އޮޑިޓަ ޖެނެރަލް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބ. އަތޮޅަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް އޮޑިޓް އޮފީހުން ފައިސާ ދެއްކުމަށް ފަހު، އެ ފައިސާ އެ އޮފީހަށް އަނބުރާ ދެއްކި އިރު ފައިސާ ދެއްކި ތާރީހު ބަދަލުކޮށްފައިވާ ކަމަށް ބުނާ ލިޔުންތަކެއް ލީކްވެއްޖެ އެވެ.
ހަވީރަށް ކޮޕީ ލިބިފައިވާ އެ ލިޔުމުގައިވާ ގޮތުން އޮޑިޓަ ޖެނެރަލް އިބްރާހީމް ނައީމް މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ބ. އޭދަފުށިން އެ އަތޮޅު ތުޅާދު އަށް އަދި ތުޅާދޫން އޭދަފުއްޓަށް ކުރެއްވި އެ ދަތުރުފުޅުގެ ބިލް އެ ދަތުރުކޮށްދިން ބ. އަތޮޅު ކުރިއަރުވާ ކޮމެޓީން ތައްޔާރުކޮށްފައި ވަނީ އޮކްޓޫބަރު ،7 2008 ގަ އެވެ. އަދި 4،000ރ. ގެ އެ ބިލް އޮޑިޓް އޮފީހަށް އެންޓަކޮށް ބިލަށް އެ އޮފީހުގެ ޗެކަކުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު ،12 2008 ގަ އެވެ. އެހެން ނަމަވެސް އޮޑިޓް އޮފީހުން ދެއްކި އެ ފައިސާ އޮޑިޓަ ޖެނެރަލް އަނބުރާ އޮޑިޓް އޮފީހަށް ދެއްކެވި ކަމަށް ބުނެ ޑިސެމްބަރު ،30 2008 ގައި ރަސީދެއް ތައްޔާރުކުރުމަށް ފަހު އެ ރަސީދު ކެންސަލް ކޮށްފައިވާ ކަމަށް އެ ލިއެކިއުންތަކުން އެނގެ އެވެ. އެކަމަކު އެ ރަސީދު ކެންސަލް ކުރުމަށް ފަހު ދެން ތައްޔާރުކުރި ރަސީދުގައި، އޮޑިޓަ ޖެނެރަލް އަނބުރާ އެ ފައިސާ ދެއްކެވި ކަމަށް ލިޔެފައި ވަނީ ބިލް އޮޑިޓް އޮފީހަށް އެންޓަކުރި ތާރީހަށް ވުރެ ކުރީގެ ތާރީހެއްގަ އެވެ. އެއީ އެ ބިލް ތައްޔާރުކޮށްފައިވާ، ތާރީހާ އެއް ތާރީހެއް ކަމަށްވާ، އޮކްޓޫބަރު ،7 2008 އެވެ.
އޮޑިޓަ ޖެނެރަލްގެ މި ދަތުރުފުޅަށް އޮޑިޓް އޮފީހުން ދެއްކި ފައިސާ، އޮޑިޓަ ޖެނެރަލް އަނބުރާ ދެއްކެވި ކަމަށް ބުނެ އޮޑިޓް އޮފީހުން ފުރަތަމަ ތައްޔާރުކުރި ފައިސާގެ ރަސީދުގައި ޖަހާފައިވާ ސީރިއަލް ނަމްބަރަކީ ،2364 ( 30 ޑިސެމްބަރު 2008) އެވެ. ނަމަވެސް އެ ރަސީދު ކެންސަލްކުރުމަށް ފަހު، ކުރީގެ ތާރީހެއްގައި ތައްޔާރު ކުރި ސީރިއަލް ނަންބަރަށް ވުރެ ފަހުގެ ނަންބަރެއް ކަމަށްވާ 2365 އެވެ.
އޮޑިޓަ ޖެނެރަލްގެ ދަރުރުފުޅުގެ ބިލް އޮޑިޓް އޮފީހަށް ލިބުމުގެ ފަސް ދުވަހުގެ ކުރީގެ ތާރީހެއްގައި (އޮކްޓޫބަރު ،7 2008) އޮޑިޓް އޮފީހުގެ އިސް ވެރިއަކު އެ ބިލްގައި ނޯޓެއް ލިޔުއްވާފައިވެ އެވެ. އެ ނޯޓުގައި އޭނާ ލިޔުއްވާފައި ވަނީ އެ ބިލަށް ފައިސާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ބަންދު ދުވަސްތަކުގެ ފަހުން އޮފީސް ހުޅުވުމާ އެކު ފައިސާ ދައްކަވާނެ ކަމަށެވެ.
އެ ނޯޓް ލިޔުއްވި އެ އޮފީހުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހުސައިން އިއްޔެ ވިދާޅުވީ، އެ ނޯޓު ލިޔުއްވީ އެ ދުވަސްވަރަކީ ސަރުކާރު ބަންދު ދުވަސްވަރަކަށް ވާތީ، ސަރުކާރު އޮފީސްތައް ހުޅުވުމުން ފައިސާ ދެއްކުމުގެ ވިސްނުމުގައި ކަމަށެވެ.
"ވީހާ އަވަހަކަށް ފައިސާ ދެއްކުމަކީ، އަޅުގަނޑުމެން ގެންގުޅޭ އުސޫލެއް. ނަމަވެސް އަޅުގަނޑުމެން އަތަށް ބިލް އައީ ބަންދު ދުވަސްވަރެއްގައި ކަމަށްވާތީ، އޮފީސް ހުޅުވުމާ އެކު ފައިސާ ދެއްކުމަށް އަޅުގަނޑުމެން ނިންމީ،" އޮޑިޓާ ޖެނެރަލް އޮފީހުން މީޑިއާ އަށް މައުލޫމާތު ދެއްވުމަށް ވެސް ކަނޑައަޅުއްވާފައި ހުންނަވާ މުހައްމަދު ހުސައިން ވިދާޅުވި އެވެ.
ފައިސާގެ ރަސީދެއް ކެންސަލްކޮށް ތަފާތު ތާރީހުތަކެއް އެހެން ރަސީދެއްގައި ޖަހާފައި ވަނީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އޮޑިޓް ގާނޫނުގެ ދަށުން މައުލޫމާތު ދިނުމުގައި ވިސްނަންޖެހިވަޑައިގަންނަވާ ކަމަށާއި އެހެންވެ އެ ހުރިހާ ތަފުސީލެއް ދެއްވުމުގައި އޮޑިޓަ ޖެނެރަލާ މަޝްވަރާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އަމިއްލަފުޅު ދަތުރަށް އޮޑިޓް އޮފީހުން ދެއްކި ފައިސާ، އޭނާ އަނބުރާ އޮޑިޓް އޮފީހަށް ދެއްކެވީ އޮކްޓޫބަރު ،7 2008ގައި ކަމަށް ފައިސާގެ ރަސީދުން ދެއްކި ނަމަވެސް އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާ ކުރުމަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 6 ގަ އެވެ.
މި މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އޮޑިޓަ ޖެނެރަލަށް ހަވީރުން ގުޅުމުން އޭނާ ވިދާޅުވީ، އެއްވެސް ކަމަކާ ގުޅޭ ގޮތުން މީޑިއާ އަށް އިންޓަވިއު ނުދެއްވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އަމިއްލަ ދަތުރުފުޅުގެ ފައިސާ އޮޑިޓް އޮފީހުން ދެއްކުމަށް ފަހު، އަނބުރާ އެ ފައިސާ ދެއްކެވި ތާރީހު ބަދަލުކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލީކްވިއިރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޮޑިޓް ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އޮޑިޓް އޮފީސް ވަނީ ދާދި ފަހުން އޮޑިޓް ކޮށްފަ އެވެ.
އޮޑިޓަ ޖެނެރަލްގެ އަމިއްލަފުޅު ދަތުރެއްގެ ފައިސާ އަނބުރާ ދެއްކެވި ތާރީހު ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ލިޔުންތަކެއް ލީކްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ