ރޯދަ ނިމުމުން ބަރުދަން އިތުރުވެދާނެތީ ކަންބޮޑުވޭތަ؟ މި ކަންކަމަށް ސަމާލުވޭ

ރަމަޟާން މަހަކީ މުސްލިމުން ރޯދަ ހިފާ ބަރަކާތްތެރި މަހެކެވެ. އެއް މަސް ދުވަހުގެ ރޯދައަށް ފަހު އަންނަ ފިތުރު ޢީދާ އެކު، ގިނަ ބައެއްގެ ކެއުމާއި، ނިދުމާއި އަދި ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން، ރޯދަ ވީއްލުމަށާއި ޢީދު ދުވަހުގެ މުނާސަބަތުގައި ތައްޔާރުކުރާ ކާތަކެއްޗަކީ ގިނަ ފަހަރަށް ކެލޮރީ ވަރަށް ގިނަ ތަކެތި ކަމަށްވުމުން، ޢީދަށް ފަހު ގިނަ ބައެއްގެ ބަރުދަން އިތުރުވާން މެދުވެރިވެއެވެ. ރަމަޟާން މަހުގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތަކާއި ސަމާލުވާންޖެހޭ ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރެވޭނަމަ އަމަލުކުރަންވާ ގޮތް އިންޑޮނޭޝިއާއަށް ނިސްބަތްވާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ލުކްރޭޒިއާ ރެނާޓާ ވަނީ ވިދާޅުވެދެއްވާފައެވެ. ޑރ. ލުކްރޭޒިއާ ރެނާޓާއަކީ އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގައި މަސައްކަތްކުރެއްވުމުގެ އިތުރުން އިންޑޮނޭޝިއަން ސޮސައިޓީގެ ވެސް އެތެރެހަށީގެ ބަލި މީހުންނަށް ފަރުވާ ދެއްވުމަށް ހޮވާފައިވާ ޚާއްސަ ޑޮކްޓަރެކެވެ. ރަމަޟާން މަހު ކެއުމުގައި ވަކި މިންގަނޑެއް ގެންގުޅުމަކީ ވެސް ބަރުދަން ލުއިކުރަން އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/އިންޑިއާޓުޑޭ ޑރ. ލުކްރޭޒިއާ ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަހު ކެއުމުގެ އާދަތަކަށް ބޮޑު ބަދަލެއް އައުމުގެ އިތުރުން އެ މަހު ކާން ބޭނުންކުރާ ބާވަތަތްތަކަށް ވެސް ބޮޑު ބަދަލެއް ގެނެވެއެވެ. މި އާދަތަކަށް ބަދަލު އަންނަން މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ: ކެއުމުގެ ވަގުތުތަކަށް އަންނަ ބަދަލު: ހަމައެކަނި ރޯދަވީއްލާ ވަގުތާއި ހާރު ކާ ވަގުތު ކެއުމުގެ ސަބަބުން، ހަށިގަނޑު ގިނަ ވަގުތުތަކެއް ވަންދެން ކާބޯތަކެއްޗާ ދުރުގައި ހުރެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް (ހަކަތަ އުފައްދާ ބާރުމިން) ހަކަތަ ހޯދުމަށްޓަކައި ހަށިގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ ބޭނުން ކުރުމަށް ބަދަލުވެއެވެ. ނަމަވެސް، ރަމަޟާން މަސް ނިމުމުން މި ބަދަލުތަކުގެ ސަބަބުން ހަށިގަނޑުން ހަކަތަ ބޭނުންކުރާ ގޮތާއި ރައްކާކުރާ ގޮތަށް އަސަރުކުރެއެވެ. ހަކުރާއި ސަރުބީ ގިނަ ކާތަކެތި ބޭނުންކުރުން: ރަމަޟާން މަހު ރޯދަވީއްލާ ވަގުތާއި ހާރު ކާ ވަގުތު ހަކުރާއި ސަރުބީ ގިނަ ކެއުންތައް ބޭނުންކުރުމުގެ އާދަ ގިނަ މީހުންގެ ހުރެއެވެ. ޚާއްސަކޮށް ތެލުލި ތަކެއްޗާއި، ފޮނި އެއްޗެހި އަދި ސަރުބީ ގިނަ ކާތަކެތި ބޭނުންކުރުމަކީ ރޯދަ މަސް ނިމުމަށް ފަހު ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. ފެން ބޯ މިންވަރު މަދުވުން: ރޯދައަށް ހުންނަ ވަގުތު ގިނަވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުން (ޑީހައިޑްރޭޝަން) މެދުވެރިވެއެވެ. ރޯދަވީއްލާ ވަގުތާއި ހާރު ކާ ވަގުތު އެކަށީގެންވާ ވަރަށް ފެން ނުބޮވޭނަމަ، މެޓަބޮލިޒަމަށް އަސަރުކޮށް، ރޯދަ މަސް ނިމުމުން ބަރުދަން އިތުރުވާން މެދުވެރިވެއެވެ. އެހެން މަސްތަކެކޭ އެއްގޮތަށް ރަމަޟާން މަހުވެސް ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމަކީ ބަރުދަން އިތުރުވުން ހުއްޓުވުމަށް ކުރެވިދާނެ ކަމެއް--ފޮޓޯ/ޖިމްނޭޝަން މި ތިން ސަބަބުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުކުރުމާއި، ކެއުމުގައި ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ހިމެނޭ މިންވަރަށް ސަމާލުކަން ނުދެވުމަކީ ބަރުދަން އިތުރުވާން ދިމާވާ މައިގަނޑު ކަންތައްތައް ކަމަށް ޑރ. ލުކްރޭޒިއާ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ރަމަޟާން މަހަށް ފަހު ބަރުދަން އިތުރުވެދާނެތީ, އެ ކަމާ ފިކުރު ކުރުމުގެ ބަދަލުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ. ހަމަހަމަ ކެއުމެއް އިޚުތިޔާރުކުރުން: ކެއުމުގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ކަމަށްވާ ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ފައިބަރ، ވިޓަމިންސް އަދި މިނަރަލްސް ހަމަހަމަ މިންވަރަކަށް ހިމެނުމަށް ސަމާލުކަން ދެވިދާނެއެވެ. ޕްރޮސެސްކޮށްފައިވާ ކާތަކެއްޗާއި، ފާސްޓް ފުޑް، އަދި ހަކުރާއި ސަރުބީ ގިނަ ކާތަކެތި ބޭނުންކުރުން މަދުކުރުމަކީ ރޯދަ މަހާއި ޢީދު ތެރޭގައި ސަރުބީ ޖެހުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ގަވާއިދުން ކަސްރަތުކުރުން: ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު، ނުވަތަ ހަފުތާއަކު 150 މިނެޓު ކަސްރަތުކުރުން މުހިންމެވެ. މި ގޮތުން ހިނގުން، ދުވުން، ބައިސްކަލް ދުއްވުން ނުވަތަ ފަތަން ދިއުން ފަދަ ކަންކަމަކީ ހަށިގަނޑުން އިތުރުވާ ކެލޮރީ އަންދާލުމަށާއި ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ކެއުމުގައި ވަކި މިންގަނޑެއް ގެންގުޅެން ސަމާލުވުން: މާ ގިނައިން ކެލޮރީ ހަށިގަނޑަށް އެތެރެވިޔަ ނުދިނުމަށްޓަކައި ކެއުމުގައި ވަކި މިންވަރެއް ކަނޑައަޅައި ކެއުން ކޮންޓްރޯލް ކުރުމަށް ސަމާލުވުން މުހިންމެވެ. އެގޮތުން، ކެއުމަށް ކުދި ތަށި ބޭނުންކުރުމާއި، މައިގަނޑު ކެއުންތަކުގެ ބޭރުން އިތުރު އެއްޗެހި ކެއުމާ ދުރުހެލިވުމުގެ އިތުރުން، ލަސްލަހުން ހަފާލައިގެން ކެއުމަކީ ބަނޑުފުރޭކަން ހަށިގަނޑަށް އިހުސާސްކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކެއުން ރޭވުން: ތަފާތު މޭވާއާއި ތަރުކާރީ، އަދި ހަށިގަނޑަށް ފައިދާހުރި އެހެނިހެން ބާވަތްތައް ހިމެނޭ ގޮތަށް ކުރިއާލައި ކެއުމުގެ މެނޫ ރޭވުމަކީ މުހިންމު ކަމެކެވެ. ސިއްހަތަށް ފައިދާހުރި ކެއުމަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް އާދަވެއްޖެނަމަ، ރޯދަމަހަށް ފަހު، ވެސް ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ޑރ. ލުކްރޭޒިއާ ވަނީ ވިދާޅުވެފައެވެ. ދުޅަހެޔޮ ސިއްހަތަކީ ދިގު މުއްދަތުގެ އިންވެސްޓްމަންޓެއްކަން ހަނދާން ބަހައްޓައި އަދި އަމިއްލަ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވެސް ބަރުދަން ކޮންޓްރޯލްކުރުމުގައި އެހީތެރިވެދޭނެ ކަމެކެވެ. ޑރ. ލުކްރޭޒިއާ ވަނީ ވިދާޅުވެފައިވާ ގޮތުން މި ފިޔަވަޅުތަކުގެ އެހީގައި ރޯދައަށް ފަހު ބަރުދަން އިތުރުވުމުގެ މައްސަލައިން ސަލާމަތްވެވޭނެ ކަމަށް އުންމީދު ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ