މައުމޫން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމުން ރައީސް ނަޝީދު ބަޔާނެއް ނެރުއްވައިފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ބަޔާނެއް ނެރުއްވައިފި އެވެ.
އޮކްޓޫބަރު ،28 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި، 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން އިއްޔެ ސިޔާސީ ހަޔާތްޕުޅު ނިންމަވާލެއްވުމާ ގުޅިގެން ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ގިނަ ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި ބޭފުޅެއްގެ ސިޔާސީ ހަޔާތް ނިންމަވާލެއްވިކަން އިއުލާން ކުރެއްވުމަކީ ދުނިޔެއަށް އާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރެސީގެ ހަމަތަކާއި އިންސާނީ ރިވެތި އުސޫލާ ގުޅޭ ގޮތުން މި ދަނޑިވަޅަށް ތަގުދީރު ކުރެހި ޕްލޭނެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ވެރިއަކު ވެސް އެ ބޭފުޅެއްގެ ވެރިކަމުގައި ގައުމަށްޓަކައި ކޮށްދެއްވި ހިދުމަތްތަކާއި މިންނެތް މަސައްކަތަކެއް ހުންނަ ކަމަށާއި އެއާއެކު އެ ބޭފުޅެއްގެ ވެރިކަމެއްގެ ދާވަނީގައި ކިލަނބު ކަމާއި އަނދިރިކަން އެކުލެވޭ ސިފަތަކެއް އިސް ކުރެއްވުމުގެ ސަބަބުން ހިނގައިދިޔަ އެކަށީގެން ނުވާ ކަންތައްތަކެއް ވެސް އެކުލެވޭ ކަމަށެވެ.
"ރައީސް މައުމޫނުގެ ދިގު 30 އަހަރުގައި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެވިފައިވާ ކަމީ ފެންނާން އޮތް ހަގީގަތެކެވެ. އަދި ހަމަ އެ ވެރިކަން ސިފަ ކުރުމުގައި މައިގަނޑު ތިން ނުކުތާއެއް ފާހަގަ ކުރެވެ އެވެ. އެންމެ ފުރަތަމަ އެ 30 އަހަރާ ގުޅުވައިގެން ދެއްކޭ އަނިޔާވެރިކަމުގެ ވާހަކަ އެވެ. އެއަށް ފަހު، އިޖުތިމާއީ އަދާލަތު ރައްޔިތުންގެ ކިބައިން ގެއްލި، ހައްގުތަށް ފައިދަށު ލެވި، ނާޖާއިޒު ފައިދާ އާއި ކޮރަޕްޝަންގެ އުފުލިފައިވާ ތުހުމަތު ތަކެވެ. އެއާ އެކު ތިންވަނަށް އެ ވެރިކަމުގައިވާ އާއިލީ ސިފަތަކާއި ވިރާސީ ބައްޓަން އެއީ މިހާރު ފާއިތުވެފައިވާ އެހެނަސް އޭރުގެ ހަގީގަތެވެ،" ރައީސް ނަޝީދުގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ރައީސް ވިދާޅުވެފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި، ރައީސް އިބްރާހިމް ނާސިރަށް ދެއްވަން ޖެހޭ ގަދަރާއި އިހުތިރާމް ނެތި ގޮސް، ނާސިރަށް ޖެހި ވަޑައިގެންނެވި ނިކަމެތި ދަތުރު ނުޖެހުނު ނަމަ، އެ އާދަ މި ގައުމުން ނައްތާލުމަށް މިއަދު މަސައްކަތް ކުރާކަށް ނުޖެހުނީސް ކަމަށެވެ.
"އެއް ރިޔާސަތުން އަނެއް ރިޔާސަތަށް ބަދަލުވުމަކީ ބަދަހި ގުޅުމެއް އިސްކޮށް، ގައުމަށްޓަކައި ނިޔަތް އާ ކުރަންޖެހޭ ކަމެއް ކަން އެންމެ ފުރަތަމަ ދުވަހު ވެސް މި ސަރުކާރުން ވާނީ ދެނެގެންފަ އެވެ. އަދި އެ އަމާޒު ހިފެހެއްޓުމަށް ވޭތުވި އަހަރެއްހާ ދުވަހު ކެތްތެރިކަމާއި އަޑު އެހުމާއި ބަލައިގަތުމުގެ ސިފަ ސަރުކާރުން ވާނީ ހިފަހައްޓާފަ އެވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "މި މުހިންމު ދަނޑިވަޅުގައި ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށާއި ދިވެހި ރައްޔިތުންގެ ޕާޓީއަށް ފާގަތި ކަމާއި ކުރިއެރުން އެދެމެވެ."
ރައީސް ނަޝީދުގެ މި ބަޔާނުގައި ރާއްޖޭގެ ތާރީހުގައި ވެރިކަން ބަދަލުވަމުން، ކަންތައް ގޮސްފައިވާ ގޮތަށް ވެސް ބަލައްވާލައްވާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ