އާދަޔާޚިލާފު ވާދަވެރި އިންތިޚާބެއްގައި ތައިލެންޑްގެ ރައްޔިތުން ވޯޓުލާން ފަށައިފި

ބެންގކޮކް : ތައިލެންޑްގެ ޢާންމު އިންތިޚާބުގައި އެޤައުމުގެ ރައްޔިތުން މިއަދު ވޯޓްލަމުން އެބަގެންދެއެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަންކުރާ ތައިލެންޑްގެ ޢާންމު އިންތިޚާބުގައި އެންމެ ބޮޑަށް ވާދަކުރަނީ ޢަސްކަރީ އިންޤިލާބެއްގައި މަޤާމުން ދުރުކުރެވިފައިވާ އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ "ބޯޔާ ތައި" ޕާޓީއާއި މިހާރުގެ ބޮޑުވަޒީރު އަބިހިސެތް ވިޖެޖީވާ ގެ ޑިމޮކްރެޓިކް ޕާޓީއެވެ.
ތަކްސިންގެ ޕާޓީގެ މިހާރުގެ ލީޑަރަކީ އޭނާގެ އަންހެން ކޮއްކޮ ޔަންޖަޮލޮކް ޝިނަވަޓްރާއެވެ. ޔަންޖޮލަކް އަކީވެސް އޭނާގެ ބޭބެ ފަދައިން މުއްސަނދި ވިޔަފާރިވެރިއެކެވެ. ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވާ ގޮތުގައި ކުޑަތަފާތަކުން އިންތިޚާބު ކާމިޔާބުކުރާނީ ތަކްސިންގެ ޕާޓީއެވެ. ގިނަ މުޙައްލިލުންވަނީ ކުޑަތަފާތަކުން ނަމަވެސް އިންތިޚާބު ކާމިޔާބު ކުރާނީ ތަކްސިންގެ ޕާޓީކަން ކަށަވަރު ކޮށްދެއްވާފައެވެ. ތައިލެންޑްގެ މެދުފަންތީގެ މީހުންނާއި ރައްފުށުގެ ފަގީރުން ތާއީދުކުރަނީ ތަކްސިންގެ ޕާޓީއަށެެވެ. ނަމަވެސް ނުފޫޒުގަފަ ޝާހީ ޢާއިލާ އާއި މުއްސަނދިންގެ ތާއީދުއޮތީ ބޮޑުވަޒީރު އަބިހިސެތް ވިޖެޖީވާ ގެ ޕާޓީއަށެވެ.
ސިފައިންނާއި ފުލުހުންނަށް ބަލާއިރު އެދެ މުއައްސަސާވެސް ސިޔާސީ ގޮތުން ބައިބައިވެފައިވެއެވެ. ތައި ސިފައިންނަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމުގެ ދިގު ތާރީޚެއް އޮތް މުއައްސަސާއެކެވެ.
މިހާރުގެ ޙާލަތަށްބަލާއިރު ސިފައިންގެ ގިނަބައެއްގެ ތާއީދު އޮތީ ބޮޑުވަޒީރު އަބިހިސެތް ވިޖެޖީވާ ގެ ޑިމޮކްރެޓިކް ޕާޓީއަށެވެ. އަދި ފުލުހުންގެ ގިނަ ބައެއްގެ ތާއީދު އޮތީ ކުރީގެ ބޮޑުވަޒީރު ތަކްސިންގެ "ބޯޔާ ތައި" ޕާޓީ އަށެވެ.
ދެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ނިސްބަތް އެއްވަރެއްގައި އުޅޭ ކަމަށް ބެލެވިފައިވާތީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް ތައިލެންޑްގައި ހަމަނުޖެހުމާއި ގަޑުބަޑު އުފެދުމަކީ ވަރަށް ގާތްކަމެއް ކަމަށް މުރާސިލުން ބުނެއެވެ. -- ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ