އީދު ބަންދަށްފަހު ޕީޕީއެމްގެ ކައުންސިލް ބައްދަލްވުމެއް ބޭއްވުމަށް ޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލްވުމެއް ބޭއްވުމުގެ މަސައްކަތް ރައީސް މައުމޫން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިހާރު ޕީޕީއެމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ކައުންސިލްގެ މެންބަރުންގެ ހިޔާލްފުޅު ހޯއްދެވުމަށް ރައީސް މައުމޫން އެ ބޭފުޅުންނާއި ވަކިވަކިން ބައްދަލްކުރައްވަމުން ގެންދަވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އީދު ބަންދަށްފަހު ޕީޕީއެމްގެ ކައުންސިލް ބައްދަލްވުމެއް ބޭއްވުމަށް ރައީސް މައުމޫން މަަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައިވާއިރު، ހުކުރު ދުވަހު ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ ތިން ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލްވުމެއް ބާއްވައިދިނުމަށް އެދިފައެވެ. އެ މުއްދަތު ހަމަވިއިރު ކައުންސިލް ބައްދަލްވުމެއް ބާއްވާފައިނުވާއިރު، ރައީސް މައުމޫން މިވަގުތު އިސްކަން ދެއްވަނީ އެމަނިކްފާނު އެކުލަވާލައްވާފައިވާ އިސްލާހީ އެޖެންޑާއާއިގެން ކުރިއަށް ވަޑައިގަތުމަށްކަމަށް އެޕާޓީގެ ބައެއް އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އީދު ބަންދަށްފަހު ކައުންސިލް އެއްކުރައްވާނެކަމަށް މައުމޫން ވިދާޅުވިއިރު ދިހަ ދުވަސްތެރޭ ޕީޖީ ގުރޫޕްގެ ބައްދަލްވުންތަކުގެ ޔައުމިއްޔާތައް ފޮނުވައިދިނުމަށް ރައީސް މައުމޫން ވަނީ ޕީޖީ ގުރޫޕަށް އަންގާފައެވެ.
އެގޮތުން ބައްދަލްވުންތަކުގެ ތަފްސީލާއި، މަޖިލީހުގައި މެންބަރުން ވޯޓްދީފައިވާގޮތުގެ ތަފްސީލްތަކުގެ އިތުރަށް ޕީޖީ ގުރޫޕަށް ހުށައެޅި އަދި ޕީޖީ ގުރޫޕުން ނިންމާފައިވާ ކަންކަމުގެ ތަފްސީލްވެސް ހިއްސާކުރުމަށް ރައީސް މައުމޫން ވަނީ ދިހަ ދުވަހުގެ މުއްދަތެއް ޕީޖީ ގުރޫޕަށް ދެއްވާފައެވެ.
މިދިޔަ ހަފްތާގައި ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން އަސާސީ ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާކަމަށް ވިދާޅުވެ ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކްފާނުގެ އަތްޕުޅަށް ނަންގަވާފައެވެ.
މީގެ އިތުރަށް އެމަނިކްފާނު ވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެން އިސްލާހީ އެޖެންޑާއެއްވެސް އިއުލާންކުރައްވާފައެވެ.
އީދު ބަންދަށްފަހު ކައުންސިލް ބައްދަލްވުމެއް ބާއްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ