ސިނާންގެ ކޮލަމް: އެމްޑީޕީގެ ތާރީޚި މޮޅު، ރައީސް ސޯލިހަށް ރައްޔިތުން ކުރާ އިތުބާރާ ގުޅިފައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ފަަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ގިނަ ވަގުތުތަކެއް ހުސްކުރައްވައި ނިކުމެވަޑައިގެންނެވީ ކެމްޕޭނުގެ ފަހުކޮޅު އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ ކެމްޕޭނުގެ ސީދާ ހަރަކާތަށް ނިކުންނެވީ އެހެން ގޮތެއް ނެތީމަ އެވެ. އެ ވިދާޅުވުމުގައި ހިކުމަތްތަކެއް އޮންނާނެ އެވެ. ބައެއް މީހުން އޭރު ފާހަގަކުރި ގޮތުގައި އެމަނިކުފާނުގެ އެ ވިދާޅުވުމަކީ އެންމެ މާނައެއްގައި ވިދާޅުވި ވާހަކަފުޅެއް ނޫނެވެ.
ރައީސް ސޯލިހުގެ ސިޔާސީ މުޅި ހަޔާތްޕުޅުގައި ވެސް، އަދި ރައީސް ކަަމަށް ވަޑައިގެންނެވި ފަހުން ވެސް ރައްޔިތުން އެމަނިކުފާނު ބަލައިގެންފައި ވަނީ ސޯލިހު ބޭފުޅެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ބަސް މަދުކުރައްވައި އަމަލު ގިނަ ކުރެއްވުމަކީ ވެސް ރައްޔިތުން ބަލައިގަންނަ ސިފައެކެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަފުޅުދައްކަވާ އިރު އިދިކޮޅު މީހުންނަށް ދަށު ދަރަޖައިގެ ބަހުރުވައިން ރައްދު ނުދެއްވުމާއި ރީތި ގޮތުގައި ފާޑުކިޔުއްވުމަކީ ވެސް ރައްޔިތުން ސިޔާސީ މީހުންގެ ފުށުން ދެކެން ބޭނުންވެ މަދުން ނޫނީ ނުފެންނަ ސިފައެކެވެ. އެހެން ކަމުން އެކަންވެސް ރައްޔިތުންނަށް ރައީސް ސޯލިހުގެ ފުށުން ފެނުނީ ބަލައިގަންނަން ފަސޭހަ ގޮތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ދުވަސްތައް ވަކި ހިސާބަކަށް ގޮސް، އިންތިޚާބަށް ކައިރިވަމުން އައި އިރު، މެޖޯރިޓީ މީހުން ގަބޫލުކޮށްގެން ތިބީ، އެމްޑީޕީއަށް ގިނަ ވެގެން ވެސް ނެގޭނީ 50 ގޮނޑި ކަމަށެވެ. ބައެއް މީހުންގެ ޖެހި ހިސާބު ހުރީ 40އިން ތިރީގަ އެވެ. ހަމަ ގައިމުވެސް އިންތިޚާބުގެ 15 ވަރަކަށް ދުވަސް ކުރީން އަޅުގަނޑާ ބައްދަލުވި އެއްވެސް މީހަކު އެމްޑީޕީއަށް 50 ގޮނޑިއަށްވުރެ ގިނައިން ނެގޭނެ ކަމަށް ގަބޫލުކޮށްފައެއްް ނުވެ އެވެ. އެ ހަފުތާގައި އަޅުގަނޑުގެ ގާތް އެކުވެރިއެއް ކަމަށްވާ ހެރިންސް ހަންނާން އޭނާގެ އަންދާޒާއެއް ހިއްސާ ކުރެއްވި އެވެ. އެއީ އެމްޑީޕީން 43 އާއި 53 އާ ދެމެދުގެ އަދަދެއް ނަގާނެ ކަމަށެވެ.
ކުރީން ވާހަކަ ދެކެވުނު ބައެއް މީހުންގެ އަންދާޒާ ވޯޓު ލާން ދެތިން ދުވަހަށް ގާތްވީ އިރު ހުރީ ބަދަލުވެފަ އެވެ. އޭގެ ބައެއް މީހުންގެ ފަހުން ކުރި އަންދާޒާ އެމްޑީޕީން ހޯދި ނަތީޖާއާ ގާތް ކުރެ އެވެ. "މިހާރު ހީވޭ 60 ވަރަކަށް ގޮނޑި ވެސް ނަގައިފާނެހެން. ރައީސް ސީދާ ދަތުރުފުޅުތައް ފެއްޓެވީމަ ވަރަށް ތަފާތު އެބަ ފެނޭ. އިބޫއަކީ ރައްޔިތުންގެ ވެރިއެއް. އިބޫދެކެ ރައްޔިތުން ވަރަށް ލޯބިވޭ. އެކަން ނަތީޖާއިން ވަރަށް ބޮޑަށް ދައްކާނެ. ހަމަ ގައިމުވެސް މި ރަށުގެ ނަތީޖާ ވަރަށް ތަފާތު ވާނެ. އިބޫ ދެކެ ރުޅި އަންނަ މީހަކު ނޫޅޭ. އިބޫއާ ދެކޮޅަށް ކިޔޭނެ އެއްޗެއްވެސް ނޯވޭ." ބިލެތްދޫގައި ދިރިއުޅޭ އަޅުގަނޑުގެ ތިމާގެ މީހަކު ބުންޏެވެ. ނަތީޖާ ނިކުތް އިރު ކުރީ ފަހަރު ބޮޑު ތަފާތަކުންް ޖޭޕީން ނެގި ބިލެތްދޫ ދާއިރާގެ ގޮނޑި މިފަހަރު ނެގީ އެމްޑީޕީންނެވެ.
ފުވައްމުލަކުން ވާހަކަދެއްކި، ސިޔާސީ މައިދާނުގައި އަބަދުވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީހަކު އަޅުގަނޑު ގާތުގައި ބުނީ ރައީސް ސޯލިހު ރަށްރަށަށް ޕާޓީގެ ކެންޑިޑޭޓުންނަށް ސަޕޯޓް ހޯއްދަވަން ދަތުރުފުޅު ތަންކޮޅެއް ފަހުން ފެއްޓެވިކަން އެއީ ނަސީބެއް ކަމަށެވެ. އެހެން ނޫން ނަމަ މިއަށްވުރެ ވެސް ތަފާތު ބޮޑުވެދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާ ބުނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ވެވަޑައިގެންނެވި ވައުދުފުޅު ތަކާއި މިވީ ކުޑަ ދުވަސްކޮޅުތެރޭގައި އެ ވައުދުތައް ފުއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން ކެމްޕޭނަށް ވީ އެންމެ ބޮޑު ފައިދާއަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން ރައްޔިތުން އެދޭ ކަންތަކަށް "އާން" ބަސް ލިބުމެވެ. ރައްޔިތުންނަށް ބޭނުންވާ ރަށްރަށުގެ ކަންކަން ޖަލްސާތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވުމުން އޭގެން ހީވެސް ނުކުރާ ފަދަ އަސަރެއް ކުރެ އެވެ. އަދި އެހާ ހިސާބުން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުން ރައީސްގެ ވާހަކަފުޅުތަކުގެ ރެކޯޑިން ހަދައިގެން އިއްވަން ފަށައެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ހިއްސާކޮށް ކެމްޕޭން މެޓީރިއަލެއްގެ ގޮތުގައި ބޭނުންކުރަން ފަށަ އެވެ. އާޚިރު ނަތީޖާއަކީ ގިނަ ރައްޔިތުން ބޭނުން ވަނީ އެމީހުން އެދޭ ކަންކަން ވުން ކަމަށް ވާތީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން ވިދާޅުވުމުން އިދިކޮޅުގެ ދޫވެސް އެހާ ހިސާބުން ބަންދުވުމެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި މި ފަހަރު ސިޔާސީ އާ ޓޫލަކަށް ވެފައި އޮތީ ވެސް ހަގީގަތުގައި ރައީސް ސޯލިހެވެ. ޕާޓީގައި ދެން ތިއްބެވި އެހެން ހުރިހާ ބޭފުޅުންނަކީ ވެސް ސަޕޯޓަރުންނަށް ކުރީގެ އިންތިޚާބުތަކުގައި ފެނި ބާވެފައި ތިއްބެވި ބޭފުޅުންނެވެ. އޭގެން ގިނަ ބޭނުންނަކީ ލީޑަޝިޕުގައި "ޅަ" އެއްޗެހި އަޅުއްވާފައި ތިއްބެވި ބޭފުޅުން ކަމުން ކެމްޕޭނުގައި "ނެގެޓިވް" ޓޫލެއްގެ ގޮތުގައި ވެސް އޭގެން ބައެއް ބޭފުޅުންގެ ނަން އިދިކޮޅުން ބޭނުންކުރި އެވެ. ވަކީން ޚާއްސަ ގޮތެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ވެސް ޕޮސިޓިވް ކަންކަން ހުރި އިރު ނެގެޓިވް ޓޫލްސްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންކަން މަދެއް ނޫނެވެ. ރަށްރަށުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުންކުރި ކެމްޕޭން ޓޫލަކީ ވެސް ރައީސް ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރި ކަމު ނުދާ ކަންކަމާއި ދީނީ ގޮތުން ރައްޔިތުން ކެކޭ ގޮތަށް އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަތަކަށް ފަރުވާ ހޯދަން ޖެހުނީ އެހެން ބޭހެއް ބޭނުން ކުރާށެވެ. އެކަމަކު ރައީސް ނަޝީދަކީ ވެސް ސަޕޯޓު ބޮޑު ބޭފުޅެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
އެމްޑީޕީގެ ކޮންމެ ކެމްޕޭނެއްގައި ވެސް ގަޔާ ދިމާއަށް އަންނަ އެންމެ ވަރުގަދަ އެޓޭކަކީ، "ލާދީނީ"ގެ ލަގަބެވެ. މި ލަގަބު އައިސްފައި އޮތީ އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެގެންކަން ގަބޫލުކުރަން ޖެހެ އެވެ.އެ ސަބަބުތަކުގެ ތަފްސީލަސް ދާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު އެކަންކަން އިސްލާހުކުރަން ކުރިޔަށް އޮތް ފަސް އަހަރު ތެރޭ ގިނަ ކަންތައްތަކެއް ކުރާން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.
ރައްޔިތުން ރައީސް ސޯލިހު ބަލައިގަންނަނީ ތަފާތުކޮށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އަބަދުވެސް ރާއްޖޭގެ އިސްލާމީ ވަހުދަތާއި ދިވެހި ގައުމިއްޔަތު ނަގަހައްޓާނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރާއި ލޯބި އެންމެ ބޮޑަށް ލިބޭ ސަބަބެވެ. އަދި މިހާ ހިސާބަށް އައި އިރު ދީނީ ކަންކަމުގައްޔާއި ގައުމީ ކަންކަމުގައި ނަމޫނާ ދައްކަވަމުން ގެންދަވާތީ އެކަން ވެސް ރައްޔިތުން އިތުބާރާ އެކު ބަލައިގަނެ އެވެ.
ރައީސް ސޯލިހު ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ގިނަ ދާއިރާތަކުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ކެމްޕޭން ތެރޭގައި އެމަނިކުފާނު ފެނުނީ ވަރަށް ވެސް އެކްޓިވްކޮށެވެ. ސަރުކާރު ހިންގަވަމުން، ޕާޓީގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން މިއަދު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައި އޮތް ޒިންމާ އާއި މަސައޫލިއްޔަތު އަދާކުރެއްވީ ވަރުބަލިފުޅުވުމެއް ނެތި އެވެ. އެންމެ ދުވަހަކު އެތައް ރަށަކަށް ދަތުރުފުޅުކުރައްވައި ރައްޔިތުންނާ ގާތުން، ކެމްޕޭނުގެ ކަންކަން ގެންދެވި އިރު، މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. ބައެއް ރަށްރަށުގައި 30 ވަރަކަށް މިނެޓު ގަދަ އަވީގައި ރައްޔިތުންނާ ސަލާމަ ކުރައްވަން ހޭދަ ކުރެއްވި އިރު، އެންމެ ރައްޔިތަކުވެސް ސަފުގައި ހުންނަވަނިކޮށް ހުއްޓަވައެއް ނުލައްވަ އެވެ. ސެލްފީ ނަންގަވަން ބޭނުންވާ ކޮންމެ ރައްޔިތަކަށް އެ ފުރުސަތުވެސް ދެއްވަ އެވެ. ގަދަ އަވީގައި ރައްޔިތުން އެމަނިކުފާނުގެ އިސްތުގުބާލަށް ނުކުމެ ތިބޭ އިރު، އެމަނިކުފާނުވެސް ކުޑައެއް ނުވަތަ ހިޔާވާން އެއްޗެއް ބޭނުމެއް ނުކުރައްވަ އެވެ. ރައްޔިތުންނަށް ވީ ހޫނެއް އެމަނިކުފާނަށް ވެސް ވާނެ އެވެ. ކުރީގެ ބައެއް ވެރީންގެ ފުށުން ނުފެންނަ ކިތަންމެ ކަމެއް ފާހަގަވި އެވެ. އަދި އަމުދުން މި ދަތުރުފުޅުތަކުގެ ތެރޭގައި ބަރާބަރަށް ނަމާދުކުރައްވަ އެވެ.
މި ހުރިހާކަމެއް ރައްޔިތުން ގާތުން ދުށްޓެވެ. ވެރިއެއްގެ ފުށުން މި ފެނުނު ކަންކަން އަދި އެ ރައްޔިތުންނާ ބައްދަލުކޮށް އެންމެ އާދައިގެ މީހާއަށް ވެސް އަހައިލަން ފަސޭހަވާނެ ގޮތަށް ރައީސް ރައްޔިތުންގެ ކިބައިން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވަން އެދިވަޑައިގެން ކުރެއްވި މަސައްކަތްޕުޅަކީ މިއަދު އެމްޑީޕީއަށް ތާރީޚީ ބޮޑު މޮޅެއް ލިބުމުގެ އެންމެ މައިގަނޑު ސަބަބު ކަމަށް ބެލެވޭނެ ފުރުސަތު އެބަ އޮތެވެ.
މާޒީގެ ތެރެއަށް ގޮސް ބަލާ އިރު، އެމްޑީޕީގެ ކުރީގެ ވެރިކަމުގައި، ނުވައެއްް މެއި 2009ގައި ބޭއްވި މަޖިލިސް އިންތިޚާބުން އެޕާޓީއަށް ލިބުނީ އެންމެ 26 ގޮނޑި އެވެ. އެއީ 75 ދާއިރާއަށް ވާދަކޮށްގެނެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ދެން އައީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. 22 މާޗު 2014ގައި އެ ފަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވި އިރު، އޭރު ވެސް ޕާޓީގެ ލީޑަޝިޕުގައި ހުންނެވީ މުހައްމަދު ނަޝީދެވެ. އެ ފަހަރު ވެސް އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ.
ރައީސް ސޯލިހު މި ފަހަރުގެ ކެމްޕޭން ތެރޭގައި 13 އަތޮޅެއްގެ 42 ރަށަށް ވަޑައިގެންނެވި އެވެ. އަދި މާލޭގައި ބޭއްވި 14 ކެމްޕޭން ހަރަކާތެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.
ގަބޫލުކުރެވޭ ގޮތުގައި މި ބޮޑު ކާމިޔާބަކީ، ރައީސް ސޯލިހު މަޖިލިސް ކެމްޕޭން ތެރޭގައި އެދިވަޑައިގެންނެވި ގޮތުގެ މަތީން ރައްޔިތުން ކުރި ވެދުމެކެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައި އިރު، ރައްޔިތުންނަށް ރައީސް ސޯލިހު ބޮޑެތި ވައުދުފުޅުތަކެއް ވެވަޑައިގެންނެވި އެވެ. ކެމްޕޭނުގައި ރައީސް ވިދާޅުވީ އެ ވައުދުފުޅުތައް ފުއްދަވައި، ރާއްޖެ ތަރައްގީކޮށް ރައްޔިތުން އެދޭ ފަދަ ބަދަލުތައް ގެންނާން އެމަނިކުފާނަށް ފަސޭހަފުޅު ވާނީ އެމްޑީޕީގެ ސިޔާސަތަތުތައް ވަކީން ޚާއްސަކޮށް އެޖެންޑާ 19 ބަލައިގަންނަ މެންބަރުން ހޮއްވަވައިދެއްވައިގެން ކަމަށެވެ. އެހެން ކަމުން ރައީސް ސޯލިހަކީ، ސޯލިހު ބޭފުޅެއްގެ ގޮތުގައި ރައްޔިތުން ކޮށްފައިވާ އިތުބާރުގެ މައްޗަށް ބަރޯސާވެ އެ އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުން އެކަން ކޮށްދިނީ އެވެ. ދެން އޮތީ ރައީސް ވެވަޑައިގެންވި ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކޮށްދެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ