އަލީ ވަހީދުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށާއި ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ އޭސީސީން އެހީތެރިކަމަށް އެދުމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން ގެންދަނީ މާފަންނު ހަނދުވަރީ ހިނގުމުން އެލްސިޔޯން ބޭކަރީ ކައިރީގައި ހުންނަ މ. އޯޝަނިކްވިލާ އިން އިބްރާހީމް އާރިފު އަށް ލިބިފައިވާ މ. އެންޒިއަން ކިޔާ ގެ އަލީ ވަހީދުގެ މަންމަ ޒުހުރާ 7،938،000 ރުފިޔާ އަށް ބައްލަވައިގަތް މައްސަލަ އެވެ.
އޭރު އެ ބިން ގަތުމަށް ފައިސާ ދެއްކީ އަލީ ވަހީދުގެ މަންމަގެ ފިރިމީހާ ކަމަށް އޭނާ މީޑިއާގައި ހަބަރު ފެތުރި ނަމަވެސް ފަހުން ހާމަވި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ގޯއްޗަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންނެވެ.
އަލީ ވަހީދުގެ މަންމަގެ އިތުރުން އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެއިން ބީލަމުގެ އުސޫލުން ދެ ބިމެއް ކާމިޔާބު ކުރެއްވި އެވެ. އެއިން ބިމެއްގެ އަގު 4.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އަލީ ވަހީދުގެ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއް އޭސީސީން ފުލުހުންނަށް ފޮނުވިއިރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ