އާންމު ވޯޓަށް ނޫނެކޭ ބުނަން ޖެހެނީ ގާނޫނުއަސާސީގެ އަސާސީ ތަރުތީބު ދަމަހައްޓާ، ސަރުކާރު ޖަވާބުދާރީކުރުވަން އާންމު ވޯޓަށް ނޫނެކޭ ބުނަން ޖެހެނީ ގާނޫނުއަސާސީގެ އަސާސީ ތަރުތީބު ދަމަހައްޓާ، ސަރުކާރު ޖަވާބުދާރީކުރުވަން

ކޮންމެ ގާނޫނުއަސާސީއެއްގައިވެސް އެގާނޫނުއަސާސީގެ އަސާސީ ތަރުތީބުގެ ގޮތުގައި ކަނޑައެޅިފައިވާ ހާއްސަ ސިފަތަކެއް ހުރެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބަލާއިރު، ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމުގެ މައިގަނޑު ސިފަތަކާއި ދައުލަތުގެ ބާރުތަކުގެ އިންތަކާއި ފާރަވެރިވާނެ ހަމަތަކާއި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމަކީ، ގާނޫނުއަސާސީގެ ޖައުހަރީ ސިފަތައްކަމަށް ފެނެއެވެ. މިކަންކަމަކީ، އާންމު އުސޫލުން ގާނޫނު ބަދަލުކޮށް އިސްލާހުކުރާ ފަދައިން ކުރާކަންކަމެއް ނޫނެވެ. އެއީ، ގާނޫނުއަސާސީ ފަރުމާކުރި މީހުން، ގިނަ އަހަރުތަކެއް ވަންދެން ފުންކޮށް ވިސްނައި، ދިރާސާކޮށް، ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބަހުސްކޮށް، ރައްޔިތުންގެ އާންމުވެގެންވާ ލާބައާއި މަންފާއަށާއި، މުޅި ގައުމުގެ މަސްލަހަތުގައި، ކޮންމެ ޒަމާނެއްގައިވެސް ދަމަހައްޓަން އެއްބަސްވެފައިވާ ހަމަތަކެވެ.
އެއިންކަމަކަށް ބަދަލު ގެނައުމަކީ، ދައުލަތާއި ވެރިކަމުގެ ނިޒާމާގުޅޭ ގޮތުން ރައްޔިތުންގެ ކިބައިން ލިބިދީފައިވާ ރުހުމާއި ބާރުވެރިކަމަށް އުނިކަންލިބި، ރައްޔިތުންގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމެކެވެ. ކަންމިހެން އޮތުމުން، ގާނޫނުއަސާސީގެ އަސާސީ ތަރުތީބު އެމައްޗަށް ބިނާކޮށްފައިވާ ކަމަކުންކުރެ ކަމަކަށް ބަދަލު ގެންނަނީ ވަރަށް ނާދިރު ހަލާތުގައި، ކޮންމެހެން އެކަމަށް ޟަރޫރަތެއް އޮވެއްޖެނަމައެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުންނެވެ. މިއީ، ވަރަށް ހާއްސަ ހާލަތެއްގައި މެނުވީ ކޮށްގެންވާނެ ކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބަލާއިރު އަންނަނި ކަންކަން ފާހަގަކުރެވެއެވެ.
ގާނޫނުއަސާސީގެ 4 ވަނަ މާއްދާއަށް ބަލާއިރު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތަކެއް ފެށިގެން އަންނަނީ، އަދި އެބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ބަޔާންކޮށްފައިވެއެވެ. ވެރިކަމުގެ ނިޒާމެއްގައި، ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކޮންމެ ފަހަރަކު ހުރިހާ ރައްޔިތުންގެ ރައުޔު ހޯދައި، ގޮތް ނިންމުމަކީ، މުސްތަހީލު ކަމެއްކަމަށްވާތީ، ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ ބާރުލިބިދީފައިވަނީ ރައްޔިތުންގެ މަންދޫބުންނަށެވެ. އެއީ، ގާނޫނުހަދާ މަޖިލީހަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުން، މަޖިލިސް މެންބަރުން މަސައްކަތްކޮށް ވަކާލާތު ކުރަންޖެހެނީ، މުޅި ގައުމުގެ މަސްލަހަތު ގައެވެ. ހިތާމައަކީ، މިކަން އެމޭރުމުން ނުހިނގާކަމެވެ. މިހާރު އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ތިންބާރު އޮތީ ވަކިކޮށްފައެވެ. އެހެން ނަމަވެސް، ވެރިކަމުގެ ބާރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭ ކޮންމެ ފަހަރަކުމެ، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ކިބައިން ލިބިދިން ބާރު ބޭނުންކުރަނީ ނާޖާއިޒު ގޮތުގައެވެ. ފެންނަން އޮތް ހަގީގަތަކީ، ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކުރުމުގެ ބަދަލުގައި، މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީގެ ވިސްނުމާއި މަސްލަހަތު ކުރިއަރުވައި، އެކަމަށް ވަކާލާތުކުރުމެވެ.
ދިވެހި ސިޔާސީ މަސްރަހުގައި "ވެރިކަންކުރާ ޕާޓީ" އަކީ، ބޭނުންކުރުން އާންމުވެފައިވާ އިބާރާތެއް ކަމަށް ވީނަމަވެސް، އެއީ، ގާނޫނުއަސާސީން ހައިސިއްޔަތު ލިބިގެންވާ އެއްޗެއް ނޫނެވެ. ގާނޫނުއަސާސީގެ 6 ވަނަ މާއްދާގައިވާ ގޮތުން ވެރިކަން ހިންގުމުގެ އެންމެހައި ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވަކި ސިޔާސީ ޕާޓީއަކަށެއް ނޫނެވެ. ކަންމިހެން އޮތްނަމަވެސް، ބަރުލަމާނީ ނިޒާމު އެމައްޗަށް ބިނާވެފައިވާ 'ޕާޓީ-ޕޮލިޓިކްސް' ވަނީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ޖާގަ ހޯދާފައެވެ. މިކަމަކީ، ދުސްތޫރީ އަދި ގާނޫނީ ނަޒަރަކުން ބަލާއިރު، އޭގެ ޒާތުގައި ޣަރީބު ކަމެކެވެ. އެހެނީ، ސިޔާސީ ޕާޓީގެ ވެރިކަމަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއްކަމަށް ނުވެފައި، ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައިވާ ގޮތުން "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން" ކަމަށްވާތީވެއެވެ.
ވެރިކަން ހިންގާ ބާރު ނިސްބަތްވާ ރައީސުލްޖުމްޖޫރިއްޔާއާއި ގާނޫނު ހެދުމުގެ ބާރު ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ބަޔެކެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އަކުރު (ށ)ގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން މެނުވީ، ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ މާއްދާތަކާއި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އެއްވެސް އިސްލާހެއް ގެނައުންވަނީ ގައިދުކޮށްފައެވެ. އެއީ، އެކަންކަމުގެ މުހިންމުކަމާއި ރައްޔިތުން އެމީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި ތަމްސީލުކޮށް، އެމީހުންގެ ފަރާތުން ބަސްބުނުމަށް ދީފައިވާ ރުހުމާއި ލެޖިޓިމަސީއަކީ، އެހެން އެއްވެސް ފަރާތަކުން އެއިން ކަމަކަމަށް ބަދަލު ނުގެނެވޭނެ ކަންކަމަށްވާތީއެވެ. ގާނޫނީގޮތުން މިކަން މިގޮތަށް އިންތިޒާމް ވެފައިވީ ނަމަވެސް، މިއަދުގެ ސަރުކާރުންވަނީ މިކަން ބޭތަރުތީބުކުރަން ފައްޓާފައެވެ.
މިގޮތުން، އެންމެ ފުރަތަމަ ކަމަކަށް 19 ނޮވެމްބަރު 2024 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު "އެންޓި-ޑިފެކްޝަން ބިލް" ވަނީ، ހަމަ އެދުވަހު، ތާވަލުކުރެވި، ބަހުސްކޮށް، ޖެހިގެން އައި ދުވަހު ފާސްކޮށްފައެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ، މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ވޯޓު ދިނުމާއި އެނޫން އެހެން ގޮތަކަށް ޢަމަލުކޮށްފިނަމަ، ސިޔާސީ ޕާޓީން ވަކިކޮށް، މަޖީލީހުގެ ގޮނޑި ގެއްލިގެން ދިއުމެވެ. މިއީ، ކުރިން ފަދައިން، ގާނޫނުއަސާސީގެ 75 ވަނަ މާއްދާއިން ލާޒިމުކޮށްފައިވާ ރައްޔިތުންގެ ލާބަޔާއި މަންފައަށް އިސްކަން ދިނުމުގެ ބަދަލުގައި ސިޔާސީ ޕާޓީގެ މަސްލަހަތު ކުރިއެރުވުމެވެ. ރައްޔިތުން ދީފައިވާ ރުހުމާއި ބާރުވެރިކަމަށް ފާޅުގައި ގޮންޖެހުމެވެ.
މި އަމަލަކީ، އޭގެ ޒާތުގައި ރައްޔިތުންގެ ބާރުވެރިކަން ސީދާ ކަނޑުވާލުމެވެ. މިގޮތުން ދެކަމެއް ފާހަގަކޮށްލުން ވަރަށް މުހިންމު ކަމަށް ދެކެމެވެ. ފުރަތަމަ ކަމަކީ، މި އަމަލުގެ ނަތީޖާއަކީ، ރައްޔިތުން ރައްޔިތުންގެ މަންދޫބުންނަށް ވަކި ހަވާލަތެއް ދީފައިވާއިރު، މަންދޫބުން އޭގެއިމުން ބޭރުވުމެވެ. އެހިސާބުން، ރައްޔިތުންގެ ފަރާތުން ދީފައިވާ ރުހުމާއި ތަމްސީލުކުރުމަށް ލިބިދީފައިވާ ގާނޫނީ ހައިސިއްޔަތު ގެއްލިގެން ދާނެއެވެ. ދެވަނަ ކަމަކީ، ގާނޫނުއަސާސީގެ އަސާސީ ތަރުތީބު ނިޔާކުރާ ގޮތުން، ދައުލަތުގެ ތިންބާރުގެ އިންތައް އެކަށައެޅި، އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ ލާޒިމުކޮށްފައިވާއިރު، ވެރިކަން ހިންގާ ބާރުގެ މައްޗަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ އެންމެ ބޮޑު ޒިންމާ މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ. މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީގެ ވެރިއަކީ، ވެރިކަން ހިންގާ ބާރު ނުވަތަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާކަމަށްވާހިނދު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 'ލަފަޔާއި އިރުޝާދާ' ހިލާފުވުމަކީ ނުވަތަ 'ޕާޓީގެ ލައިނާ' އެއްގޮތަށް ވޯޓު ނުދިނުމުން މެންބަރުންގެ ގޮނޑި ގެއްލުމަކީ، ގާނޫނުއަސާސީ ފަރުމާކުރި މީހުންގެ ނިޔަތެއް ނޫނެވެ. އަދި އެކަމަކީ، ގާނޫނުއަސާސީގެ އިމުގެ ތެރެއިން ހުއްދަ ކަމެއްކަމަކަށްވެސް ނުބެލެވޭނެއެވެ.
އިސްވެ ބުނެވުނު ގޮތަށް އެންޓި-ޑިފެކްޝަނާގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، ފާއިތުދިޔަ ދުވަސްތަކުގައި ސަރުކާރުގެ ހިންގުމުގެ ނިޒާމުގައިވާ މައްސަލަތަކާއި އެކިއެކި ވުޒާރާތަކާއި ދައުލަތުގެ މުއައްސާސަތަކާއި ސަރުކާރު ކުންފުނިތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާމެދު ހަރުދަނާ ގޮތެއްގައި ޖަވާބުދާރީކުރުމަށް ރައްޔިތުންގެ މަޖިލީސް ނުކުޅެދިފައިވެއެވެ. މީގެއިތުރުން، ރައްޔިތުންގެ އާންމުވެގެންވާ ލާބަޔާއި މަންފާއަށްޓަކައި ވަކާލާތު ނުކުރާކަމަކީ ދެބަސްވެވެންނެތް ހަގީގަތެއްވެސްމެއެވެ.
އެންޓި-ޑިފެކްޝަނާގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށިތާ ހަފްތާއެއްވެސް ނުވަނީސް، ސަރުކާރުން އަމާޒު ހިފީ، ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ ބޮޑު އަޣުލަބިއްޔަތުގެ ބޭނުންކޮށްގެން ގާނޫނުއަސާސީން އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް ނުރަނގަޅު ބަދަލު ގެނައުމަށެވެ. މިގޮތުން، އިލެކްޝަން ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއާއި ނައިބު ރައީސަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން އައްޔަނުކުރާ ފަރާތްތަކެއްގެ ގޮތުގައިހެދުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅައި، ފާސްކޮށް، އަމަލުކުރަން ފަށައިފިއެވެ. މިކަމުގެ ނަތީޖާ ވަރަށް ސާފެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހަކު އިސްވެ ބުނެވުނު ކޮމިޝަނުގެ ރައީސާއި ނައިބު ރައީސުގެ މަގާމަށް އައްޔަނުކުރުމުން އެކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ސިޔާސީ ގޮތުން ނުފޫޒުވަނުމުގެ ދޮރު ހުޅުވާ ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން އެކޮމިޝަންތަކުން ނުފޫޒުން އެއްކިބާވެ، ނިންމުންތައް ނިންމާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ. މިރާއްޖޭގެ ސިޔާސީ މާޒީއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބިފައިވާ ރައީސުލްޖުމްހޫރިއްޔާއަކާ ދެކޮޅަށް ކަމެއްނިންމުމުގެ ހިތްވަރު ނެރެންކެރޭނެ މުސްތަގިއްލު ކޮމިޝަނެއްގެ ރައީސަކު އަދި ނައިބު ރައީސަކު ހުންނާނެކަމަށް ގަބޫލުކުރުމަކީ އަމިއްލަ ނަފުސަށް އޮޅުވާލުމެވެ.
ގާނޫނުއަސާސީގެ ހަތްވަނަ ބާބުގެ ގޮތުގައި މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގެ މަފްހޫމަކީ، ވެރިކަން ހިންގާ ބާރުގެ ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ އާންމުވެގެންވާ މަންފާއަށްޓަކައި މިނިވަންކަމާއެކު ގޮތްނިންމާނެ ބަޔަކުތިބުމެވެ. އެމީހުންގެ ހުވައިގައިވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތް الله ގަންދީ ހުވައިކުރާ ވަހަކައެކެވެ. އެއްވެސް ހާލެއްގައި ރައީސުލްޖޫމްހޫރިއްޔާގެ ލަފަޔާއި އިރުޝާދަށް އަމަލުކުރަންޖެހޭ ވާހަކައެއް ނެތެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ދައުލަތުގެ ތިންބާރުގެ މެދުގައި އޮންނަ އިންތައް ފަހަނައަޅައި، އެއްބާރުން އަނެއް ބާރުގެ އިން ގިރާކުރުމަށް ފާރަވެރިވެ، އެކަން ހުއްޓުވުމުގެ ފަހުބަސްބުނާ ފަރާތަކީ، އަދަލު އިންސާފު ގާއިމުކުރުމުގެ ބާރުކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުން، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައި ކޯޓަށާއި އަދި ގާނޫނުން ކަނޑައަޅާ ދަށު ކޯޓުތަކަށެވެ. ވަކިން ހާއްސަކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެއިސް ފަރާތަކީ، ސުޕްރީމް ކޯޓުކަމަށްވެފައި، އެކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޤާނޫނީ ހަމަތަކުގެ ބޭރުން، އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ގެއްލޭގޮތަށް، ތޮބީއީ އަދާލަތުގެ އުސޫލުތަކާވެސް ހިލާފަށްބަދަލުގެނެސް، ފަނޑިޔާރުން ވަކިކުރުވުމަށް ނުވަތަ އިސްތިއުފާ ދިނުމަށް މަޖުބޫރުކުރުވުމަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފަނޑިޔާރުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ބިރުދައްކައި، ތަޢައްސުބުން އެއްކިބާވެތިބެ، ގޮތްނިންމުމަށް ހުރަސްއެޅުމެވެ.
އެންޓި-ޑިފެކްޝަނާގުޅޭ ގޮތުން ގާނޫނުއަސާސީއަށް 20 ނޮވެމްބަރ 2024 ދުވަހު ގެނައި 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުން، ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ ތަމްސީލުކުރާ ސިޔާސީ ޕާޓީނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށާއި، އަދި އަމިއްލަގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު އެމެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަވެސް މަޖިލީހުގެ މެންބަރުކަން ގެއްލެއެވެ.
މިކަމާގުޅޭ ގޮތުން، 20 ނޮވެމްބަރ 2024 ދުވަހު އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލައާ ގުޅިގެން ދައުލަތުގެ ބަންޑާރަނައިބު ބުނެފައިވަނީ އެމައްސަލައަކީ، ސުޕްރީމް ކޯޓުން ބަލައިގެންވާނެ މައްސަލައެއް ނޫންކަމަށެވެ. މިމައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، 24 ފެބްރުއަރީ 2025 ދުވަހު ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއެވެ. އެބިލަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށްޓަކައި ހުށަހެޅުނު ބިލެކެވެ. ހަމައެދުވަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުންވަނީ ކުރިން ބުނެވުނު މައްސަލަ ބަލާ ބެންޗުގައި ހިމެނޭ 7 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީކަމަށްބުނެ، އެ ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަ ބަލަން ނިންމާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލަބަލައި، ނިންމާފައިވަނީ އެފަނޑިޔާރުން މަގާމުން ވަކިކުރުމަށްޓަކައި މަޖިލީހަށް ފޮނުވުމަށެވެ. ބުނެވިދިޔަ 3 ފަނޑިޔާރުންގެ ތެރެއިން އެކަކުވަނީ 04 މާޗް 2025 ދުވަހު އިސްތިއުފާ ދީފައެވެ. އަދި 14 މެއި 2025 ދުވަހު ރައްޔިތުންގެ މަޖިލީހުން ދެންތިބި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފާސްކުރުމުން، އެފަނޑިޔާރުންވަނީ މަގާމުން ވަކިކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާކަމެކެވެ. މިގޮތުން، ހަބަރާއި، މަުލޫމާތާއި، ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ކަންމިހެން އޮތްނަމަވެސް، އަދުގެ ސަރުކާރުންވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން އަންނަގޮތަށް އަމަލުކޮށްފައެވެ. މީގެ ތެރެއިން، އެންމެ މުހިންމު ކަމަކީ، 18 ސެޕްޓެމްބަރ 2025 ދުވަހު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު) އެވެ. މި ގާނޫނާމެދު ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ނޫސްވެރިންނާއި ކަމާގުޅުންހުރި ފަރާތްތަކާ އެކަށީގެންވާގޮތަށް މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިނުވުމާއި، ކޮމިޝަން އެކުލެވިގެންވާގޮތާއި، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މީޑިއާ ރެގިއުލޭޓްކުރުމުގެ ތުހުމަތުތަކާއި، މީޑިއާ ކޮމިޝަނަށް ބޮޑެތި ބާރުތައް ލިބިދީ، ނޫސްވެރިންނާއި މީޑިއާ އައުޓްލެޓްތަކުގެ މައްޗަށް ފިޔަވަޅުއަޅައި، ލައިސަންސް ބާޠިލުކުރުމާއި، އަދި ވަކިން ހާއްސަކޮށް މާލީގޮތުން ބޮޑެތި ޖޫރިމަނާކުރުން ހިމެނެއެވެ.
އިސްވެ ބަޔާންކޮށްފައިވާ ކަންކަންމުގެ އަލީގައި، ފެންނަން އޮތް ހަގީގަތަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ދައުލަތުގެ ބާރުތަކާއި، ހައްގުތަކާއި، މިނިވަންކަމަށް ނިޒާމީ ސިފައެއްގައި އުނިކަން ގެނެސް، ތިންބާރު ވަކިވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ދައުލަތުގެ ހުރިހާބާރެއް، ސީދާ ވެރިކަން ހިންގާ ބާރުގެ ދަށަށް ގެނައުމެވެ. މިކަމަކީ، ގާނޫނުއަސާސީގެ އަސާސީ ތަރުތީބު ރޫޅައި، ރައްޔިތުންގެ މަންދޫބުންނަށް ލިބިދީފައިވާ ރުހުމާއި ބާރުވެރިކަމާ ކަނޑައެޅިގެން ހިލާފަށް، ހަމައެކަނި އެންމެ ފަރުދެއްގެ އެދުމާއި މަސްލަހަތު ހިމާޔާތްކުރުމެވެ. 04 އޭޕްރީލް 2026 ދުވަހު ބޭއްވުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ނޫނެކޭ ނުބުނެފިނަމަ، ވެރިކަން ހިންގާބާރު ޖާވާބުދާރީ ކުރެވޭނެގޮތެއް އޮންނާނެ ތަނެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ