މައްޔިތެއްގެ މައްޗަށް ހިންގުނު ޝަރީއަތް؛ އިބުރަތާއި ފިލާވަޅު މައްޔިތެއްގެ މައްޗަށް ހިންގުނު ޝަރީއަތް؛ އިބުރަތާއި ފިލާވަޅު

މީލާދުން 897 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރޯމުގައި އާދަޔާ ހިލާފު ޝަރީއަތެއް ހިންގުނެވެ. އެ ޝަރީއަތުގެ ދައުވާލިބޭ މީހަކީ އޭގެ އެއް އަހަރު ކުރިން މަރުވެފައިވާ ޕޯޕް ފޯމޯސަސް އެވެ. ޝަރީއަތް ހިންގުނީ އޭނާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ޝަރީއަތަށް ހާޒިރުކޮށްގެންނެވެ. އޭނާގެ ފީވަމުން ދިޔަ ކަށިގަނޑުގައި އަލުން ޕޯޕުންގެ ރަސްމީ ހެދުން އަޅުވައި، ދައުވާލިބޭ މީހާގެ ޖާގައިގައި ބަހައްޓައިގެން ހިންގި މި ޝަރީއަތުގެ ވާހަކަ ތާރީހުގައި ރެކޯޑުކުރެވިފައި އެބައޮތެވެ.
މި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ޕޯޕް ފޯމޯސަސްގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ޕޯޕް ސްޓީވަން 6 ވަނަ އެވެ. އިންސާފުވެރި ޝަރީއަތެއްގެ ހައްގު ކަށަވަރުކުރުމަށްޓަކައި، މަރުވެފައިވާ ޕޯޕްގެ ފަރާތުން ވާހަކަ ދެއްކުމަށް ވަކީލެއްގެ ގޮތުގައި "ޑީކަން" އެއް އައްޔަންކުރެވުނެވެ. ފޯމޯސަސްގެ މައްޗަށް ދައުވާ އުފުލުނީ ދޮގު ހެކިދިނުމާއި، ފައްޅީގެ ގާނޫނުތަކާ ހިލާފަށް އެއް ފައްޅިން އަނެއް ފައްޅިއަށް މަގާމު ބަދަލުކުރުމާއި، ނަހަމަގޮތުގައި ޕޯޕްކަމުގެ މަގާމު ހޯދިކަމުގެ ކުށުގަ އެވެ.
ފޯމޯސަސްއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކީ ފައްޅީގެ ގާނޫނުތަކުގެ (canon law) މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ނަމަވެސް، އޭގެ ނަތީޖާ އިންތިހާއަށް ބޮޑެވެ. ޕޯޕްގެ މަގާމަށް އިސްވުމުގެ ކުރިން ފޯމޯސަސް ހުންނެވީ ޕޯޓޯގެ ބިޝޮޕްގެ މަގާމުގަ އެވެ. އެ ދުވަސްވަރު ފައްޅީގެ ގާނޫނުތައް އޮތްގޮތުން، އެއް ދާއިރާއަކުން އަނެއް ދާއިރާއަކަށް ބިޝޮޕުން ބަދަލުވުމަކީ މަނާކުރެވިފައިވާ ކަމެކެވެ. ކަމުގެ މަގުސަދަށް ބަލާއިރު މިއީ މަގާމުގެ ދަހިވެތިކަމާއި ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ހަދާފައިވާ ގަވާއިދެކެވެ.
ފޯމޯސަސް ޕޯޓޯގެ ބިޝޮޕްގެ މަގާމުގައި ހުރެފައި ރޯމްގެ ބިޝޮޕްކަމާ ހަވާލުވުމަކީ ގަވާއިދާ ހިލާފަށް ކުރި ކަމަކަށްވާތީ، އޭނާގެ ޕޯޕުކަން އޭގެ ޒާތުގައި ވެސް، އެއްކަލަ ބުނާ 'ވޮއިޑް އެބް އިނިޝިއޯ' ނުވަތަ ފެށުނީއްސުރެ ބާތިލުކަމަށް ދައުވާ އުފުލުނީ އެވެ. މީގެ އިތުރުން، އޭނާގެ މަގާމުގައި ހުރި އިރު ކުރެވުނު ތުހުމަތުތަކަކުން ބަރީއަވުމަށް ދުވަހަކުވެސް އެނބުރި ރޯމަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ކުރެއްވި ހުވާގެ މަތިންވެސް ހަނދާންކޮށްދިނެވެ. ފައްޅީގެ ދައުވާއަކީ އެނބުރި ވަޑައިގެން ޕޯޕްކަމާ ހަވާލުވެވަޑައިގަތުމަކީ އޭނާ ކުރެއްވި ހުވަޔާ ހިލާފުވުން ނުވަތަ ދޮގު ހުވާކުރުން ކަމަށެވެ.
މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، އޭނާގެ ޕޯޕްކަން ފެށުނީއްސުރެ ސައްހަ ނޫންކަމަށް ކަނޑައެޅި، އެ މުއްދަތުގައި އޭނާ ނިންމެވި ހުރިހާ ނިންމެވުންތަކަކާއި އައްޔަނުކުރެއްވި މަގާމުތައް ވެސް ބާތިލުވެގެންދާނެ އެވެ. އެހެންކަމުން، މި ޝަރީއަތަކީ ހަމައެކަނި މަރުވެފައިވާ އިންސާނެއްގެ މައްޗަށް ކުށް ސާބިތުކުރުމުގެ މައްސަލައެއް ނޫނެވެ. އެއީ ގާނޫނީ ހުއްޖަތުތަކެއް ދައްކައިގެން، މުޅި ސިޔާސީ ނިޒާމެއް އެކީއެކަށް ފޮހެލުމަށްޓަކައި ހިންގުނު ކަމެކެވެ.
ޝަރީއަތުގެ ނަތީޖާ އައީ ކުރިންވެސް ލަފާކުރެވުނު ގޮތަށެވެ. ފޯމޯސަސް ކުށްވެރިވާކަމަށް ކަނޑައަޅައި، އޭނާ ޕޯޕްކަމުގައި ހުންނަވައި ނިންމެވި ހުރިހާ ނިންމެވުންތަކެއް ބާތިލުކުރެވުނެވެ. އަދި އޭނާގެ ހުރުމަތް ކަނޑާލުމަށްޓަކައި، އޭނާ 'ބަރަކާތް ދިނުމަށް' ބޭނުންކުރާ އޭނާގެ ކަނާތުގެ ތިން އިނގިލި ބުރިކޮށްލުމަށްފަހު، ހަށިގަނޑުން ރަސްމީ ހެދުން ބާލުވައި، އާދައިގެ ކަށްވަޅެއްގައި ވަޅުލި އެވެ. އެވަރުން ނުވެގެން އޭގެ ކުޑަދުވަސްކޮޅެއް ފަހުން އަލުން އޭނާގެ ހަށިގަނޑު ކަށްވަޅުން ނަގައި، ޓައިބަރ ކޯރަށް އެއްލާލި އެވެ.
މި އަމަލުގެ ސަބަބުން ރޫމުގެ ގިނަ ބައެއްގެ މެދުގައި ބޮޑު ނުރުހުމެއް އުފެދުނެވެ. އޭގެ މަދު މަސްތަކެއް ފަހުން ރައްޔިތުން ނުކުމެ ހިންގި ހަރަކާތްތަކެއްގައި ސްޓީވަން 6 ގެ ބާރު ކަނޑުވާލައި އޭނާ ޖަލަށް ލި އެވެ. އަދި ފަހުން އޭނާ ޖަލު ގޮޅީގައި އޮއްވައި ކަރުގައި ހިފާ މަރާލެވުނެވެ. އޭގެ ފަހުން އައި ޕޯޕުން ވަނީ ފޯމޯސަސްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އޭނާގެ ނިންމެވުންތަކަކީ ސައްހަ އެއްޗެއް ކަމަށް އަލުން ކަނޑައަޅުއްވާފަ އެވެ.
މި ހާދިސާ ތާރީހުގައި މަޝްހޫރުވެފައިވަނީ "ސައިނޮޑަސް ހޮރެންޑާ" ނުވަތަ "ބިރުވެރި މަޖިލިސް" ގެ ނަމުންނެވެ.
މި ހާދިސާއަކީ މެދުޔޫރަޕްގެ ތާރީހާ ގުޅޭ ފޯލްކްލޯރެއް ނުވަތަ ހިޔާލީ ވާހަކައެއް ނޫނެވެ. މިއީ މެދުޒަމާނުގެ ތާރީހީ ގިނަ މަސްދަރުތަކަކުން ސާބިތުވާން އޮތް ހަގީގީ ހާދިސާ އެކެވެ. މި ހާދިސާގެ މައިގަނޑު ތަފުސީލުތައް ފެންނަން ހުރީ ނުވަވަނަ ގަރުނާ ހަމައަށް އަދާހަމަކުރަމުން އައި ޕޯޕުންގެ ހަޔާތުނާމާގެ މަޖުމޫއާއެއް ކަމަށްވާ "ލިބަރ ޕޮންޓިފިކާލިސް" އާއި، ދިހަވަނަ ގަރުނުގެ ލިޔުންތެރިއެއް ކަމަށްވާ "ލިއުޓްޕްރޭންޑް އޮފް ކްރެމޯނާ" ގެ ލިޔުންތަކުންނެވެ. އޭގެ ފަހުން އައި ލިޔުންތެރިން ވެސް މި ވާހަކަތައް ތަފުސީލާއެކު ނަގުލުކޮށްފައި ވެ އެވެ.
ޕީޓަރ ލެވެލިން އާއި ހޮރޭސް ކޭ. މޭން ފަދަ ޒަމާނީ ތާރީހު އިލްމުވެރިން ވަނީ ނުވަވަނަ ގަރުނުގެ ފަހުކޮޅުގެ ސިޔާސީ މަސްރަހު ދިރާސާކުރައްވައި، މިއީ ރޯމަން ފައްޅީގެ "ސާކިއުލަމް އޮބްސްކިއުރަމް" ނުވަތަ "އަނދިރި ޒަމާނުގެ" ހަލަބޮލިކަމުގެ ތެރޭގައި ހިނގާފައިވާ ހަގީގީ ހާދިސާއެއް ކަމަށް އިއްތިފާގު ވެފަ އެވެ. މިކަމާ ގުޅޭ މަސްދަރުތަކުގެ ގިނަކަން ހެކިދެނީ، މި ޝަރީއަތަކީ ފަހުގެ ޒަމާނެއްގައި މަލާމާތަކަށް ނުވަތަ ފުރައްސާރައަކަށް އުފައްދާފައިވާ ވާހަކައެއް ނޫންކަމެވެ. މިއީ އެ ދުވަސްވަރުގެ ތާރީހުން ފެންނަން އޮތް ބޮޑު ހަލަބޮލިކަމުގެ އެއް ބައެވެ.
މި ޒަމާނުގައި ޝަރީއަތްކުރުމުގެ އުސޫލުތަކާ އަޅައިބަލާއިރު، މި ޝަރީއަތަކީ ވަރަށް އަނިޔާވެރި އަދި ބުއްދިއަށް ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި ފެނިދާނެ އެވެ. މިހާރުގެ ޑިމޮކްރެސީތަކުގައި ޝަރީއަތްކުރުމުގައި މިވަރު އަރުވައި ނުލި ކަމުގައި ވީނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ވެސް ފެންނަ އަޖައިބު ކަންކަން މަދެއް ނޫނެވެ. އެއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަނީ ނުފޫޒާއި، ސިޔާސީ މަގުސަދެވެ. އެ ޒަމާނުގައި މި ޝަރީއަތް ހިންގާފައި އޮތީ ވެސް މީގެ ފަހަތުގައި ސީދާ ސިޔާސީ މަސްލަހަތުތަކެއް ފޮރުވިފައި އޮވެގެންނެވެ.
ނުވަވަނަ ގަރުނުގެ ފަހުކޮޅު ކެތަލިކް ފައްޅީގެ އެންމެ މަތީ ވެރިޔާ ނުވަތަ 'ޕޯޕް' ގެ މަގާމު އޮތީ ރޫމުގެ މަތީ ފަންތީގެ އާއިލާތަކުގެ މެދުގައި އުފެދިފައިވާ ފެކްޝަން ކޯޅުންތަކާއި، ރަސްކަމުގެ ތަހުތަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި އުފެދުނު ބޮޑު ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ފޯމޯސަސް ތާއީދުކުރެއްވީ އީސްޓް ފްރެންކިޝްގެ ވެރިޔާ އަރުނަލްފް އޮފް ކަރިންތިއާ އަށެވެ. ނަމަވެސް ފޯމޯސަސް އަވަހާރަވުމަށްފަހު، ސިޔާސީ އޮއިވަރު ބަދަލުވެގެން ދިޔަ ވަގުތު އޭނާގެ ދުޝްމަނުން ބޭނުންވީ އޭނާގެ ނަމާއި ޝަރަފު މުޅިން ފޮހެލާށެވެ.
ފޯމޯސަސް އަވަހާރަވި ފަހުން އޭނާ ކުށްވެރިކުރުމުގެ ސަބަބުން، ސްޓީވަން 6 ވަނަ އާއި އޭނާގެ ބައިވެރިންނަށް ފޯމޯސަސްގެ ދައުރުގައި ކޮށްފައިވާ އައްޔަންކުރުންތަކާއި ނިންމުންތައް ބާތިލުކުރުމުގެ 'ގާނޫނީ ފުރުސަތު' ލިބުނެވެ. ދީނީ އުސޫލުތަކާއި ގާނޫނީ ސައްހަކަމުގެ މައްޗަށް ފައްޅީގެ ބާރުތައް ބިނާވެފައިވާ އެ ޒަމާނުގައި، ޕޯޕްއަކީ ގާނޫނީ ގޮތުން ސައްހަ ބޭފުޅެއް ނޫންކަމަށް ކަނޑައެޅުމަކީ، މުޅި މުއައްސަސާގެ ބާރުގެ ސިލްސިލާއަށް އޭގެ ނުރައްކާ ފޯރާނެ ކަމެކެވެ.
އެހެންކަމުން، މި ޝަރީއަތަކީ ކުރީގެ ކަންކަން ބަދަލުކުރުމަށް ހިންގި ސިޔާސީ "އޮޕަރޭޝަނެކެވެ". މަރުވެފައިވާ މީހެއްގެ މައްޗަށް ހުކުމެއް އިއްވައިގެން ސްޓީވަން މަސައްކަތް ކުރީ މުޅި މުއައްސަސާގެ ތާރީހު އަލުން ލިޔާށެވެ. މި ހާލަތުގައި ގާނޫނު ބޭނުންކުރެވުނީ ތާރީހީ ސިލްސިލާ ބަދަލުކޮށްލުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ.
ބަރަކާތް ދިނުމަށް ބޭނުންކުރާ އިނގިލިތައް ބުރިކޮށްލުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ ހަމައެކަނި ރުޅިވެރިކަމުގައި ދިން އަނިޔާއެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ވަރަށް މާނަފުން ރަމްޒީ އަމަލެކެވެ. އެއީ އޭނާ ކޮށްފައިވާ ދީނީ އަދި މުގައްދަސް އަމަލުތައް އަމަލީ ގޮތުންނާއި ރޫހާނީ ގޮތުން ބާތިލުކުރުމަށް ކުރި މަސައްކަތެކެވެ. އެ ޒަމާނުގައި ވެރިކަމުގެ ބާރަކީ ހަމައެކަނި އިދާރީ ހިންގުމެއް ނޫނެވެ. އެއީ މުގައްދަސްކަމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، އޭނާގެ ހަށިގަނޑު ހަލާކުކޮށްލުމަކީ އޭނާގެ ވެރިކަން އެއްގޮތަކަށް ވެސް ބަލައިނުގަންނަކަން ހާމަކޮށްދިނުމަށް ހިންގި ހަރަކާތެކެވެ.
މަރުވެފައިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަކީ ޒަމާނީ ގާނޫނީ ނިޒާމުތަކުގައި އާންމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް، މާޒީގައި ހިނގާފައިވާ ކަންކަން އަލުން މުރާޖައާކޮށް ބަދަލުކުރުމުގެ ޝައުގުވެރިކަން ސިޔާސީންގެ މެދުގައި އަދިވެސް ވަރަށް ވަރުގަދަ އެވެ. ސަރުކާރުތަކުން ތާރީހީ ޝަހުސިއްޔަތުތަކާ މެދު އަލުން ވިސްނައި، ކުރީގެ ނިންމުންތައް ބާތިލުކޮށް، ބަންދުކޮށްފައިވާ މައްސަލަތައް އަލުން ހުޅުވައި، ތާރީހީ ފަތްކޮޅުތަކާ މެދު ބަހުސްކުރެ އެވެ. މިހާރަކަށް އައިސް ނުވަވަނަ ހަސަން ރަސްގެފާނެއްގެ މަތިން މާބޮޑަށް ހަނދާންވެގެން އެ އުޅެވެނީ ވެސް މި ފަލްސަފާގެ ދަށުން ތޯއްޗެކެވެ.
މި ޝަރީއަތުން ހާމަވެގެންދަނީ ގާނޫނީ އިޖުރާއަތުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގޮތެވެ. ބައެއް ފަހަރަށް ޝަރީއަތްތަކަކީ ހަމައެކަނި އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ވަކި ބަޔަކު ބާރު ހޯދުމަށް ކުރާ ހަނގުރާމައަކަށް ވެސް ވެދާނެ އެވެ. ގާނޫނީ ނިޒާމަކީ ބާރުވެރިކަން ދެމެހެއްޓުމަށް ވެރިކަމުގެ ފަރާތުން ކުޅޭ ކުޅިވަރަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން ވަގުތީ މަންފާތަކެއް ފެނުނު ނަމަވެސް، ވެރިކަން އިތުރަށް ބަލިކަށިވާ ހާލަތަށް ވެސް ހިނގައިދާނެ އެވެ. ރާއްޖޭގެ ތާރީހުން ވެސް މިކަން ފެންނާން އެބައޮތެވެ.
ސްޓީވަން 6 ވަނަ ގަބޫލުކުރެއްވި ގޮތުގައި ފޯމޯސަސް ކުށްވެރިކުރުމުން އޭނާގެ މަގާމު ވަރުގަދަވާނެ އެވެ. ނަމަވެސް، އެ ބިރުވެރި އަދި ހުތުރު އަމަލުގެ ސަބަބުން އޭނާގެ މަގާމަށް ލޮޅުން އަރައިގެން ދިޔަ އެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ނުރުހުން އަމާޒުވެ، އެ ހާދިސާއަށް އެއް އަހަރު ނުވަނީސް އޭނާ މަގާމުން ދުރުވާން ޖެހުނެވެ. އޭގެ ފަހުން ވަޑައިގެންނެވި ޕޯޕުން ވަނީ ފޯމޯސަސްގެ އަބުރު އިއާދަކޮށްދެއްވައި، އެ ޝަރީއަތަކީ ވެސް ބާތިލު ޝަރީއަތެއް ކަމަށް ކަނޑައަޅުއްވާފަ އެވެ.
ވިސްނައިފި ބަޔަކަށް މި ޝަރީއަތުން އިބުރަތާއި ފިލާވަޅުތަކެއް ލިބެ އެވެ. އަޅުގަނޑަށް ވިސްނުނު އެއްޗަކީ މިއީ އެވެ. ސިޔާސީ ގޮތުން ލިބޭ ޝަރުއީ ހައިސިއްޔަތަކީ ވަރަށް ނާޒުކު އެއްޗެކެވެ. އާންމުންގެ ހަގީގީ ތާއީދު ނެތް ނަމަ، ކިތަންމެ ފުރިހަމަ ގާނޫނީ އުކުޅުތަކެއް ބޭނުންކުރި ނަމަވެސް ދާއިމީ ގޮތެއްގައި ބާރުވެރިކަން ދެމެހެއްޓުމަކީ މުސްތަހީލު ކަމެކެވެ.
"ކަޑާވާ ސިނޮޑް" ގެ ވާހަކަ ތާރީހުގައި ދެމިއޮތީ ހަމައެކަނި އެއީ އާދަޔާ ހިލާފު ކަމަކަށް ވާތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ހާދިސާއިން ސިޔާސީ ދިރިއުޅުމުގެ ދާއިމީ ހަގީގަތްތަކެއް ހާމަވާތީ އެވެ. ބާރުވެރިކަމާއި ދެކޮޅުވެރިކަމަކީ މަރުވުމަށް ފަހުވެސް ދެމިއޮވެދާނެ ކަންކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގައި ހިންގި އަމަލުތަކާމެދު ސުވާލު އުފެދޭ ހާލަތްތަކުގައި، ކަށްވަޅަކީވެސް ރައްކާތެރިކަން ލިބޭނެ ތަނެއް ނޫންކަން މި އިބުރަތްތެރި ޝަރީއަތުން ހާމަ ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ