ކެއާ ސޮސައިޓީ އަށް އެހީ ހޯދުމަށް ސްކޫލް ކުދިންގެ ބެލެނިވެރިން ކައިރި އަށް

ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީން ދޭ ކެއާ ޑިވެލޮޕްމެންޓް ސެންޓަރު )ސީޑީސީ( އަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަން ހައްލު ކުރުމަށް ފޮތް ކިޔުމުގެ ޕްރޮގްރާމެއް ސްކޫލްތަކުގައި ހިންގައިގެން ބެލެނިވެރިންގެ އަތުން އެހީ ހޯދައިދިނުމަށް އަމިއްލަ ދެ މީހަކު މަސައްކަތް ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް އެހީއެއް ނުލިބިއްޖެ ނަމަ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހިދުމަތް ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކެއާ ސޮސައިޓީ އަށް ފަންޑު ހޯދައިދިނުމުގެ މި ހަރަކާތް ފަށާނީ އާދީއްތަ ދުވަހު އެވެ. "ރީޑް-އަ-ތޮން ފޯ ޗެރިޓީ" ގެ ނަން ދީފައިވާ ޕްރޮގްރާމް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މިއީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިލީގެ ސްކޫލްތަކުގެ ގްރޭޑް 1- 12 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންނަށް ވެސް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ރީޑްއަތޮންއެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ފޮތް ކިޔުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އަދި ކިޔާ ކޮންމެ ފޮތަކަށް އެ ކުއްޖެއްގެ ބެލެނިވެރިއަކު ސީޑީސީ އަށް ހަދިޔާ ކުރަން ތިން ރުފިޔާ ދިނުމަށް އިންތިޒާމް ކުރާ ފަރާތުން އެދެ އެވެ.
އަމިއްލަ އަށް އިސްނަގައިގެން، ކެއާ ސޮސައިޓީގެ އެއްބާރުލުމާ އެކު މިކަން ކުރަނީ ނޫޝާ ހަލީމް އާއި މައިޝާ އަލީ ދީދީ އެވެ.
މައިޝާ މިއަދު ބުނިގޮތުގައި މި ރީޑްއަތޮންގެ މަގްސަދަކީ ސީޑީސީގެ ހިދުމަތް ހުއްޓާނުލުމަށާއި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާމެދު މުޖުތަމައު ހޭލުންތެރިކޮށް، އެ ކުދިންނަށް އެހީތެރިވުމުގެ މުހިއްމުކަން އަންގައިދިނުމެވެ. އަދި ދަރިވަރުންނަށް ފޮތް ކިޔުމުގެ ފުރުސަތު ހޯދައިދީ ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީ ކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
ހުރިހާ ސްކޫލަކުން ވެސް މިހާރު ވަނީ މި ޕްރޮގްރާމް ހިންގުމަށް ފުރުސަތު ދީފަ އެވެ. އަދި މައިޝާ އާއި ނޫޝާ ވަނީ ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް މިކަމާ ބެހޭ މައުލޫމާތު ދީފަ އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮސް، ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލު ކޮށް އެ ބޭފުޅުންގެ އެއްބާރުލުމާ އެކު މިކަން ކުރިއަށް މި ގެންދަނީ،" މައިޝާ ބުންޏެވެ.
މިހާރު 48 ކުއްޖަކަށް އުނގަންނައިދީ ތަމްރީން ދެމުން ގެންދާ ސީޑީސީ މި މަހުގެ ފަހުން ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ނެތް ކަމަށް ކެއާ ސޮސައިޓީން ވަނީ ބުނެފަ އެވެ. އެ ކުދިންގެ ހަރަދުތަކަށާއި މުވައްޒަފުންނާއި ޓީޗަރުންގެ މުސާރަ އަށް އަހަރަކު 58،000ރ. ހަރަދުވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ