ރައީސް ނާސިރު ކުރެއްވި ވަސިއްޔަތާއި ދެއްކެވި މަގު މައުމޫން އިހްތިޔާރުނުކުރީ ކީއްވެ؟

ދެ ވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ފަހާމަތުއްރައީސް ސާހިބުއްދައުލާ، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރިވެރިޔާ ވެލާނާގެ އިބްރާހީމް ނާސިރަކީ ދިވެހި ގައުމަށް އަގުނުކުރެވޭހާ ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ގައުމީ ބަލަތަލެކެވެ. އިނގިރޭސިން ރާއްޖެ އަށް ވެރިވެގަންނަން ކުރެއްވި މަސައްކަތުގައި ދެއްކެވި އެއްވެސް ބިރަކަށް ޖެހިލުންވެވަޑައިނުގެން ވަރަށް ކެރިގެން ކުރިމަތިލައްވައި ގައުމުގެ އިސްތިގްލާލް ދިފާއުކުރެއްވި އެވެ. މުވާސަލާތީ ގުޅުންނެތް، ޒަމާނެއްގައި އިނގިރޭސިން އަޑީގައި ތިބެގެން އުފެއްދި މަޝްހޫރު ދެކުނު ބަގާވާތް ވެސް ނުހަނު ހިކުމަތްތެރިކަމާއެކު ރޫޅާލެއްވި އެވެ. އިނގިރޭސީންގެ އަތުން ރާއްޖެ އަށް ހަގީގީ މިނިވަންކަން ހޯއްދަވައިދެއްވި އެވެ. 10 އަހަރު ބޮޑުވަޒީރުކަން ކުރެއްވި ނާސިރަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުގެ އަސްލަކީ މިދެންނެވިފަދަ ގައުމީ މަސައްކަތްތަކުގައި އެމަނިކުފާނު ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ހިކުމަތުއަމަލީ އެވެ.
ނަމަވެސް ރައްޔިތުން ދެއްވި ވެރިކަން ނާސިރުކުރެއްވީ އެންމެ 10 އަހަރު އެވެ. ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވީ އެވެ. ދެއްކެވީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ދެއްކެވި ފަދަ މިސާލެކެވެ. މަންޑޭލާ ވިދާޅުވީ ވެރިކަމަކީ މަސްތެއް ކަމަށާއި އެމަސްތުގައި ރަނގަޅަށް ޖެހިއްޖެނަމަ ސަލާމަތްނުވެވޭނެ ކަމަށެވެ.
ނާސިރަށްފަހު ވެރިކަމަށް ވަޑައިގަތީ މއ.ކިބިގަސްދޮށުގޭ މައުމޫން އަބުދުލްގައްޔޫމެވެ. އެޒަމާނުގައި ސަރުކާރުގެ ބޮޑުންގެ ދަރީންނަށް ކިޔެވުމުގެ ފުރުޞަތު ދެއްވާ އުސޫލުން ސިލޯނަށް ކިޔަވަންފޮނުވި ކުއްޖެކެވެ. ކިޔަވާވިދާޅުވެގެން އެނބުރި ވަޑައިގެން ނާސިރު އަރިހުގައި މަސައްކަތްކޮށް ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އެވެ. އެކަމަކު ކިޔަވާވިދާޅުވިއިރު ވެސް މައުމޫން ގެންދެވީ ރާއްޖޭގެ ވެރިކަން ހޯދޭނެ ގޮތްތައް ރާވަމުންނެވެ. އަރަބި ކަރަތަކުން ފެނުނު ރަސްރަސްކަލުންގެ ހައިބަތާއި ގަދަރުފެނި އެގޮތުގައި ހަޔާތް ހޭދަކުރެއްވުމަށް ގަސްތުކުރައްވައި އަރިހު ބޭކަލުންނާއެކު މަޝްވަރާކުރައްވައި ފުރަތަމަ ކުރެއްވި ކަމަކީ ނާސިރާ ދެކޮޅަށް ނޫސްނެރުމެވެ.
ޑރ. ޒާހިރު ހުސައިން ފަދަ ބޭފުޅުން ނެރުއްވި މޯނިންގްސަން ފަދަ ނޫސްތަކަކީ ސީދާ ނާސިރަށް އަމާޒުކުރެއްވި ނޫސްތަކެވެ. ނާސިރު ވެރިކަން ދޫކޮށްލައްވަން ނިންމަވައި މަޖިލީހުގެ ތެރެއިން މައުމޫނަށް ތާއީދު ކުރެއްވި އެވެ. އެއަށްފަހު ހިޔާރުކުރެއްވީ ގައުމު ދޫކޮށް ވަޑައިގެންނެވުމަށެވެ. އަދި މައުމޫނަށް ވަސިއްޔަތެއް ވެސް ކުރެއްވި އެވެ. ވެރިކަމަކީ ރައްޔިތުންގެ އެއްޗެއްކަމާއި ގިނަވަގެން 10 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުންނެވުމަށެވެ. އަދި މައުމޫނަށްފަހު އިލްޔާސް އިބްރާހީމަށް ރާއްޖޭގެ ވެރިކަން ހޯއްދައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ނަމަވެސް މައުމޫން ވެރިކަމަށް އިސްވެވަޑައިގަތުމާއެކު، ގަސްތު ކުރެއްވީ މިއާ މުޅިން އިދިކޮޅަށެވެ. އުމުރުދުވަހު ވެރިކަމުގައި ހުންނެވުމުގެނިޔަތުގައި މައުމޫނު ފުރަތަމަ ވެސް ދިމާކޮށްލެއްވީ ނާސިރާ އެވެ. ސިޔާސީ ގޮތުން އެއްވެސް އާރެއް ބާރެއް އަލުން ނުހޯއްދެވޭނެވަރަށް ނާސިރު ނިކަމެތިކޮށްލެއްވުމަށް ނިންމަވައި ސަރުކާރުގެ އިސް މަސްއޫލުވެރީން ކުރީ ސަފުތަކުގައި ތިއްބަވައިގެން، ރައްޔިތުން ގޮވައިގެން މަގުތައްމައްޗަށް ނުކުމެ ރައީސް ނާޞިރާ ދެކޮޅަށް މުޒާހަރާކުރުވި އެވެ. ނާސިރުގެ އެއްވެސް ބަހެއްހޯދުމެއްނެތި އެމަނިކުފާނަށް ގައުމަށް ވެސް ވަޑައިގަންނަވަން ފުރުސަތު ނުދެއްވައި އައިރު ހާޒިރުގައި ޝަރީޢަތް ހިންގުވައި، މަތިމައްޗަށް ޙުކުމްތައްކޮށްލީ އެވެ. ރާއްޖެ ނުދެކޭފަދަ ބޮޑު ހިޔާނާތްތެރިއަކަށް ނާސިރު ހައްދަވައި އެމަނިކުފާނުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނެންގެވި އެވެ. ނުވިތާކަށް މަލާމާތާ ހަޖޫކިޔައި ޗާޕްކުރި ފުރައްސާރައިގެ ކާޓޫނުތަކާއި، ހަޑިހުތުރު ބެރެކި ޢިބާރާތްތައް ހިމަނައިގެން ހަދައި ޢާއްމުކޮށް މުޅިރާއްޖޭގައި ޖެހި ލަވަތަކުގެ ފަހަތުގައި އޮތީ ކޮން މަޤްޞަދެއްތޯއެވެ؟
މައުމޫނު ކުރެއްވި 30 އަހަރުގެ ވެރިކަމުގެ ފަތްފުށްތައް ނިއުޅައިލުމުން ފެންނާންއޮތީ މުޅީންވެސް މިފަދަ ނޭއްގާނީ ކަންތައްތަކެވެ. މައުމޫން ކުރައްވަމުންދިޔަ ވެރިކަމާ ކިރިޔާ ވައިއެޅިލާން މީހަކު ނިޔަތްގަތްހެން ހީފުޅުވިޔަސް އެމީހެއްގެ މައްޗަށް ޝަރީޢަތް ހިންގުމާއި، ދިގުމުއްދަތަށް ޖަލަށްލުން ނުވަތަ ރާއްޖެއިން ފަހައި ބޭރުކުރުމުގެ ސިލްސިލާއެއް ކުރިއަށް ގެންދިޔަ އެވެ.
މި ލިސްޓުގެ އެންމެ ކުރިއަށް އަންނަ އެއްބޭފުޅަކީ ރީކޯ އިބްރާހީމް މަނިކެވެ. މި ގޮތުން 1983 ވަނަ އަހަރު ޤާނޫނާ ޚިލާފަށް ވެރިކަމަށް އަންނަން އުޅުނުކަމުގެ ތުހުމަތުގައި ރީކޯ އިބްރާހީމް މަނިކަށް ޖަލުގެ ޙުކުމެއް ކުރެއްވި އެވެ. އެއަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖެ ދޫކުރައްވަން ޖެހިވަޑައިގަތީ ވެސް މައުމޫންގެ އުނދަގޫ ބޮޑުވެގެންނެވެ. ޑރ. ވަހީދަކީ ކިޔަވާވިދާޅުވެގެން ހުންނެވި ތައުލީމީ ބޭފުޅަކަށްވުމުން އަދި މަޖިލީހުގެ އިންތިހާބުގައި ހޯއްދަވަން ފެއްޓެވި ތާއީދުގެ ސަބަބުން އެމަނިކުފާނަށް ޒާތްޒާތުގެ ބިރުދައްކަންފެއްޓެވީ އެވެ. ނަތީޖާއަކަށްވީ މައުމޫންގެ ވެރިކަމުގައި 15 ވަރަކަށް އަހަރު ވަހީދަށް ރާއްޖޭގެ އެއްވެސް ދިމާއަކުން ޖާގަ ނެތި، ގައުމުން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުމެވެ. މިލިސްޓަށް ދެން އަންނަނީ ޅިޔަނު އިލްޔާސް އިބްރާހީމެވެ. 1993 ވަނަ އަހަރު ވެރިކަމުގެ ވާދަވެރިކަމުގައި މައުމޫނު ކުރިމަތިލެއްވީ ޅިޔަނު އިލްޔާސް އިބްރާހީމްއާއެވެ. އެފަހަރު މަޖިލީހުގެ ތެރެއިން ނެގިވޯޓުގައި އިލްޔާސް އިބްރާހީމް ކާމިޔާބު ކުރެއްވިކަމަށް ބުނާބޭފުޅުން އަދިވެސް ވަރަށް ގިނަ އެވެ. އެކަމަކު އެންމެ ދެ ވޯޓުގެ ތަފާތުން މައުމޫން މޮޅުވިކަމަށް ނިންމައި އިލްޔާސަށް ހޭއަރުވާލި އެވެ. ހިޔާނާތުގެ ތުހުމަތު އަޅުވައި، ގައުމުން ބޭރަށް އަރުވާލީ އެވެ. އަދި ވެރިކަން ހޯއްދެވުމަށް ފަންޑިތަ ސިޙުރު ހައްދަވައި، ރިޝްވަތުދެއްވައި، އުކުޅުވަޅުގައި ފެންމަތުރައި އުނގުޅުއްވިކަމުގެ ތުހުމަތަށް ދާންދެން އިލްޔާސްގެ މައްޗަށް ކުރެވި މަތިމައްޗަށް ޙުކުމްތައް އައީއެވެ. އެއަށްފަހު ސިޔާސަތާބެހުމާ ޓެރަރިޒަމާ ވައްކަމުގެ ތުހުމަތުތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވަނީ މައުމޫނުގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައެވެ.
މިހެންވެ މައުމޫން ފާހަގަ ކުރެވެނީ ސިޔާސީގޮތުން ގަޓްނެތް ބޭފުޅަކަށެވެ. ކިރިޔާ އުރައްޕެއް ހުރިކަމަށް މައުމޫނަށް ހީފުޅުވާ މީހާގެ މަގުވެސް ބަންދުކުރައްވައިގެން ވެރިކަން ދެމެހެއްޓެވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ އެވެ. ނާސިރު ފަދައިން މައުމޫންވެސް ޑިމޮކްރަސީ ދައްކަވައި ވެރިކަމުގެ ދުވަސްވަރަށްފަހު ހަމަޖެހޭ ދިރިއުޅުއްވުމަށް އިހްތިޔާރުކުރެއްވިނަމަ މިއަދު ހާދަހާ ތައުރީފަކާއި ހެޔޮއެދުންތަކެއް އެމަނިކުފާނާއެކުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ