ހައްދުފަހަނައަޅާފައިވާ އިސްރާއިލުން، މި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީނު މުސްލިމުން އަޤްޞާ މިސްކިތަށް ވަނުން މަނާކޮށް، ބަންދުކުރި ކުރުން، އަރަބި ޤައުމުތަކާއި މުސްލިމު ޤައުމުތަކުން ކުށްވެރިކޮށްފިއެވެ.
ނިރުބަވެތި އިސްރާއިލުން އަޤްޞާ މިސްކިތް ބަންދުކޮށް އެތަނުގައި އަޅުކަންކުރުން މަނާކޮށްގެން އުޅޭތާ 13 ދުވަސްވެފައިވާއިރު، ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިމަ މުސްލިމު ޤައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.
އެގޮތުން ކުށްވެރި ކުރި އެހެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ޤަތަރު، އުރުދުން، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާން، ސައޫދީ އަރަބިއްޔާ، މިޞްރު، އަދި އެކުވެރި އަރަބި އިމާރާތެވެ.
އެކަމާ ގުޅިގެން އެ ޤައުމުތަކުން ނެރުނު ބަޔާނުގައި ވަނީ، ފަލަސްތީނު ރައްޔިތުންނަށް އަޤްޞާއަށް ވަނުން މަނާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ، އަދި ދީނީ ތަންތަނަށް ހުރަހެއް ނެތި ވަދެ އުޅުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
އަދި އަޅުކަން ކުރުމަށް އަޤްޞާ މިސްކިތަށްދާ މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ ޢަމަލުތައް ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅުވައި، ”ކުއްލި ނުރައްކަލުގެ ހާލަތު“ އެއް އޮތް ކަމަށްބުނެ މަސްޖިދުލް އަޤުޞާ ބަންދުކޮށް ނަމާދުކުރުން މަނާކުރިތާ 13 ދުވަސްވެފައި ވާއިރު، މިދިޔަ ހުކުރު ދުވަހުވެސް އެ މިސްކިތުގައި ހުކުރު ކުރަން ފުރުސަތު ދީފައެއް ނުވެއެވެ.
"ކުއްލި ނުރައްކަލުގެ" ފިޔަވަޅެއްގެ ގޮތުން އަޤުޞާގައި ނަމާދުކޮށް ހުކުރު ކުރުން މަނާ ކުރި ނަމަވެސް ޔަހޫދީންގެ ޢީދު ފާޅުކުރުމުގެ ކަންކަން އެއްވެސް ހުރަހެއް ނެތި އެމީހުން ވަނީ ކޮށްފައެވެ.
އެގޮތުން، އެ ހާލަތު އިއުލާންކޮށްފައި އޮއްވައި އެތައް ހާސް ޔަހޫދީ ވަޒަންވެރިންނެއް، ގުދުސްގެ މަގުތަކުގައި އެމީހުންގެ "ޕިއުރިމް" އީދު ފާހަގަކޮށް އުފާފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވަނީ، ރަމަޟާން މަހު މުސްލިމުން ނަމާދުކުރުމަށް ހުރަސްއެޅުމަކީ އަޅުކަން ކުރުމުގެ މިނިވަންކަމާއި، މަސްޖިދުލް އަޤްޞާގެ މާތްކަމާއި، މުސްލިމުންގެ ދީނީ ޝިއާރުތަކަށް ދެވޭ އުދުވާނީ ހަމަލާއެއް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
އަދި މިފަދަ ފިޔަވަޅުތަކުގެ އަސްލު މަގުސަދަކީ ސަލާމަތީ ކަންކަމުގެ ނަމުގައި ބަހަނާ ދައްކައިގެން، މަސްޖިދުލް އަޤްޞާގެ މައްޗަށް އާ އުސޫލުތަކެއް މަޖުބޫރުކޮށް، މަޑުމަޑުން އެ މިސްކިތުގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ހޯދައި އެތަން އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށްވެސް އެ ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ.
އިސްރާއިލުން އަޤްޞާ މިސްކިތް ބަންދުކޮށްގެން އުޅޭތާ 13 ދުވަސް؛ އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ