އދ. ދިގު ރަށުގައި ބިދޭސީން މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ އަލިފާނުގެ ހާދިސާއެއްގައި ހިނގައި، ފަސް ބިދޭސީއަކު މަރުވެއްޖެ އެވެ. އަދި ދެ ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން މާލޭގައި ދަނީ ފަރުވާ ދެމުންނެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 2 ހާްއިރު އެވެ.
ބުނީ ކީކޭ؟ - ފުލުހުން މީޑިއާ ގްރުޕުގައި ހިއްސާ ކުރި މެސެޖްގައި ބުނީ:
މި ހާދިސާގައި އަށް މިހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ
އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައި
އަނިޔާ ލިބުނު އަނެއް ތިން މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވޭ
ފުލުހުން އިތުރަށް ބުނި ގޮތުގައި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭނެ އެވެ.
ކައުންސިލްގެ ބަސް - ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން 'ދައުރު'އަށް ވިދާޅުވީ، ރޯވި އެކޮމޮޑޭޝަން ބްލޮކްގައި 30އަކަށް މީހުން ދިރިއުޅެމުންދިޔަ ކަމަށާއި މި ހާދިސާ ހިނގީ އޭގެ ތެރެއިން ބައެއް މީހުން ނިދާފައި ތިބި ވަގުތެއްގައި ކަމަށެވެ.
"މިހާތަނަށް ބެލެވޭ ގޮތުގައި މިކަން ހިނގާފައިވަނީ، ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކްވެގެން... އެކަމަކު ކަން އަސްލުވީ ގޮތް އެނގޭނީ ފުލުހުންގެ ތަހުގީގަށްފަހު،" އުސްމާން ވިދާޅުވި އެވެ.
މަރުވި ފަސް މީހުންނަކީވެސް، ބަންގަލަދޭޝަންގެ ފިރިހެނުންެވެ. އަދި ފިހިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް އުސްމާން ވިދާޅުވި އެވެ.
"ހާލު ސީރިއަސްވި ދެމީހުންނަށް މާލޭގައި ދަނީ ފަރުވާ ދެމުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ދިގުރަށު އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ 5 ބިދޭސީއަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ