ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް ނިންމައި އެކަން އިއުލާން ކޮށްފައި ވަނިކޮށް ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ދެންމެ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރުގެ ޓުވީޓުގައި ވަނީ 1 ފެބްރުއަރީ 2016 އިން ފެށިގެން އަމަލުކުރަން ފެށި ކަރަންޓު ޓެރިފް ރޭޓުތައް ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާއެކު އިތުރަށް ދަށްކުރުމަށް ރައީސް ޔާމީން ނިންމަވައިފި ކަމަށެވެ.
އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. މިކަމުގެ ތަފްސީލު މިއަދު އާންމު ކުރާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ދެމުން އަންނަ ކަރަންޓުގެ ޚިދުމަތުން ސަބްސިޑީ ކަނޑާލައި ހުރިހާ ރަށެއްގެ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމާ އެކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ޓެރިފް ރޭޓްގައިވާ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 500 ޔުނިޓްގެ ކަރަންޓު ބޭނުންކުރާ އާއްމު ކަސްޓަމަރުން ކުރިން ދައްކަމުން ދިޔަ ބިލަށް މިމަހުން ފެށިގެން ގާތްގަނޑަކަށް 243ރ. އިތުރުވާނެއެވެ.
ކަރަންޓުގެ އަގަށް ގެންނަން ނިންމި މި ބަދަލާ ގުޅިގެން ރަށްރަށުގެ ކޮންމެ ބޭންޑަކުން ބިލްކުރާ އަގު މާލެ އަށްވުރެ ޔުނިޓަކުން 10 ލާރި ބޮޑުވާނެއެވެ. މާލެ ފިޔަވާ އަތޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް ކަރަންޓު ޔުނިޓެއްގެ އަގަށް ޗާޖު ކުރަން ނިންމާފައިވަނީ އެެއް ރޭޓެއްގައެވެ.
މިމަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނެސް ސަބްސިޑީ ކަނޑާލި ނަމަވެސް އާއްމުން ދައްކަން ޖެހޭ ބިލަށް ކޮންމެ މަހަކު ވެސް އިތުރުވާނީ ކުޑަ މިންވަރެއް ކަމަށާއި އެކަމުގެ ސަބަބުން 500 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެނާޖީ އޮތޯރިޓީން ބުނެފައި ވެއެވެ.
އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އާއްމު ރައްޔިތުންގެ ފޯރުންތެރިކަމަށާއި މޫސުމާއި ގުޅުން ހުރި މަސައްކަތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ކަރަންޓުގެ އަގު ބޮޑުކުރުމަށް ފަހު އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ