ރައްޔިތުންގެ އަތުން ނަގާ ފައިސާ ގެއްލުވާލައިގެން ނުވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ އަތުން ނަގާ ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުން ރައްޔިތުންގެ އަތުން ހަމައެކަނި ޓެކްސް ނެގުމަކުން ނުފުދޭ ކަމަށާއި އެ ޓެކްސް ބޭނުން ކުރަނީ ރަނގަޅު ގޮތުގައި ކަމަށް ވުމަކީ މުހިންމު ކަމެއް ކަަމަށެވެ.
"ރައްޔިތުންގެ އަތުން ނެގޭ ފައިސާ ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. އެބެލެހެއްޓުމުގެ ނިޒާމުވެސް ޓެކްސްއާ އެކީގައި ރަނގަޅުވާން ޖެހޭނެ،" ޓެކްސްގެ ނިޒާމަށް ކޮރަޕްޝަން ވަދެގެން ނުވާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޓެކްސްއަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން އެއްވެސް ސިޔާސީ ކަމެއް އެ ނިޒާމުގެ ތެރޭގައި، އެއްވެސް މިންވަރަކަށް ހިމެނިގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޓެކްސް އޮފީހުގައި ހުންނަ އާންމު ރައްޔިތުންގެ މައުލޫމާތަކީ އެއްވެސް މީހަކަށް ލިބިގެންވާނެ މައުލޫމާތެއް ނޫން. ހަމައެކަނި ޓެކްސް އޮފީހުގައި ހުންނަން ޖެހޭނެ މައުލޫމާތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޓެކްސް ނެގުމުގެ ތެރެއިން އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން މީހަކަށް ގެއްލުން ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެގޮތުން ޓެކްސްގެ ނިޒާމާ ގުޅިފައި އޮންނަން ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ ނަޒާހަތްތެރިކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
"މީހުންގެ ލާރި، ފައިސާ މިނަގަނީ. އެ ފައިސާ ބަލަހައްޓަން ޖެހޭނެ ތެދުވެރިކަމާއެކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭ ޓްރައިބިއުނަލްގެ މަސައްކަތް މިހާރަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކުން ހުށަހަޅާ ޝަކުވާތައް ވީހާވެސް އަވަހަށް ބަލައިދިނުމަކީ ޓެކްސްގެ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާ އުފެދުނީ 2010 ވަނަ އަހަރުގެ މާޗުމަހުގެ 18 ވަނަ ދުވަހު ތަސްދީގު ކުރި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުންނެވެ. ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އައި އިރުވެސް ޓެކްސްގެ ނިޒާމު ގާއިމު ކުރަން އޮތީ ލަސްވެފައި ކަމަށެވެ. އެގޮތުން ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފުކޮށް އެންމެ ފުރަތަމަ ޓެކްސް ނަގަން ފެށީ، މީރާ އުފެދުނު ފަހުން 2011 ވަނަ އަހަރުގައެވެ. އޭގެ ކުރިން 1880ގެ އަހަރުތަކުގައި ވޯރާ ވިޔަފާރިވެރިންގެ ދުވަސްވަރު، އެމީހުން ރާއްޖެއިން ބޭރު ކުރި މުދަލުން ބާރަބައި ކުޅަ އެއްބައި ދައުލަތަށް ނަގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ