ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން އެމައްސަލާގައި ވަކާލާތުކުރައްވާ ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އައިޝަތު މުހައްމަދުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.
ޖުލައި މަހުގެ 21 ވަނަ ދުވަހު ހުޅުވާލައިގެން ޓީވީތަކުން ވަގުތުން ދުރައްދެއްކި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައިވަނީ އައިޝަތު މުހަންމަދުއެވެ.
ރައީސް ޔާމީންގެ ފަރަތްޕުޅުން އުއްތަމަ ފަނޑިޔާރަށް ފޮނުވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލަފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފެބްރުއަރީމަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ދޮގު ހަދާފައިވާ ކަމަށެވެ.
އެސިޓީގައި ވިދާޅުވެފައިވަނީ، އެދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިންނަށް ބަޔާން ބަދަލުކުރުމަށް ރިޝްވަތު ހުށަހަޅާފައި ވާކަމަށް އައިޝަތު ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެފަހުން ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިންނަށް ނުފޫޒު ފޯރުވަން ރިޝްވަތު ދިންކަން ނޭނގޭކަމަށް ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުން އައިޝަތު މުހަންމަދު ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުން އަލަށް ފާސްކޮށްފައިވާ ގާނޫނީ ފަންނުގެ ގާނޫނުން ވަކީލުންގެ މައްސަލަތައް ބަލާނީ ބާކައުންސިލުންނެވެ. ވަކީލުންގެ މައްސަލަތައް ބެލުމުގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓަކަށް ލިބިގެނެއް ނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ މައްސަލައިގެ ޝަރީއަތް މިމަހުގެ 21 ވަނަ ދުވަހު ވަނީ ޓީވީ ތަކުން ވަގުތުން ދައްކާފައެވެ. މިއީ ޝަރީއަތުގެ މަޖިލީހެއް ޓީވީތަކުން ވަގުތުން ދެއްކި ފުރަތަމަ ފަހަރެވެ.
އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވަމުން އައިޝަތު މުހައްމަދު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.
އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއުގައި ހެކި ހުށަހެޅުމަށް އެދުވަހު ވަނީ ފަސްދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
ރައީސް ޔާމީނާއި ދެކޮޅަށް ވަކާލާތުކުރެއްވި ވަކީލާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ