ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލްތަކުގެ އިންތިހާބުތަކުގައި ވާދަކުރާ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަދަލުކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އިސްލާހު ހުށަހަޅުއްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލް އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ ވެސް އެޖެންޑާ ކޮށްފައެވެ. މި ބިލް ބަހުސް އެ ޖަލްސާގައި ކުރިއަށް ގެންދިއުމަށްޓަކައި ވޯޓަށް އެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އިންތިހާބުގައި ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލެވޭނެ ޝަުރުތުތައް ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި ރައްޔިތުންނަށް އެ މީހުން ބޭނުންވާ މީހަކު ކައުންސިލް މެމްބަރު ކަމަށް ގެނައުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވީ އޭނާ ހުށަހެޅި މި އިސްލާހުގެ ސަބަބުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ އެއްވެސް މީހަކަށް އެއްވެސް ޒާތެއްގެ ހުރަހެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ކަމަށް ބުނެފައިވާ ޝަރުތުތަކަށް ވުރު އިތުރު ނުވަތަ އެއަށް ހުރަސް އެޅޭ ފަދަ އެއްވެސް ޝަަރުތެއް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުގެ ސަބަބުން މިއަހަރު އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެއްވެސް އަސަރެއް ނުވަތަ ހުރަހެއް ކުރިމަތި ވެދާނެތޯ ސުވާލު ކުރުމުން، އަލީ މުހައްމަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އޭނާ ހުށަހަޅުއްވާގފައިވާ އިސްލާހުތަކުގެ ސަބަބަން ކައުންސިލް އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކަށް ހުރަސްތަކެއް އަދި ކުރިމަތިވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެފަދަ ގޮތަކަށް ކަމެއް ދިމާވެދާނެ ގޮތަކަށް ގާނޫނަށް އިސްލާހެއް ހުށަހެއް ނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވި ގޮތުގައި އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަމަށެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ