ޗަމްޕާގެ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ކޯޓުން ބާތިލްކޮށްފި

ކ. ތުނބަފަޅުގައި ތިމާވެއްޓާ ބެހޭ ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ މ. ޗަމްޕާހެވަން، މުހައްމަދު މޫސާ 100 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.ހުކުމް އިއްވަވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަމަކާ ގުޅިގެން އެމީހެއްގެ ފަރާތުން ބަސް ބުނުމުގެ ފުރުސަތު ދިނުމަކީ އަދުލުވެރި ގޮތުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ދެކިގެން ފިޔަވަޅެއް އަޅާ ނަމަ ގާނޫނާ ހިލާފަށް ކޮށްފައިވަނީ ކޮން ކަމެއްތޯ އާއި އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިދިނުމަކީ ތުހުމަތު އުފުލިފައިވާ މީހާ އަށް ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ކަމަށެވެ. ގާޒީ ވިދާޅުވީ ތުނބަފުށީގައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކިފަހަރުމަތިން ސާވޭތައް ހަދާފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ސާވޭ ރިޕޯޓެއް ނުވަތަ ހޯދި ހޯދުންތަކެއް މުހައްމަދު މޫސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ތުނބަފުށީގައި މުހައްމަދު މޫސާ ގާނޫނާ ހިލާފަށް ކޮށްފައި ވަނީ ކޮން މަސައްކަތްތަކެއްތޯ އާއި އެކަންތައް ގާނޫނާ ހިލާފް ވަނީ ކޮން ގޮތަކުން ކަމާއި އެކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުން ސާފު ގޮތެއްގައި އެކަށީގެންވާ މިންވަރަށް ބުނެދީފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.ތުނބަފުށީގައި ކޮށްފައިވާ މަސައްކަތުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކޮށް ރިޕޯޓެއް ހުށަހެޅުމަށް އީޕީއޭ އިން މުހައްމަދު މޫސާ އަށް އަންގާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އެ އެގޮތަށް އަންގާފައި ވަނީ ތުނބަފުށީގައި ގާނޫނާ ހިލާފަށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތަށް ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތެއް ނުދީކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.".... ކ. ތުނބަފުށީގައި ގާނޫނާ ގަވާއިދާ ހިލާފަށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ދެކިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މުހައްމަދު މޫސާއާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކޮށްފައިވާ އިޖުރާއަތަކީ (ޕްރޮސީޖާއަކީ) މުހައްމަދު މޫސާ އަށް ލިބިގެންވާ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މައްޗަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިނުދީ އަމަލު ކޮށްފައިވާ އިޖުރާއަތެއް،" ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވި އެވެ. "އެ އިޖުރާއަތުގައި އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން އެ އިޖުރާއަތީ ބާތިލް އިޖުރާއަތެއް ކަމުގައި ކަނޑައަޅައި އެ އިޖުރާއަތު ބޭނުންކޮށްގެން މުހައްމަދު މޫސާއާމެދު ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމުގައި ޝަރުއީ އަދި ގާނޫނީ ގޮތުން ބަލަންޖެހޭ ކަމުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ]ނަންބަރު[ ސިޓީ ބާތިލްކޮށްފިން."ކޯޓުން ބާތިލްކުރި އެ ސިޓީއަކީ މުހައްމަދު މޫސާ 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ސިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ