ރައީސް ސޯލިހުގެ ވެރިކަމުގައި އަޅުގަނޑަށް ދެރަ ގޮތެއް ނުވާނެ: ގާސިމް

ޖޭޕީގެ މަސައްކަތުން މީގެ ކުރިން ވެރިކަމަށް ގެނައި ދެ ސަރުކާރުން ވެސް އަމަލު ކޮށްފައި ވަނީ ވަރަށް ދެރަކޮށް ކަމަށާއި މިއަދުގެ ސަރުކާރުން އެމަނިކުފާނާ މެދު ދެރަ ގޮތެއް ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ.
ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލުގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސޯލިހާމެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. އަދި ރައީސް ސޯލިހަކީ މަޑުމައިތިރި، ކެތްތެރިކަމާއި ވިސްނުންތެރި ކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޖޭޕީ އާއި ދިވެހި ރައްޔިތުންނާމެދު ވެސް ކުރީގެ ސަރުކާރުތަކަށްވުރެ މާ ބޮޑަށް ރަނގަޅަށް ކަންކަން ކުރައްވާނެ ކަމަށެވެ. އެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ހުރިހާ ސަރުކާރަކުންވެސް ވަރަށް ދެރަ ގޮތްގޮތް ދިމާވެފައި އެބަ ހުރި. މި ސަރުކާރަކުން ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން އަޅުގަނޑަށް އެކަހަލަ ކަމެއް ދިމާ ނުވާނެ،" ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއިން ސަރުކާރު ކޯލިޝަނުގެ ޕާޓީތަކާ ވަކިން ވާދަ ކުރަން ނިންމުމުން، ކޯފާވެ ގާސިމް ވަނީ އެމްޑީޕީއަށާއި ސަރުކާރަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ. އެހެން ނަމަވެސް، ފަހުން އޭނާ ވަނީ ސަރުކާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
މި ސަރުކާރުގައި، ދައުލަތުން ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައި ގާސިމްގެ ޑަބްލިއުއެލްޓީ ކުންފުނި ހިމެނެއެވެ. މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޑަބްލިއުއެލްޓީއަސް 29 މިލިއަން ދިނުމަށެވެ. އެކަމަކު، މަޝްވަރާކޮށް އެ އަދަދު ވަނީ ފަހުން 15 މިލިއަނަށް ކުޑަކޮށްފައެވެ. މިހާރު އެ ފައިސާ ދައުލަތުން ވަނީ ޑަބްލިއުއެލްޓީއަށް ދައްކައި ހަލާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ