ފުޓްބޯޅަ ކުޅުންތެރިޔާ ރިލޭގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށް ދީފި

މާޒިޔާ އާއި ގައުމީ ޓީމުގެ ޑިފެންޑަރު ރިލުވާން ވަހީދު (ރިލޭ)ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށް ދީފި އެވެ.ރިލޭ އިއްޔެ ހައްޔަރު ކުރުމަށްފަހު މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.ރިލޭ ހައްޔަރުކުރި ސަބަބު ފުލުހުން ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި މައްސަލައިގެ ތުހުމަތުގަ އެވެ.ރިލޭގެ ބަންދަށް ކޯޓުން މުއްދަތު އިތުރުކޮށްދިން އިރު، އޭނާ ކުޅޭ މާޒިޔާ ޓީމުން އޭއެފްސީ ކަމުގެ މެޗެއް ކުޅުމަށް ރޭ ވަނީ ވިއެޓްނާމަށް ފުރައިފަ އެވެ.މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ރިލޭ މި އަހަރުގެ ޖެނުއަރީ މަހު އެ ކްލަބުން ދޫކޮށްލީ ވެސް އަހުލާގީ މައްސަލައަކާ ގުޅިގެންނެވެ. ނިއު އިން ރިލޭގެ ކޮންޓްރެކްޓް އުވާލީ ޕްރެކްޓިކުގައި ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދާ ހިނގި ޒުވާބެއްގެ ތެރެއިން، ސަޕޯޓަރުންނާ ކުޅުންތެރިން ކުރިމަތީ އިމްރާނާ ދިމާލަށް ތަކުރާރުކޮށް ހުތުރު އެއްޗެހި ގޮވި މައްސަލައިގަ އެވެ.މީގެ އިތުރުން މިދިޔަ އަހަރު ނިއުގެ ހުއްދަ ނުހޯދައި މެލޭޝިއާގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔަ މައްސަލައިގައި އެއް މަހުގެ މުސާރަ އިން އޭނާ ޖޫރިމަނާކޮށް ޓީމުގެ ކޯޗާއި ކުޅުންތެރިންގެ ކިބައިން މާފަށް އެދެން ވެސް އަންގާފައިވެ އެވެ.ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު ވިކްޓަރީ އަށް ވެސް ކުޅުނު ރިލޭ އަކީ މި ވަގުތު ހުރި އެންމެ އިތުބާރު އެއް ވާތު ބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ