ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމަށް ވަރަށް އަވަހަށް ސޮއިކުރައްވައިފާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރަށް ފަހު މާލޭ ރަސްމީ ފާލަމުގައި މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުމޫން ވިދާޅުވީ އެ ޕާޓީގެ ވިސްނުމާ ޑރ. ޖަމީލުގެ ފިކުރު ވަރަށް ގުޅޭ ކަމަށެވެ. އަދި މިހާރު އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ނަމަވެސް ވަރަށް އަވަހަށް އެ ޕާޓީ އަށް ޑރ. ޖަމީލު ސޮއި ކުރެއްވުން އެކަށީގެންވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ޑރ. ޖަމީލުގެ ވިސްނުންފުޅު އަޅުގަނޑުމެންނާ ވަރަށް ގުޅޭ. އަދި މިހާރު އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ނަމަވެސް ވަރަށް އަވަހަށް މި ޕާޓީއަށް ސޮއިކުރައްވަފާނެ ކަންނޭނގެ. ހަމައެކަނި އެ ބޭފުޅާއެއް ނޫން. އެހެން ވަރަށް ގިނަ ބޭފުޅުން ވެސް ޕީޕީއެމާ ގުޅެން ބޭނުންވޭ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓީމާއެކީ ފުވައްމުލަކަށް ވަޑައިގެންނެވި ޑރ. ޖަމީލު އެ ޕާޓީގެ ރަނިންމޭޓަކަށް ވެދާނެތޯ ކުރި ސުވާލުގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ ރަނިންމޭޓެއް ކަނޑައެޅުމުގެ މަސައްކަތް އަދި ނުފަށާ ކަމަށެވެ. އެކަމަކު ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުށަހަޅުއްވާ ނަމަކަށް ކައުންސިލްގެ ރުހުން ލިބިއްޖެ ނަމަ ރަނިންމޭޓެއް ކަނޑައެޅިގެންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ކައުންސިލުން ބޭނުންވެއްޖެ ނަމަ އެހެން ޕާޓީއެއްގެ މީހަކު ވެސް ރަނިންމޭޓަކަށް ހަމަޖެއްސިދާނެ ކަމަށާއި އަދި އެ މީހަކާ ވާހަކަ ދައްކައިގެން އޭނާ ޕާޓީގެ މެމްބަރަކަށް ވެސް ހެދިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވަޑައިގަންނަވަން ޖެހޭނީ ރައީސް މުހައްމަދު ވަހީދުގެ ފަހަތްޕުޅުން ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ހަސަން ސައީދު މިއަދު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ޕީޕީއެމުން އެއްވެސް ބަޔަކާ ހަނގުރާމަކުރަން ބޭނުން ނުވާ ކަމަށާއި އެ ޕާޓީގެ އަމާޒަކީ ގައުމަށް ހަމަޖެހުން ހޯދައިދިނުން ކަމަށެވެ. އަދި އެ ޕާޓީން ދައްކަނީ ވެސް ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ވާހަކަ ކަމަށާއި އެހެން ބަޔަކު އެ ފަދަ ވާހަކައެއް ދެއްކުމަކީ ޕީޕީއެމްގެ މައްސަލައެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމުން ފުވައްމުލަކަށް ކުރި ދަތުރަކީ އެ ޕާޓީން މިހާތަނަށް އެއްވެސް ރަށަކަށް ނުކުރާ ފަދަ ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި ފުވައްމުލަކަށް މީހަކު ގޮސްގެން މަރުހަބާ ނުކިޔާ ވަރަށް، ޕީޕީއެމްގެ ޓީމަށް އެ ރަށުން މަރުހަބާ ކިޔާފައިވާކަން ފާހަގަ ކުރައްވައި އެ ރަށުގެ ރައްޔިތުންނަށް އެ މަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ.
ޑރ. ޖަމީލް ވަރަށް އަވަހަށް ޕީޕީއެމަށް ސޮއިކުރެއްވުން އެކަށީގެންވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ