ސައިންސް މައުރަޒުން އެއް ވަނަ އިމާދުއްދީން ސްކޫލް ހޯދައިފި

ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ހޮލިޑޭ އިން ގުޅިގެން ސްކޫލްތަކުގެ މެދުގައި ބާއްވާ ސައިންސް މައުރަޒުން އެއް ވަނަ އިމާދުއްދީން ސްކޫލް މިއަދު ހޯދައިފި އެވެ.
ސްކޫލްތަކުގެ މެދުގައި ފަހަކަށް އައިސް ބާއްވާ ފުރަތަމަ ސައިންސް މައުރަޒު މިއަދު އަމީނިއްޔާ ސްކޫލްގައި ހުޅުވިއިރު އިމާދުއްދީން ވަނީ ލޯވާ ޕްރައިމަރީ( ގްރޭޑް 3 އާއި ގްރޭޑް 5 ) ގެ ކެޓަގަރީން އެއް ވަނަ ހޯދުމުގެ އިތުރުން އެ ކަޓަގަރީގެ ތިން ވަނަ ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ސެކަންޑްރީ ބައިން ވެސް ތިން ވަނަ އެ ސްކޫލް ހޯދާފައިވެ އެވެ. މިވަނަތަކާ އެކު މުޅި މައުރަޒުގެ ބެސްޓް އޯވަރޯލް ސްކޫލަކަށް ވެސް ހޮވިފައިވަނީ އިމާދުއްދީނެވެ. އެގޮތުން އިމާދުއްދީން ސްކޫލަށް މުޅި މައުރަޒުން އެއް ވަނަ ލިބިފައިވަނީ އެ ސްކޫލުން ތައްޔާރު ކޮށްފައިވާ ކާށި ތެޔޮ ބޭނުންކޮށްގެން ބަޔޯ ޑީސަލް އުފައްދާނެ ގޮތުގެ މޮޑެލްއެކެވެ.
އިޔާދަ ކުރަނިވި ހަކަތަކާއި ސައިންސްގެ ތަފާތު ވިސްނުންތައް ފެނިގެންދާ މައުރަޒު ހުޅުވިފައި ނުންނާނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.
ސައިންސް މައުރަޒުގައި ވަނަތައް ލިބުނު ސްކޫލްތަކަށް ބަލާއިރު ލޯވާ ޕްރައިމަރީ ކެޓަގަރީން ދެވަނަ ތާޖުއްދީނަށް ލިބުނުއިރު ޕްރައިމަރީ ކެޓަގަރީން އެއްވަނަ ލިބިފައިވަނީ ކަލާފާނު ސްކޫލަށެވެ. އަދި ސެކަންޑްރީ ކެޓަގަރީން އެއް ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލަށެވެ. ދެވަނަ ލިބިފައިވަނީ އަމީނިއްޔާ ސްކޫލަށެވެ.
މައުރަޒު ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފު ވިދާޅުވީ ދިރިއުޅުގެ ކޮންމެ ކަމެއް ވެސް ވަނީ ސައިންސާ ގުޅިލާމެހިފައި ކަމަށާއި އެގޮތުން އަހަރެމެންގެ ވަށައިގެންވާ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލި ނަމަވެސް ސައިންސްގެ މުހިންމުކަން އެނގޭނެ ކަމަށެވެ.
"އަހަރެމެންގެ ހުރިހާ އިންޑަސްޓްރީތަކެއް ވެސް ބަރޯސާވެފައިވަނީ ސައިންސްގެ މައްޗަށް. ގައުމެއްގެ ކުރިއެރުން ބިނާވެގެންދަނީ ސައިންސްގެ ރޮނގުން އެ ގައުމެއް ކުރިއަރައިގެން ދިޔަ ވަރަކަށް،" އަފީފު ވިދާޅުވި އެވެ.
ސައިންސް މައުރަޒަށް އިންސާފުކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ސައިންސްވެރިއެއް ކަމަށްވާ ސްޓްއާޓް މޮންރޯ އެވެ.
ސްޓްއާޓް ވިދާޅުވީ މައުރަޒަށް އިންސާފު ކުރުމުގެ ތެރޭގައި އެނގިވަޑައިގެންނެވި އެއް ކަމަކީ ރާއްޖޭގެ މާހައުލަށް ކުދިން އަހުލުވެރިވެފައިވާ މިންވަރު ކަމަށެވެ.
"ތިމާވެށީގެ މައްސަލަތަކާއި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކާމިޔާބުކުރާނެ ގޮތުގެ ވަރަށް ފުރިހަމަ ޕްރޮޖެކްޓްތައް ފެނިފައިވޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ