މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ނަން އިއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ރިޔާސަތުން އިއްވައިފި އެވެ.
އޭނާގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްވަވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައެއް ބަލައި ނުގަތުމުން އޭނާ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވާލާ އިދާރީ މޭޒު ކުރިމަތީގައި އިހުތިޖާޖު ކުރައްވަން ފެއްޓެވުމުންނެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ގާނޫނާއި ގަވައިދާ ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް ނައްތާލުމަށް ފުލުހުން ނިންމުމާއި ގުޅިގެން އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ އެވެ. މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ކައުންސެލް ޖެނަރަލްގެ ގާނޫނީ ލަފައަށް ރިޔާސަތުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައި ނުގަނެ އެވެ.
އިބްރާހިމް ރަޝީދު އަކީ މަޖިލީހުގެ ޖަލްސާތަކަށް އާންމުކޮށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދަވާ މެންބަރެކެވެ.
ބޮންޑާގެ ނަން އިއްވާފައިވަނީ 11 ޖެހި އިރު މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ތަކުރާރުކޮށް ގޮނޑީގައި އިށީންދެ ވަޑައިގެންނެވުމަށް ރިޔާސަތުން ދެންނެވުމުން ވެސް އެގޮތަށް އަމަލު ނުކުރެއްވުމުންނެވެ. ޖަލްސާ މެދު ކަނޑާލާފައިވަނީ ބޮންޑާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަންނަވަން ދެން ނުވަތަ ސިފައިން މެދުވެރިކޮށް ތަޅުމުން ނެރުމަށެވެ.
މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ކޯރަމް ހަމަވޭތޯ މަޖިލީހުގެ ރިޔާސަތުން އަބްދުﷲ ޝާހިދު ވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރައްވާފައެވެ. އެގޮތުން ހެނދުނު 9:00 އާއި 9:30 އަދި 10:00 ގައި ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ލިބޭތޯ ރިޔާސަތުން މަސައްކަތް ކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއް ފެށޭނީ 20 މެމްބަރުން ތިއްބަވައިގެންނެވެ. ޖަލްސާ ފެށުމަށް ފަހު މެމްބަރުން ކިތަންމެ މަދުވިޔަސް، މިހާރު ގަވާއިދު އޮތް ގޮތުން ޖަލްސާ ކުރިއަށް ގެންދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ