ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ދައުރު އަދާކުރާނެ ފަރާތެއް ނެތުމުން އެކަމުގެ ހުސްކަން ރައްޔިތުން އިހުސާސްކުރަމުންދާ ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.
ޑީއާރްޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ޑިމޮކްރަސީގެ ނިޒާމު ފުރިހަމަ ކުރުމައްޓަކައި ރައްޔިތުންނަށް މިނިވަންކަމާއި އެކު ސާފު ތެދު މައުލޫމާތު ލިބޭގޮތް ހަމަޖެހިފައި އޮތުމަކީ ފުރިހަމަ ޑިމޮކްރަސީއަކަށްވުމުގެ ޒަރޫރީ ސިފައެއް ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ބީބީސާއާއި އެމެރިކާގެ ވޮއިސް އޮފް އެމެރިކާ އަދި ޔޫރަޕްގެ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުން ހަރަކާތްތެރިވާކަން އެޕާޓީން ފާހަގަކޮށްފައިވެ އެވެ.
އަދި ރާއްޖޭގައި ވެސް މިނިވަން ޕަބްލިކް ބްރޯޑްކާސްޓަރެއް އޮތުމަކީ ޑިމޮކްރަސީގެ ޅަފަތުގައި ކޮންމެހެންވެސް މުހިންމު އަދި އަސާސީ ކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން )އެމްއެންބީސީ( ވަނީ އުފައްދާފައިވާ ނަމަވެސް، ސަރުކާރުން ވަނީ އެ ނިންމުމާ ހިލާފުވެފައި ކަމަށް ޑީއާރްޕީން ބުނެފައިވެ އެވެ.
އަދި ޑީއާރްޕީން ބުނެފައިވަނީ، ސަރުކާރުގެ ޕްރޮޕޮގެންޑާ ފަތުރާ މެޝިނެއްގެ ގޮތުގައި ދައުލަތުގެ މީޑިއާ ބޭނުންކުރުމުގެ ނިއަތުގައި އެމްއެންބީސީގެ ނަމުގައި ކުންފުޏެއްއް އުފައްދާ ގާނޫނާ ހިލާފަށް ދައުލަތުގެ މީޑިއާ ވަނީ ހިސާރުކޮށްފަ ކަމަށެވެ.
"... އަދިވެސް ފެނިގެން މިދަނީ ސަރުކާރުގެ ޕްރޮޕޮގެންޑާފެތުރުވުމުގަ އާއި ސަރުކާރުގެ ނުފޫޒުހިންގުމުގައި ގިނަގުނަ މަސައްކަތްކުރަމުންދާތަނެވެ. މިކަމުގައި ގާނޫނާއި ކޯޓުތަކުގެ އަމުރުތަކަށް އެއްވެސް އިހްތިރާމް ކުރެއްވުމެއް ނެތި ސަރުކާރުގެ އަމަލުތަށް ބަހައްޓަވާކަމަކީ މިއަދުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭކަމެވެ،" އެޕާޓީން ބުނެފައިވެ އެވެ.
އަދި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ދައުރު އަދާކުރާނެ ފަރާތެއް ރާއްޖޭގައި ނެތުމުން ރައްޔިތުން ދަނީ އެކަމުގެ ހުސްކަން ނިހާޔަތައް އިހުސާސްކުރަމުން ކަމަށް ޑީއާރްޕީން ބުނެފައިވެ އެވެ.
"ނިމިދިޔަ ދެ އިންތިހާބުގައި (މަޖްލިސް އަދި ލޯކަލް ކައުސިލް) ރައްޔިތުން ހޭލުންތެރިކުރަންޖެހޭ މަސައްކަތް ވަނީ ނުކުރެވިއެވެ. އަދި ގުރުއާން މުބާރާތް ފަދަ އަޅުގަނޑުމެންގެ ދީނީ ވަހުދަތާއި ގުޅިފައި ހުރިކަންކަމަށް އިސްކަންދޭނެ ފަރާތެއްނެތްކަމުގެ ހުސްކަން މިވަނީ އިހްސާސްކުރަންޖެހިފައެވެ. ނަތީޖާއަކައްވަނީ ތުއްތުކުދީންނާއި ޅަޒުވާނުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި އުފައްދަންޖެހޭ އުމުރުގައި އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުނުދެވުމެވެ،" ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.
އެޕާޓީން ބުނެފައިވަނީ، މިއަދު މިފެންނަމުންދަނީ "އެމްޑީޕީގެ މެމްބަރުން ހިމާޔަތްކުރުމަށާއި ބަތާނަ ފޮރުވުމައްޓަކައި މިންނެއްމަސަތްކަތް ކުރަމުންގެންދާ" މަންޒަރު ކަމަށެވެ.
ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއް ނެތުމުން އެކަމުގެ ހުސްކަން ރައްޔިތުން ދަނީ ނިހާޔަތައް އިހުސާސްކުރަމުން: ޑީއާރްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ