް އޭނާ ވަނީ ދަށު ކޯޓުގައި އިންކާރުކޮށްފައެވެ. އެހެންކަމުން އެ ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ އަށް ޝަފަހީ ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައެވެ. މައްސަލައިގައި ހެކިބަސް ދިން މީހުން ބުނީ ނޫރަށް ހަމަލާދިން އިރު އިސްތިއުނާފު ރައްދުވާ ކުއްޖާ އެއް ސައިކަލުގައި މަޑުކޮށްލައިގެން އިން ކަމަށާއި އަދި ހަމަލާދިނުމަށް ފަހު ދެ ސައިކަލު އެކީގައި ދުއްވާފައި އެތަނުން ދިޔަ ކަމަށެވެ. މައްސަލައިގައި ލިބިފައިވާ ހެއްކަށް ރިއާޔަތްކޮށް ފަނޑިޔާރު އަބްދުއްރައޫފު އަދި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ކުށް ކުރަން އުޅުމާއި ކުށް ކުރުމުގައި އެހީތެރިވެދިނުމާ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި ކުށެއްގެ ހާދިސާ ހިނގާތަނެއްގައި މީހަކު ހަމައެކަނި އިންނަ އިނުމަކީ އާންމު އުސޫލެއްގެ ގޮތުން އެކުށުގެ ޒިންމާ އެމީހަކު އުފުލަން އެކަށީގެންވާ ސަބަބެއް ކަމުގައި ނުވިނަމަވެސް، ހާދިސާއާގުޅޭ މައުލޫމާތުއެނގިހުރެ އެހާދިސާ ހިނގާތަނުގައި އަސްލު ކުށުގެ އަމަލު ހިންގާ މީހާއަށް ހިތްވަރު ނުވަތަ އެހީތެރިވެދިނުމުގެ ގަސްދު އޮވެގެން އެކުށުގެ ހާދިސާ ހިނގާތަނުގައި އިންނަ މީހަކީ އެކުށުގެ ޒިންމާ އުފުލަންޖެހޭނެ މީހެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި އެ ހާލަތުގައި އެމީހާ އެތަނުގައި އިންނައިނުމަކީ ކުށެއްގެ ހާދިސާ ހިނގާތަނެއްގައި އެއަމަލު ހިންގި މީހާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ނުވަތަ އަސްލު އަމަލު ހިންގާ ފަރާތަށް ދިމާވެދާނެ ނުރައްކަލަކުން އެފަރާތް ސަލާމަތްކޮށްދިނުމަށް ނުވަތަ ފިލުމަށް އެހީތެރިވުމުގެ ގޮތުން އިންނައިނުމެއް ކަމުގައި ބެލެވޭނެ ކަމަށެވެ. ހަމައެއާއެކު އޭނާގެ އަމަލަކީ އެކުށުގެ ބައިވެރިން ރާވާފައިވާ ގޮތުގެމަތިން އެހާދިސާ ހިނގާތަނަށް ގޮސް އިންނައިނުން ކަމާއި، އަސްލު އަމަލު ހިންގާ ފަރާތަށް އެއަމަލު ހިންގުމަށް ހުރަހެއް، ނުވަތަ އެފަރާތަށް ނުރައްކަލެއް، ދިމާނުވާނަމަ އެހާދިސާ ހިނގާ ތަނުގައި އިންނަ މީހާގެ ސީދާ އަމަލެއް ފާޅުނުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނޫރަށް ދިން ހަމަލާއަކީ ދެ ސައިކަލުގައި އައި މީހުން ކުރިން ރާވާފައިވާ ގޮތުގެމަތިން ހިންގާފައިވާ އަމަލެއްކަމުގައި ބެލެވޭ ކަމަށާއި މުޅި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ މީހާ އެތަނުގައި ހާޒިރުވެ އިނީ ނޫރަށް ވަޅިން ހަމަލާދިން މީހާއާ ބައިވެރިވުމުގެ ގޮތުން ނޫން އެހެން ގޮތަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ކުށުގެ އަމަލު ހިންގުމުގެ ބައިވެރިއެއްގެ ގޮތުގައި އެކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ގާރީނާއިންއެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށް ދެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށް ރައުޔުގައިވެއެވެ. އެހެންކަމުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއެއްގޮތަށް ނޫންކަމަށް ގަބޫލުކުރެވޭތީ ދަށު ކޯޓުގެ އެގަޟިއްޔާގައި ކުރައްވާފައިވާ ހުކުމުގެ އެބަޔަށް ބަދަލު ގެންނަން ޖެހާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު ސަމީރު ގެއެވެ. ފަނޑިޔާރު ސަމީރު ވިދާޅުވީ އިސްތިއުނާފު ރައްދުވާ މީހާ ސައިކަލުގެ ފަހަތުގައި އިން އިނުން ފިޔަވައި އިތުރު އެހެން އަމަލެއް ކުރިކަން ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށާއި ސައިކަލުގައި އިން އިނުމުގެ އިތުރަށް އެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވާ ގޮތެއް އަދި ކުރި އަމަލެއް ދައްކާ، ދައުލަތުން އެކަމުގެ މައްޗަށް ހެއްކާއި ގަރީނާ ހުށަހަޅައިގެން މެނުވީ ގާނޫނު އަސާސީގައި ބުނާ މިންގަނޑުން އޭނާގެ މައްޗަށް ދައުވާ ސާބިތުވާން އޮތްކަމަށް ބެލެވެން ނެތް ކަމަށެވެ. ފަނޑިޔާރު ސަމީރުވެސް ވަނީ ކުށެއްގެ ހާދިސާ ހިނގާތަނެއްގައި މީހަކު ހަމައެކަނި އިންނަ އިނުމަކީ އާންމު އުސޫލެއްގެ ގޮތުން އެކުށުގެ ޒިންމާ އެމީހަކު އުފުލަން އެކަށީގެންވާ ސަބަބެއް ކަމުގައި ނުވިނަމަވެސް، ހާދިސާއާގުޅޭ މައުލޫމާތު އެނގިހުރެ އެހާދިސާ ހިނގާތަނުގައި އަސްލު ކުށުގެ އަމަލު ހިންގާ މީހާއަށް ހިތްވަރު ނުވަތަ އެހީތެރިވެދިނުމުގެ ގަސްދު އޮވެގެން އެކުށުގެ ހާދިސާ ހިނގާތަނުގައި އިންނަ މީހަކީ އެކުށުގެ ޒިންމާ އުފުލަންޖެހޭނެ މީހެއް ކަމުގައި ބެލެވޭނެ ކަމަށް އަޣުލަބިއްޔަތުން ވިދާޅުވެފައިވާ ވާހަކައަށް ތާއީދު ކުރައްވައިފައެވެ. ފަނޑިޔާރު ސަމީރު ވިދާޅުވީ ކުށެއް ކުރަމުންދާއިރު މީހަކު އާދޭތޯ ބަލަން ފާރައަށް ހުރުމާއި ކުށުގެ އަމަލު ހިންގާނެ ގޮތުގެ ޕްލޭން ހެދުމުގައި ބައިވެރިވުމާއި ހަމަލާދޭން ބޭނުންވާ މީހާ ހިފެހެއްޓުން، މަގު ބެއްދުން ނުވަތަ އެނޫންވެސް ކުށްކުރާ މީހާއަށް އެހީތެރިވެދޭފަދަ ނުވަތަ ހިތްވަރުދޭ ފަދަ އެހެން ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާނަމަ އެފަދަ މީހަކީ ކުށްކުރުމުގައި ބައިވެރިވި މީހެއްކަމަށް ބެލެވިދާނެކަމަށެވެ. އެހެންނަމަވެސް ނޫރަށް ދިން ހަމަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިސްތިއުނާފް ރައްދުވާ ފަރާތް އިން ސައިކަލަކާއި އެއްކޮށް ދުއްވަމުން ދިޔަ އެހެން ސައިކަލެއްގެ ފަހަތުގައި އިން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ނޫރު މަރުވުމަކީ އެ ހަމަލާގައި އިސްތިއުނާފްރައްދުވާ ފަރާތުން ބައިވެރިވީ ކަމުގައި ބެލެވޭފަދަ ހަރުދަނާ ހުއްޖަތެއް ކަމުގައި ބެލެވެން ނެތް ކަމެވެ. ފަނޑިޔާރު ސަމީރުގެ ރައުޔު ތަފާތުވި ނަމަވެސް، ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލްކޮށް، ނޫރަށް ތޫނު އެއްޗަކުން ގަސްދުގައި ހަމަލާދީ މަރާލުމުގައި އޭނާ ބައިވެރިވެފައިވާކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށެވެ. އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެގޮތުގެ ގަވާއިދާ، ކުޑަކުދިންގެ އަދުލުގެ ގަވާއިދަށް ރިއާޔަތްކޮށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި ކުށް ކުރި އިރު އިސްތިއުނާފު ރައްދުވާ ފަރާތަކީ ކުޑަކުއްޖަކަށް ވާތީ ކުޑަކުދިންގެ އަދުލުގެ ގަވާއިދުގެ ދަށުން ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް ވެސް ހުކުމްގައިވެއެވެ. އެފަދަ ޕްރޮގްރާމެއްގައި އޭނާ ބައިވެރިކުރުމުގެ ސަބަބުން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަށް ލިބިދޭންޖެހޭ ލުއިތައް ދިނުމަށް ހުކުމުގެ ސަބަބުން ހުރަހެއް ނެތް ކަމަށް ކަނޑައަޅައި ފަނޑިޔާރުން އަޣުލަބިއްޔަތުން ވަނީ ހުކުމް ކޮށްފައެވެ. ކުޑަކުދިންގެ އަދުލުގެ ގަވާއިދުގައި ކުށެއް ކުރާ ކުއްޖަކު އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ. ކުޑަކުދިންގެ އަދުލުގެ ގަވާއިދުގައި ބުނެފައި ވަނީ ކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެކުށަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެއްގެ ތިންބައިކުޅަ ދެބައިގެ އަދަބެއް ކަމަށެވެ. އަދި ނޫރުގެ މަރުގެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ކަނޑައަޅަންޖެހޭނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުގެ ފަރާތުން ވެސް ވަނީ ބުނެފައެވެ. އަދި ކުޑަކުދިންގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އަމަލަކުރާ ގާނޫނާއި ގަވާއިދުގެ ދަށުން ލިބިދޭ ލުއި އޭނާއަށް ދިނުމަށް ދައުލަތުގެ ފަރާތުން ވެސް އެދިފައިވާކަން ހުކުމުން އެނގެއެވެ. މީގެ އިތުރުން ކުށުގެ އުގޫބާތެއްގެ ގޮތުން ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށް އެދޭ ކަމާއި، ކުށް ކުރިއިރު އޭނާއަކީ ކުޑަކުއްޖެއް ކަމާއި، އަދި އޭނާ މީގެކުރިން ތަންފީޒުކުރަމުން ދިޔަ އަދަބުން މިނިވަންވެފައިވާ ކަމަށާއި އޭނާ ބޭނުންވަނީ އިސްލާހުވެ ރަނގަޅު މީހެއްގެ ގޮތުގައި މުޖްތަމައުގައި ދިރިއުޅެން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވެސް ވަނީ ބުނެފައެވެ. އަދި މިހާރު އޭނާގެ ބޭބެއެއްގެ ކައިރީގައި ވަޒީފާ އަދާކުރާކަމަށާއި އޭނާ ޖަވާޒީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ބުނެ އޭނާއަށްމިމައްސަލައިގައި ދެވެން އޮތް އެންމެ ލުއި ގޮތެއް ހަދައިދިނުމަށް އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ