އަބްދުﷲ ގާޒީ މައްސަލައިގެ ދައުވާ ލިބޭތީ ނަޝީދަށް ވެސް ހުއްދަ ނެތި ނުފުރުއްވޭނެ ކަމަށް އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ދައުވާ ލިބޭ އެއްވެސް މީހަކު، އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ނުފުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަންގައިފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ކުރީގެ ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައި ވާތީ ދައުވާ ލިބޭ އެއްވެސް ފަރާތެއް ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ފުރައިގެން ނުދިއުމަށް އަންގާފައިވާނެ ކަމަށެވެ. މީގެ އިތުރުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ވަކީލުން އައްޔަން ކުރުމުގެ ފުރުސަތާއި މައްސަލައިގެ ލިޔުންތައް ލިބެން ހުރިކަން އަންގާފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުގެ ހުއްދަ ނެތި ނުފުރަން އެންގުމަކީ އާންމު އުސޫލުން މިހާރު ވެސް ހުރިހާ ކޯޓުތަކުން އަމަލުކުރަމުން އަންނަ ގޮތެއް ކަމަށެވެ.
"ހުރިހާ ކޯޓަކުން ވެސް އަމަލުކުރާ އާންމު ޕްރޮސީޖާއެއް އެއީ އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުން އެ މައްސަލައެއް ނިމުމުގެ ކުރިން ރަށުން ބޭރަށް ވަޑައިގަންނަވާ ކަމަށް ވަނީ ނަމަ ކޯޓަށް މީހުން ހާޒިރުކުރުމުގެ ގަވާއިދުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް. އެއީ ކޯޓުގެ ހުއްދަ ލިބިގެން ފުރައިގެން ދިއުން،" އޮފިޝަލް ވިދާޅުވި އެވެ.
ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި ބުނަނީ ކޯޓަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ދައުވާކުރާ ނުވަތަ ދައުވާ ލިބޭ ފަރާތް ކޯޓުގެ ހުއްދަ ނެތި ފުރައިގެން ގޮސްގެންނުވާނެ ކަމަށެވެ.
އަބްދުﷲ ގާޒީގެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ ގޮތަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި މައްސަލައިގެ ޝަރީއަތް ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލްގައި ބާއްވަން ވަނީ ނިންމާފަ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ނަޝީދުގެ މައްޗަށް މި ކުށް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ