ޕާޕާ ދޫކޮށްލަން ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް

ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް (ޕާޕާ) ސިފައިންގޭގައި ބަންދުކޮށްފައި ހުރި ކަމަށް ބުނެ އޭނާ ވަގުތުން ދޫކޮށްލުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ޕާޕާގެ ޤާނޫނީ ވަކީލު ހުށަހެޅި މައްސަލަ ކޯޓުން ބައެއް ނުގަތެވެ.
ޕާޕާގެ ޤާނޫނީ ވަކީލް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޕާ ދޫކޮށްލަށް އަމުރެއް ނެރެދިނުން އެދި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތީ ޕާޕާ ސިފައިންގެ އެއްވެސް މަރުކަޒެއްގައި ހައްޔަރުކޮށްފައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީ އިން ކޯޓަށް ފޮނުވި ސިޓީއެއްގައި ވިދާޅުވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލިއިރު ޕާޕާ އަކީ ރައީސްގެ ސަލާމަތީކަންތައްތައް ބަލަހައްޓާ އެސްޕީޖީގެ އެންމެ އިސްވެރިޔާއެވެ. އަދި އޭރު ސިފައިންގޭގެ ބަޑިގުދަނުގެ އިސްވެރިޔަކަށް ހުރީ ވެސް ޕާޕާއެވެ. މީގެ އިތުރުން ސިފައިން ގޭގައި ހުންނަ ބޮންފަދަ ތަކެތި ނުގޮވާ ގޮތް ހަދާ ޔުނިޓްގެ އިސްވެރިޔަކަށް ވެސް އޭރު ހުރީ ޕާޕާއެވެ.
ޕާޕާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މައްސަލައެއް ކަމެއް ނޭންގެއެވެ. ނަމަވެސް ރިޔާސީ ލޯންޗްގައި ދިން ހަމަލާ އަށް ފަހު ފެށި ތަޙްޤީޤުގައި ސިފައިންނާއި ފުލުހުން ހޯދި ހަތިޔާރުތަކަކީ ސިފައިންގެ ބަޑިގުދަނުން  ބޭރުކޮށްފައިވާ ހަތިޔާރުތަކެއްކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައި ވާތީ އެމައްސަލައިގައި ޕާޕާ އާއި ސުވާލު ކުރާނެ ކަމަށް ބެލެއެވެ.
އަދި ރައީސްގެ ލޯންޗްގައި ދިން ހަމަލާ އަށް ފަހު އެލޯންޗަށް އެރި ސިފައިންގޭގައި އޮންނަ ބޮން ފަދަ ތަކެތި ނުގޮވާ ގޮތް ހަދާ ޔުނިޓްގެ ސިފައިން ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާތީ އާއި އެޔުނިޓްގެ އިސްވެރިޔަކަށް ހުރީ ޕާޕާ ކަމަށްވާތީ އެމައްސަލައިގައި ވެސް އޭނާ އާއި ސުވާލުކުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ