ރައީސް ނަޝީދަށް މައުމޫން ފޮނުއްވި ސިޓީ: "ރީކޯ މޫސަ ގަރާރު ހުށަހަޅާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް"

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން ވެފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށްޓަކައި ލ. އަތޮޅު މެމްބަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެހެންވެ އެ ގަރާރު މަޖިލީހުގެ ރައީސް ބަލައިގެންނެވުމަކީ ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދަށް އިއްޔެ މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ 14 މާއްދާއެއްގެ މައްޗަށް ހިމެނޭ އެ ގަރާރުގައި ބުނެފައިވާ ކަންތައްތައް މަޖިލީހުން ނުވަތަ އެ ނޫން ފަރާތަކުން ބެލިޔަސް ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި މައުމޫން ވިދާޅުވެފައި ވަނީ އެ ގަރާރުގައިވާ އެހެން ކަންތައްތަކަކީ، އެ ކަންތައްތައް ހިނގި ދުވަސްވަރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ރަނގަޅަށް ބަލައި ތަހުގީގުކޮށް އަދި ގާނޫނީ ފިޔަވަޅެއް އޮތް ނަމަ އެ ފިޔަވަޅެއް ވެސް އަޅާފައިވާ ކަންތައްތައް ކަމަށެވެ. އެ ކަންތައްތަކާ ބެހޭ ތަހުގީގު ރިޕޯޓްތަކާއި ހުރިހާ ލިޔެކިޔުންތަކެއް ރައީސް އޮފީހާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި ވެސް ހުންނާނެ ކަމަށް ރައީސް މައުމޫނުގެ ސިޓީފުޅުގައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހަށް ރީކޯ މޫސާ މަނިކު ހުށަހަޅާފައިވާ މި ދެންނެވި ގަރާރަކީ، މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން އަޅުގަނޑާ މެދު އަމަލު ކުރައްވާނެ ކަމަށް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރި ކުރައްވައި، ދިވެހި ރައްޔިތުންނާ މަނިކުފާނު ހިއްސާ ކުރައްވާފައިވާ ހަމަޖެހޭ ސިޔާސަތާއި ރީތި ދިމިގުރާތީ ހަމަތަކާ ވެސް ކަނޑައެޅިގެން ހިލާފުވާ ގޮތަށް އޭނާ ހުށަހަޅާފައިވާ ގަރާރެކެވެ،" ހަވީރަށް ކޮޕީއެއް ލިބިފައިވާ މައުމޫނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
މި ސިޓީފުޅާ އެކު މައުމޫން ވަނީ ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގަތުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ގައި އެ ދެ ބޭފުޅުން އެކުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުގެ ކޮޕީއެއް ވެސް ފޮނުއްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އިތުރަށް ވިދާޅުވެފައި ވަނީ އެ މަނިކުފާނު ދެއްކެވި ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާ އަށް ތާރީފު ކުރައްވައި އަދި ދިވެހި ތާރީހުގައި ރާއްޖެ އަށް ޑިމޮކްރެސީ ތައާރަފު ކުރުމުގައި އެންމެ އަގުހުރި އެއް ދައުރު އަދާކުރި މީހާ ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
"އަދި އަޅުގަނޑަށް ދައުލަތުގެ ޕެންޝަނަކާއި އަޅުގަނޑުގެ ހިމާޔަތާއި ދިރިއުޅުމުގެ ކަންކަން މި ރާއްޖޭގައި ވީ އެންމެ ފުރިހަމައަކަށް ހަމަޖައްސަވައި ދެއްވާނޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ، މަނިކުފާނުގެ ނަޒަރުގައި މި ރާއްޖެ އަށް ޑިމޮކްރެސީ ގެނެވޭނީ މި ރާއްޖޭގައި ޑިމޮކްރެސީ އަށަގެންނެވޭނީ، މަނިކުފާނާއި ދިވެހި ރައްޔިތުން އަޅުގަނޑާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ. "މިހާ ސަރީހަކޮށް މިހާ ސާފު އިބާރާތުން އަޅުގަނޑާ ބެހޭ ގޮތުން މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން ކަންތައް ކުރައްވަން ގަސްދު ކުރައްވާ ގޮތާއި އަޅުގަނޑުގެ ޕެންޝަނާއި ހިމާޔަތާއި ދިރިއުޅުމުގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސެވެން އޮތް އެންމެ ފުރިހަމަ ގޮތެއްގައި އަޅުގަނޑަށް ހަމަޖައްސަވައި ދެއްވާނޭ ކަމަށް ވިދާޅުވެ، މި ވާހަކަތައް ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުންނާއި ރޭޑިޔޯ ސްޓޭޝަންތަކުން ވަގުތުން ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދީފައި ވަނިކޮށް، އަދި އެ ކަންތައްތައް މަނިކުފާނު ވިދާޅުވެފައިވާ ގޮތުގެ މަތިން ވަރަށް ރީތިކޮށް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އާއި ދިވެހި ރައްޔިތުން ގަބޫލުކޮށްފައި ވަނިކޮށް، މަނިކުފާނު އެ ދުވަހު ވިދާޅުވި ހަމަޖެހޭ ސިޔާސަތާއި ދިމިގުރާތީ ރީތި ހަމަތަކާ މުޅިން ހިލާފަށް، އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ރީކޯ މޫސާ މަނިކު އިސްވެ ދެންނެވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމީ ކޮޅުނެތް ކޮޅަށް ހިތާމަހުރި ކަމެކެވެ."
މައުމޫން ވިދާޅުވެފައި ވަނީ އެފަދަ ގަރާރެއް ހުށަހެޅުމަކީ ރީކޯ މޫސަ، ރައީސް ނަޝީދާއި ސަރުކާރަށާއި ގާނޫނު އަސާސީ އަށާއި ދިވެހި ރައްޔިތުންނަށް ކޮށްފައިވާ ހުތުރުކަން ބޮޑު ފުރައްސާރައެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީގެ ބާނީ ކަމަށް ވެފައި އެމަނިކުފާނުގެ އިޝާރާތްޕުޅަކަށް ނޫނީ އެމްޑީޕީގެ މެމްބަރަކު އެފަދަ ގަރާރެއް ހުށަނާޅާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށް ވެސް ރައީސް މައުމޫނުގެ ސިޓީފުޅުގައިވެ އެވެ.
"ރީކޯ މޫސާ މަނިކު ހުށަހަޅާފައި އެވާ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ބަހުސަކަށް ހުށަހެޅިއްޖެ ނަމަ، އެކަން ވެގެންދާނީ ރާއްޖޭގެ އާ ދިމިގްރާތީ ހަޔާތުގެ ތަނބުތައް މުޅިން ފުނޑުފުނޑުކޮށްލާ ކަމަކަށްކަން ކަށަވަރެވެ. ހަމަ އެހެންމެ، އެކަން ވެގެންދާނީ އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ސިޔާސީ ފިތުނައެއް އުފެދި އާންމު މަސްލަހަތު ގެއްލިގެންދާނެ ކަމަކަށް ކަން ވެސް ޔަގީނެވެ،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
އެ ސިޓީފުޅުގައި އަދި ވިދާޅުވެފައިވަނީ ރީކޯ މޫސަ ހުށަހަޅުއްވާފައިވާ ގޮތަށް ކަންކަން ހިނގައިފި ނަމަ ކުރިމަގުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައި އެ މަގާމުން ވަކިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނާ ބެހޭ ގޮތުން ވެސް ދިމިގްރާތީ ރޫހާ ހިލާފު އެފަދަ ހުތުރުކަން ބޮޑު އިހާނެތި އަމަލުތައް ކުރެވެމުންދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ. އެ ގޮތުން ރައީސްގެ މަގާމުން ނަޝީދު ވަކިވެވަޑައިގަންނަވާ ދުވަހަކުން އެ ބާވަތުގެ އަނިޔާވެރި އަމަލުތައް އެ މަނިކުފާނާ ބެހޭ ގޮތުން ވެސް ހިނގާނެކަން ކަށަވަރު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
"ވީމާ އެމްޑީޕީގެ މެމްބަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވާ ޒާތީ ހަސަދަ އާއި އޮޅުވާލުމާއި ހަގީގަތާ ހިލާފު މައުލޫމާތާއި ދޮގު އިލްޒާމްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އޮއްޓަރެއް ނެތް، އަދި ގާނޫނު އަސާސީގެ 128 ވަނަ މާއްދާއާ ހިލާފު ގަރާރުގެ ސަބަބުން މަނިކުފާނުގެ ސަރުކާރަށް ބަދަލު ހިފުމުގެ ސަރުކާރެއްގެ ހުތުރު ނަން ލިބި، މަނިކުފާނުގެ ބަހުގެ އިތުބާރު ގެއްލި، ދިވެހިރާއްޖެ އަށް އަޅުގަނޑުމެން އެންމެން ވެގެން ތައާރަފު ކޮށްފައިވާ ޒަމާނީ ޑިމޮކްރެސީގެ ތަސައްވުރު ކިލަނބުވެ، މަނިކުފާނުގެ އިސްތަށިފުޅުގައި މިކަމުގެ އިލްޒާމް އެޅުވި، ބޭރު ދުނިޔޭގައި މަނިކުފާނާއި ރާއްޖެ ބަދުނާމުވެ، މުޅި ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ސުލްހަ މަސްލަހަތު ގެއްލި، ބޮޑެތި ހަމަނުޖެހުންތަކަކަށް މަގު ފަހިވެގެން ހިނގައިދާނެތީ، މި މައްސަލަ މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ،" ރައީސް މައުމޫނުގެ ސިޓީފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫނުގެ ސަރުކާރުން ވެފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް މަޖިލީހުން ހާއްސަ ކޮމެޓީއެއް ނެގުމަށް ރީކޯ މޫސަގެ ގަރާރުގައި ހުށަހަޅާފައިވެ އެވެ. އަދި އެ ގަރާރު ވަނީ ރައްޔިތުންގެ މަޖިލީހުން މާޗް 21 ގައި ބަލައިގެންފަ އެވެ. އަދި މި މަހު 6 އިން ފެށިގެން އެ ގަރާރު އަންނަނީ މަޖިލިހުގެ އެޖެންޑާ ގައި ވެސް ހިމަނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ