ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫންތަކާއި ޚިލާފަށް ހައްޔަރުކުރި މައްސަލައާއި ހައްޔަރުކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލްތަކާއި ޚިލާފަށް އެމަނިކުފާނާއިމެދު އަމަލުކުރަމުންދާތީ އެކަން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސަމާލުކަމަށް ގެނެސްފިއެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ އެމްނެސްޓީގެ ސަމާލުކަމަށް ގެނެސްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސަމާލުކަމަށް މި މައްސަލަ ގެންނެވުމަށްފަހު ވީނިއުސްއަށް މި ބައްދަލްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި، އެމަނިކުފާނުގެ ބަންދާއި ގުޅިފައިވާ ކަންތައްތައް އެ ޖަމާއަތުގެ ބޭފުޅުންނާއި ހިއްސާކޮށްފައިވާނެކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގާސިމް އިބްރާހިމަށް ލިބިވަޑައިގަންނަވާ ހައްގުތަކާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންވެސް ލިބޭ ހައްގުތަކަށް ދައުލަތުގެ މުއައްސަސާތަކުން އިހްމާލުވަމުންދާތީ އެކަން އެޖަމާއަތުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށެވެ.
އަމީން އިބްރާހިމް ވިދާޅުވީ ގާސިމްގެ ފަރާތްޕުޅުން ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމާއި، ކޯޓުން އަންގާފައިވާ ގޮތާއި ޚިލާފަށް ވައިދައުރުނުވެސް ނުވާ ގޮޅިއެއްގައި ގާސިމް ބަހައްޓަވާތީ އެކަންވެސް ފާހަގަކޮށްފައިވާނެކަމަށެވެ.
"ހަގީގަތުގައި ވަރަށް ނިކަމެތި ޙާލަތެއްގައި ގާސިމް ބަހައްޓަވާފައި އެވަނީ. އެއީ ކުރިން އަޅުގަނޑުވެސް ބަހައްޓާފައިހުރި ގޮޅިއެއް. އެ ގޮޅީގެ ހާލަތު ކުރިންވެސް ވާނީ އެމްނެސްޓީއާއި ހިއްސާކޮށްފައި. އަދި އަޅުގަނޑާއި ސޮބާހު މީގެކުރިން އެ ގޮޅިތަކުގައި ކުރަންޖެހުނު ތަޖްރިބާވެސް އަޅުގަނޑުމެން ހިއްސާކުރިން." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމްއަށް ފުލުހުންދޭ ކާނާއާއި ދޭތެރޭވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތްކަަމަށެވެ. މީގެ ކުރިން ޖަލަށްލެވުނު ފަހަރެއްގައިވެސް ގާސިމަށް ވަރަށް ހިތި ތަޖްރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންކަމަށާ މިފަހަރުވެސް އެކަންބޮޑުވުން އެބައޮތްކަމަށް އަމީން ވިދާޅުވިއެވެ.
"މޭޑޭގެ މޫޒާހަރާއާއި ގުޅިގެން ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ޖަލަށްލެވުނު ފަހަރުވެެސް ދިމާވި ކާނާގެ މައްސަލަ. އެފަހަރު ސޮބާ އަދި އަލީ ވަހީދު ވަރަށް ބޮޑަށް އެކަމުގެ އުގަދޫތަކާއި ކުރިމަތިލާންޖެހުނު. އަނެއްކޮޅުން ގާސިމް އިބްރާހިމް ވަނީ މީގެ ކުރިންވެސް ޖަލުގައި މިފަދަ ވަރަށް ހިތި ތަޖްރިބާއެއްކޮށްފައި." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގައުމުގެ ހާލަތާއި، ގާސިމް އިބްރާހިމަށް ސިޔާސީ މަގުސަދުގައި ސަރުކާރުން ދެމުންގެންދާ އަނިޔާތަކުގެ ވާހަކަތައް އެމްނެސްޓީއާއި ހިއްސާކުރުން އެކަން ވަރަށް ގާތުން ބަލާނެކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ބަލާނެކަމަށާ އެކަންކަން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށެވެ.
މީގެ އިތުރަށް މި ބައްދަލްވުމުގައި އިދިކޮޅު ލީޑަރުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ނޫސްވެރިންނަށާއި އެކްޓިވިސްޓުނަށް ހުރި ބިރުވެރިކަން އެމްނެސްޓީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީގެ ސަމާލުކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ