ދައުވާއަށް ޖަވާބުދާރީވާން އިންތިފަށް ގާޒީ އަންގައިފި

މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލާފައިވާ ހ. ހިލްޓަން މުހައްމަދު އިންތިފް ރައޫފަށް އެ ދައުވާ އަށް ޖަވާބުދާރީވާން އަންގައިފިއެވެ.
އޭނާ އަށް އެގޮތަށް އަންގާފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
އިންތިފްގެ ވަކީލު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީވެވޭނީ އެ މައްސަލައިގެ ލިޔުންތައް ލިބިގެން ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ 16 ހެކީގެ ތެރެއިން 14 ހެކި ވަނީ ސިއްރުކޮށްފައި ކަމަށާއި ސިއްރު ހެކީންގެ ބަޔާން ދައުވާ ލިބޭ ފަރާތަށް ދޫނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ސިއްރު ނުކުރާ ހެކީންގެ ބަޔާން ދޫކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ސިއްރު ނުކުރާ ލިޔުންތައް އިންތިފަށް ދޫކޮށްފައިވާތީ އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އަށް ޖަވާބުދާރީވާން އޭނާ އަށް ވަނީ އަންގާފައެވެ.
އިންތިފުގެ ވަކީލް ވިދާޅުވީ އޭނާ ގެންގުޅުނީ ފިސްތޯލައެއް ނޫން ކަމަށާއި އެއީ ކުޅެން ގެންގުޅޭ މިނާފުށް ބަޑިއެއް ކަމަށެވެ. އެކަން ސާބިތުކުރަން ލިޔުންތައް ހުށަހަޅާނެ ކަމަށް އިންތިފް މިއަދު ވަނީ ބުނެފައެވެ.
އިންތިފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ. ގޯލްޑަންބީމް ގެއަށް ފުލުހުންނާއި ސިފައިން ވަނުމުން އެގޭ ސިޑިކޮޅިން އިންތިފް ވައްޓާލި ނުރައްކާތެރި ހަތިޔާރަކީ އޭގެއިން ޝޫޓުކޮށްފިނަމަ މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ހަތިޔާރެއްކަމަށް އެމްއެންޑީއެފްގެ އޯޑިނަންސް އިން ތައްޔާރުކުރި ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ