ޖެން-ޒީގެ މުޒާހަރާތަކަށް ފަހު ކުރީގެ މިއުޒިކް ކުޅުންތެރިއެއް ނޭޕާލުގެ ވެރިކަމަށް

އުފެދުނުތާ ތިން އަހަރުވެފައިވާ ނޭޕާލުގެ ރާސްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން އެ ގައުމުގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ރެޕް ލަވަކިޔުންތެރިއަކުން ސިޔާސީވެރިއަކަށް ބަދަލުވި ބަލެންދުރަ ޝާހު ބޮޑުވަޒީރުކަމަށް އައުމުގެ މަގު ތަނަވަސްވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި، 275 މެންބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި އާރްއެސްޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. މިއީ ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު އަގުލަބިއްޔަތެވެ.
މި މަހު 5ގައި ބޭއްވި މި އިންތިހާބަކީ، މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުން އިސްވެ ތިބެ ކޮރަޕްޝަނާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 77 މީހުން މަރުވެ، ކުރީގެ ސަރުކާރު އިސްތިއުފާ ދޭން މަޖުބޫރުވި ފަހުން ނޭޕާލުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.
ގާނޫނުއަސާސީއާ ބެހޭ މާހިރު ޕޫރްނާ މާން ޝާކިޔާ ވިދާޅުވި ގޮތުގައި، މި ވަރުގަދަ އަގުލަބިއްޔަތުގެ ސަބަބުން ސިޔާސީ ހަމަޖެހުން ލިބިގެންދާނެ އެވެ.
"ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދެމިއޮންނާނެ ސަރުކާރެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 35 އަހަރު ތެރޭގައި ނޭޕާލުގެ ސަރުކާރު 32 ފަހަރު ބަދަލުވެފައިވާއިރު، މީގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، އިންވެސްޓަރުންގެ އިތުބާރު ވަނީ ކުޑަވެފަ އެވެ.
އާރްއެސްޕީގެ ލީޑަރުން ވިދާޅުވީ މި ކާމިޔާބީއާ އެކު ބޮޑު ޒިންމާއެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
"މި ކާމިޔާބީން އަޅުގަނޑުމެންނަށް ހިތްވަރު ލިބިއްޖެ. ރައްޔިތުން ދިން މި މެންޑޭޓުގެ ސަބަބުން އަޅުގަނޑުމެން ވަރަށް ޒިންމާދާރުވެއްޖެ،" ޕާޓީގެ އިސް ލީޑަރު ސިސިރު ހާނަލް ވިދާޅުވި އެވެ.
މި އިންތިހާބުގައި ބޮޑެތި ޕާޓީތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން، ނޭޕާލީ ކޮންގްރެސްއަށް 38 ގޮނޑި ލިބުނުއިރު، ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް (ޔޫއެމްއެލް)އަށް ލިބުނީ 25 ގޮނޑިއެވެ.
ކަތުމަންޑޫގެ ކުރީގެ މޭޔަރު ޝާހު ގައުމީ ފެންވަރުގައި މަގުބޫލުވީ، ސިޔާސީ ނިޒާމަށް ފާޑުކިޔައި ކިޔާފައިވާ ރެޕް ލަވަތަކާއި ކޮރަޕްޝަނާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ.
މަސްތަކެއް ވަންދެން ހިނގި ހަމަނުޖެހުންތަކަށް ފަހު ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މި ގައުމުގައި، ޝާހުގެ ޕާޓީން ކެމްޕޭން ކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނޭޕާލުގެ 42 ބިލިއަން ޑޮލަރުގެ އިގްތިސާދު ދެގުނައަށް ވުރެ ބޮޑުކުރުމުގެ ވައުދާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ